Advertisement

ނަޝީދު އާއި ޑިމޮކްރެޓުން އެމްޑީޕީއަށް އެނބުރި އަންނަން ނިންމީ މުސްތަގުބަލު އޮތީ ހަމައެކަނި އެމްޑީޕީގައި ކަމަށް ވާތީ: ޝާހިދު

18 ޖޫން 2025 - 21:06 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: އޭނާ ވިދާޅުވީ ނަޝީދު އާއި ޑިމޮކްރެޓުން އެނބުރި އަންނަން ނިންމީ މުސްތަގުބަލު އޮތް ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށް ވާތީ ކަމަށް --- ފޮޓޯ: އެމްޑީޕީ


ނަޝީދު އާއި ޑިމޮކްރެޓުން އެމްޑީޕީއަށް އެނބުރި އަންނަން ނިންމީ މުސްތަގުބަލު އޮތީ ހަމައެކަނި އެމްޑީޕީގައި ކަމަށް ވާތީ: ޝާހިދު

18 ޖޫން 2025 - 21:06 0

އެމްޑީޕީގެ ކުރީގެ ރައީސް އުފެއްދެވި ދަ ޑިމޮކްރެޓްސް އުވާލާ އެމަނިކުފާނާއި ޕާޓީގެ ހުރިހާ މެންބަރުން އެނބުރި އެމްޑީޕީއާ ގުޅެން ނިންމީ މުސްތަގުބަލު އޮތް ހަމައެކަނި ޕާޓީއަކީ އެ ޕާޓީ ކަމަށް ވާތީ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އެހެން ޕާޓީތަކުގެ މެންބަރުން އެމްޑީޕީއާ ގުޅެން ބޭނުންވަނީ އެއީ ރާއްޖޭގައި މުސްތަގުބަލެއް އޮތް ހަމައެކަނި ސިޔާސީ ޕާޓީއަށް ވާތީ ކަމަށެވެ.

"އަޅުގަނޑަށް ފެންނަނީ ގުޅިވަޑައިގަންނަވާ ބޭފުޅުންނަށް މަރުހަބާ ކިޔަން. އަޅުގަނޑުމެންނަކީ މާޒީގެ އަޅުން ކަމަށް ވެގެން ނުވާނެ. އަޅުގަނޑުމެން ވިސްނަން ވާނީ މުސްތަގުބަލަށް." މީގެ ތިން އަހަރު ފަހުން އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިވާ ކަމަށް އަޑުފެތުރިފައިވާ ޝާހިދު ވިދާޅުވި އެވެ.

ޝާހިދުގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ވެސް ވަނީ މިވަގުތު ވިސްނަންވީ ޕާޓީ ވީހާ ވެސް ބޮޑުކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، ޕާޓީ ތެރޭގައި ކުރިން ވީ ކަންކަމަކީ އަލުން އިއާދަ ވެގެން ވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާސީ ކަންކަމުން ދުރުވެ މިވަގުތު ގާނާގައި ދިރިއުޅުއްވާ ނަޝީދު އެނބުރި ރާއްޖެ ވަޑައިގެން ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީ ބޭއްވީ އިއްޔެ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ގިނަ މެންބަރުންގެ ތާއީދާއެކު ނިންމީ ޑިމޮކްރެޓްސްގެ ހުރިހާ މެންބަރުން އަލުން އެމްޑީޕީއާ ގުޅުމަށެވެ.

އެ ގަރާރު ފާސްކުރުމާއެކު ނަޝީދު އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް، އީވާ އަބްދުالله ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމަވައިފަ އެވެ. އެ ދެ ބޭފުޅުންނާއެކު ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވި ބައެއް އެހެން ބޭފުޅުން ވެސް އެމްޑީޕީއާ ގުޅިވަޑައިގަންނަން ނިންމަވާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް ބާއްވަން ނިންމީ ނަޝީދު އަދި ޑިމޮކްރެޓްސް އިން ނިންމި ނިންމުމާ ގުޅިގެންނެވެ.

ނަޝީދު އާއި އީވާގެ އިތުރުން ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅެން ނިންމާފައި މިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓުގެ ވާދަވެރިކަން އެމްޑީޕީ ތެރޭގައި ބޮޑުވެފައި ވަނިކޮށެވެ. އެ ޕާޓީގެ ތެރޭގައި ވާދަވެެރިކަން ބޮޑުވެފައިވާއިރު، ރިޔާސީ އިންތިހާބުގައި ވާދަކުރުމާމެދު އެމްޑީޕީގެ އިސް ބޭފުޅުންގެ ހިިޔާލު ނަޝީދު ވެސް ވަނީ ހޯއްދަވައިފަ އެވެ.