Advertisement

އިޒްރޭލާއި އިރާނުން ވަރުގަދަ ހަމަލާތަކެއް ދީފި

15 ޖޫން 2025 - 07:10 0

އިޒްރޭލްގެ ތެލް އަވީވްއާ ކައިރި ސަރަހައްދަކަށް އިޒްރޭލުން ދިން މިސައިލް ހަމަލާ އަމާޒުވެ، ފުނޑުފުނޑުވެފައިވާ އިމާރާތެއް ކައިރީގައި އިޒްރޭލް ސިފައިން ހަރަކާތްތެރިވަނީ. -- ފޮޓޯ: އޭޕީ


އިޒްރޭލާއި އިރާނުން ވަރުގަދަ ހަމަލާތަކެއް ދީފި

15 ޖޫން 2025 - 07:10 0

އިރާނުގެ އާންމު ތަންތަނަށާއި، ހަކަތަ ރައްކާކުރާ ބައެއް ތަންތަނަށް އިޒްރޭލުން ހަމަލާ ދިނުމުން، ހައިފާ އާއި ތެލް އަވީވް ހިމެނޭހެން އިޒްރޭލުގެ ގިނަ ތަންތަނަކަށް އިރާނުން ރައްދު ހަމަލާ ދީފި އެވެ.

ހަމަލާތައް އަމާޒުވި ތަންތަނުގެ ތެރޭގައި އިރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ ތެޔޮ ރައްކާކުރާ ތަނެއް ވެސް ހިމެނެ އެވެ.

އެ ހަމަލާތަކުގެ ރައްދުގައި އިރާނުން އިޒްރޭލް އަމާޒުތަކަށް ފޮނުވައިލި މިސައިލް އާއި ޑްރޯން ހަމަލާތަކުގައި މަދުވެގެން ހަތް މީހުން މަރުވެފައިވާ ކަމަށް އަލްޒަޖީރާއިން ރިޕޯޓުކޮށްފައިވެ އެވެ.

އީރާނުގެ މީޑިއާތަކުން ބުނާ ގޮތުގައި ފާއިތުވި ދެ ދުވަހުގެ ތެރޭގައި އިޒްރޭލަށް ދިން ހަމަލާތަކުގައި 80 މީހުން މަރުވެ 800 މީހުން ޒަހަމްވެފައިވެ އެވެ.

އިޒްރޭލުން ބުނާ ގޮތުގައި އެ ގައުމުން ހަމަލާ ދިނީ ނިއުކްލިއާ ހަތިޔާރާ ގުޅުން ހުރި ތަންތަނަށެވެ.

އިރާނުން ދިން ބައެއް ހަމަލާތައް އަމާޒަށް ވާސިލްވުމުގެ ކުރިން އިޒްރޭލްގެ އަޔަން ޑޯމްއިން ވަނީ ވައްޓުވައިފަ އެވެ.

އިރާނުގެ ބައެއް ހަމަލާތައް އިޒްރޭލުގެ އަޔަން ޑޯމްއިން ހުއްޓުވަނީ. -- ފޮޓޯ: އޭޕީ


އިޒްރޭލުން އިރާނަށް ހަމަލާ ދިނީ އެމެރިކާއާއެކު ނިއުކްލިއާ މަޝްވަރާތަކުގެ ހަ ވަނަ ބުރު އޮމާންގައި ބާއްވަން ގާތް ވެފައި ވަނިކޮށެވެ.

އިޒްރޭލުން ހަނގުރާމަ ފެށުމާއެކު އެ މަޝްވަރާ ކުރިއަށް ނުގެންދަން އިރާނުން ވަނީ ނިންމައިފަ އެވެ.

އެމެރިކާގެ ރުހުން ނެތި އިޒްރޭލުން އިސްވެ ހަމަލާ ދޭން ނުފަށާނެ ކަމަށް އިރާނުން ގަބޫލުކުރެ އެވެ.

އިރާނުން އިޒްރޭލަށް ރައްދު ހަމަލާ ދޭން ފަށާފައިވާއިރު، ފުރަތަމަ ދުވަހު އިޒްރޭލުން އިރާނަށް ދިން ހަމަލާތަކުގައި އެ ގައުމުގެ އަސްކަރިއްޔާގެ އިސް ގިނަ ބަޔަކު މަރާލާފައިވެ އެވެ. އޭގެތެރޭގައި އިރާން ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ކޮމާންޑާ އިން ޗީފް، ހޮސެއިން ސަލާމީ އާއި އިރާން އާމްޑް ފޯސެސްގެ ޗީފް އޮފް ސްޓާފް، މުހައްމަދު ބަޣޭރީ ހިމެނެ އެވެ.

އޭގެ އިތުުރުން އެ ގައުމުގެ ނިއުކްލިއާ ސައިންޓިސްޓުން، މުހައްމަދު މެހްދީ ތެހްރާންޗީ އަދި ފެރޭދޫން އައްބާސީ ވެސް އިޒްރޭލުގެ ހަމަލާތަކުގައި މަރުވެފައިވާކަން އިރާނުން ވަނީ ކަށަވަރުކޮށްދީފަ އެވެ.