15 ޖޫން 2025 - 22:43 5
އަހުމަދު އާއިދު
ފުލުހުންގެ މައި އިދާރާ: އެ ހިދުމަތުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޖެމްކިއު ސްކީމުގައި ބައިވެރިކުރުވާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް --- ފޮޓޯ: އަތޫފް އާތިފް / އަދަދު
15 ޖޫން 2025 - 22:43 5
ދިވެހިންގެ މެދުގައި މިހާރު މަގުބޫލުވެފައިވާ ޖެމްކިއު ނުވަތަ ޖީއެމްސީއީ އިންވެސްޓްމަންޓް ސްކީމަކީ ޕިރަމިޑް ސްކީމެއް ކަމަށާއި އެ ސްކީމު ހިންގައި އޭގައި ބައިވެރިވާނެ އިތުރު މީހުން ހޯދާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ އިދާރާ އާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގުޅިގެން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މިކަމަށް ބޭނުންކުރާ އިންޓަނެޓް ޕްލެޓްފޯމުން ކްރިޕްޓޯ ގްރިޑް ޓްރޭޑިން ކުރާ ކަމަށް ދައްކަނީ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ކަމަށެވެ.
ޔޫއެސްޑީޓީ ބޭނުންކޮށްގެން އިންވެސްޓްކުރެވޭ މި ޕްލެޓްފޯމަކީ ރާއްޖޭގެ ގާނޫނާއި ހިލާފަށް ސީއެމްޑީއޭގައި ރަޖިސްޓްރީނުކޮށް ހިންގާ ސްކީމެއް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. އެހެންކަމުން މިއީ ގާނޫނާ ހިލާފު ސްކީމެއް ކަމަށް ފުލުހުން ވަނީ ކަނޑައަޅާފަ އެވެ.
މިއީ ޕިރަމިޑް ސްކީމެއް ކަމަށާއި ސްކީމް ހިންގާ ފަރާތްތަކުން އިންވެސްޓަރުންނަށް އޮޅުވާލަމުންދާކަން ބޭރުގެ ތަހުގީގީ އިދާރާތަކާ ގުޅިގެން ކުރެވުނު މަސައްކަތުން މިހާތަނަށް ހޯދިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެހެންކަމުން މިފަދަ ސްކީމްތަކުގައި ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީ ވެސް ކުށެއް ކަމަށާއި މި ސްކީމް ހިންގާ، ޕްރޮމޯޓުކޮށް، އޭގައި ބައިވެރިވުމަށް މީހުން ހޯދާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފައިވެ އެވެ.
ފުލުހުންގެ ބަޔާން ނިންމާލާފައިވަނީ ސްކޭމްތައް އާންމުވަމުން އަންނައިރު، ބުރަ މަސައްކަތުން އެއްކުރާ ފައިސާ ބެލުމެއްނެތި މިފަދަ ސްކީމްތަކަށް އިންވެސްޓް ނުކުރުމަށް އިލްތިމާސްކުރަމުންނެވެ. މީގެ ކުރިން ވެސް ފުލުހުން ވަނީ މިފަދަ އިލްތިމާސްތަކެއް ކޮށްފަ އެވެ.
Comment