މެންޗެސްޓާ (ޖޫން 16) - މެންޗެސްޓާ ޔުނައިޓެޑްގެ ކިބައިން ބަދަލުހިފުމަކީ އޭނާގެ އަމާޒެއް ކަމަށް މެންޗެސްޓާ ސިޓީ އަށް ދާދި ފަހުން ސޮއިކުރި ފްރާންސްގެ ވިންގް، ރަޔާން ޗާކީ ބުނެފި އެވެ.
ފްރާންސްގެ 21 އަހަރުން ދަށުގެ ގައުމީ ޓީމާއި ސީނިއާ ޓީމަށް ވެސް ކުޅޭ ޗާކީ ވަނީ 35 މިލިއަން ޑޮލަރުގެ ޑީލެއްގައި ސިޓީ އަށް ބަދަލުވެފަ އެވެ.
ޗާކީ، 21، އެންމެ ފަހުން ކުޅުނު ލިޔޯން ވަނީ މި ދިޔަ ޔޫރޮޕާ ލީގުގައި ހިތްދަތި ގޮތަކަށް މެންޗެސްޓާ ޔުނައިޓެޑް އަތުން ކަޓައިފަ އެވެ. އެ ގޮތުން، ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ދެ ވަަނަ ލެގުގެ އިތުރު ވަގުތުގެ ދެ ހާފް ކުޅުނުއިރު، ލިޔޯން އަތުން 4-2 ގެ ލީޑެއް ގެއްލި މުބާރާތުން ކެޓީ އެވެ. ޔުނައިޓެޑް އެ މެޗުން 5-4 އިން މޮޅުވެ، އެގްރިގޭޓަށް ބަލާއިރު ކުރިހޯދީ 7-6 އިންނެވެ.
"އަހަންނަށް އެއްވެސް ވަރަކަށް ކަމަކުނުދޭ އެ މީހުން (މެންޗެސްޓާ ޔުނައިޓެޑް) މޮޅުވި ގޮތް، އެއީ އަހަންނަކީ ލިޔޯނަށް ނިސްބަތްވާ މީހެއް. އަހަރެން މިހާރު އިންތިޒާރު ކުރަމުން މި ދަނީ، ދެން، އެ މީހުންނާ ކުޅެން ޖެހޭ މެޗެއްގައި، އެ މީހުންގެ ކިބައިން ބަދަލުހިފަން،" ޗާކީ ބުންޏެވެ.
ލިޔޯން ޓީމަށް އުމުރުން 16 އަހަރުގައި ކުޅެން ފެށި ޗާކީ ވަނީ އެ ޓީމަށް ކުޅެދިން 185 މެޗުން 29 ގޯލު ޖަހައި، 45 ލަނޑު ޖަަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ޗާކީ ބުނީ، އޭނާ ސިޓީގައި ވެސް އަމިއްލަ ޓާގެޓްތަކެއް ހާސިލްކުރަން ބޭނުންވާ ކަމަށެވެ.
ސިޓީއާ ގުޅުނީ އެ ޓީމު ދޫކޮށްލި ލެޖެންޑަރީ، މިޑްފީލްޑަރު، ކެވިން ޑި ބްރޭނާ ނެތްތަން ފޫބެއްދުމުގެ ވިސްނުމުގައި ނޫން ކަމަށާއި ޓާގެޓަކީ އަމިއްލަ ކެރިއަރު އެހެން ހަރުފަތަކަށް ގެންދިއުން ކަމަށް ވެސް ޗާކީ ވަނީ ބުނެފަ އެވެ.
އެ ގޮތުން، ކްލަބް ވޯލްޑް ކަޕް މުބާރާތް ސިޓީއާ އެކު ކާމިޔާބު ކުރުމަކީ، މި ވަގުތު އެންމެ ފުރަތަަމަ އޮތް ޓާގެޓް ކަމަށް ޗާކީ ވަނީ ބުނެފަ އެވެ.
Comment