Advertisement

ހަ ދުވަސް ކުރިން ކަސްޓަމުން އަތުލައިގަތް 18 ކިލޯ މަސްތުވާތަކެތި މައްސަލައިގައި އަދިވެސް އިތުރު މީހަކު ހައްޔަރެއް ނުކުރޭ!

16 ޖޫން 2025 - 17:21 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މިދިޔަ އަންގާރަ ދުވަހުގެރޭ އެއާޕޯޓުން އަތުލައިގަތް 18 ކިލޯގެ މަސްތުވާތަކެތި -- ފޮޓޯ: ކަސްޓަމްސް


ހަ ދުވަސް ކުރިން ކަސްޓަމުން އަތުލައިގަތް 18 ކިލޯ މަސްތުވާތަކެތި މައްސަލައިގައި އަދިވެސް އިތުރު މީހަކު ހައްޔަރެއް ނުކުރޭ!

16 ޖޫން 2025 - 17:21 1

މިދިޔަ އަންގާރަ ދުވަހުގެރޭ ވައިގެ މަގުން އެތެރެކުރަން އުޅެނިކޮށް ކަސްޓަމުން އަތުލައިގަތް 18 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން އަދިވެސް އިތުރު މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ މައްސަލައިގައި މީހަކު ހައްޔަރު ނުކުރާކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އަދަދު އަށް ކަށަވަރު ކޮށްދީފަ އެވެ.

އަންގާރަ ދުވަހުގެރޭ ކަސްޓަމްސްއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތީ ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ފޮރުވާފައި ހުރި 18.62 ކިލޯގެ ކެނަބިނޮއިޑްސް އެވެ. އެތަކެތީގެ މަގުމަތީގެ އަގަކީ 26 މިލިއަން ރުފިޔާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެ ތަކެތި ރާއްޖެއަށް ގެނައީ ކާކު ކަމެއް ކަސްޓަމްސްއިން އަދިވެސް ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ މައުލޫމާތަކީ ކަސްޓަމްސްއަށް އެނގޭނެ މައުލޫމާތެކެވެ.

އެ މައްސަލައާ ގުޅިގެން މިދިޔަ ބުދަ ދުވަހު މީހަކު ހައްޔަރުކުރި އެވެ. ފުލުހުން އެ ދުވަހު ހައްޔަރުކުރީ 18 ކިލޯގެ މަސްތުވާތަކެތި ބަންދުކޮށްފައި ހުރި މުދާ ކްލިއާ ކުރަން އެއާޕޯޓަށް ދިޔަ ބަންގްލަދޭޝް މީހާ އެވެ.

ނަމަވެސް އެ ބިދޭސީ މީހާ އާއި މަސްތުވާތަކެތި އެތެރެކުރި މީހުންނާ ގުޅުމެއް އޮތް ކަމަށް ފުލުހުންގެ ތަހުގީގަށް ނުފެންނަ ކަމަށް ބުނެ ޖެހިގެން އައި ބުރާސްފަތި ދުވަހު ފުލުހުންގެ ބަންދުން އޭނާ ދޫކޮށްލި އެވެ.

އެ އޮޕަރޭޝަނާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދާ އެއްގޮތަށް ކަސްޓަމްސްގެ މުވައްޒަފުން ބޯޑަރު ބެލެހެއްޓުމަށް ކުރައްވާ މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.