Advertisement

ސަޕްލަޔަރަށް ފައިސާ ނުދައްކާތީ ފެނަކައިގެ ކޭބަލް ޝިޕްމަންޓެއް މާލޭ ބަނދަރުގައި ތާށިވެފައި

14 ޖޫން 2025 - 21:44 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ސަޕްލަޔަރަށް ފައިސާ ނުދައްކާތީ ފެނަކައިގެ ކޭބަލް ޝިޕްމަންޓެއް މާލޭ ބަނދަރުގައި ތާށިވެފައި

14 ޖޫން 2025 - 21:44 3

އަށާރަ ރަށެއްގެ ކަރަންޓު ނެޓްވޯކު ރަނގަޅު ކުރަން ކަމަށް ބުނެ ފެނަކައިން އޯޑަރު ދިން ކޭބަލް ޝިޕްމަންޓަށް ފައިސާ ނުދައްކަތީ އެ ތަކެތި މާލޭ ވިޔަފާރި ބަނދަރުގައި ތާށިވެފައި ހުންނަތާ ތިން މަސް ދުވަސް ވެއްޖެ އެވެ.

އެއް މަސްދަރަށް ވުރެ ގިނަ މަސްދަރުން އަދަދު ނޫހަށް ކިޔައިދިން ގޮތުގައި 60 މިލިއަން ރުފިޔާގެ ކޭބަލް ގަންނަން ދުބާއީގެ އަލްފާ އިންޖިނިއަރިން އާ ހަވާލުކުރީ މުއާޒު މުހައްމަދު ރަޝީދު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ދުވަސްވަރު އެވެ.

އެ މަޝްރޫއުގެ އެޑްވާންސް ފައިސާގެ ގޮތުގައި އަގުގެ 15 އިންސައްތައަށްވާ 9 މިލިއަން ރުފިޔާ ވެސް ވަނީ ދައްކައިފަ އެވެ.

"ފެނަކައިން ހިދުމަތްދޭ ރަށްތަކުގެ ކަރަންޓު ނެޓްވޯކުގެ ފެންވަރު ރަނގަޅު ކުރުމަށް ގެނެސްފައިވާ ކޭބަލް ޝިޕްމަންޓެއް ނުނެރެވި، ތިން މަސްވަނީ. ޝިޕްމަންޓްގައި 21 ކިލޯމީޓަރު ވޯލްޓޭޖް ކޭބަލް އަދި 6.5 ކިލޯމީޓަރު ހައި ވޯލްޓޭޖް ކޭބަލް ހިމެނޭ،" އެކަމުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

"ޝިޕްމަންޓް ކްލިއާ ނުކުރެވިގެން އުޅެނީ މުދާ އައުމުން ސަޕްލަޔަރަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން،"

އެނގިފައިވާ ގޮތުގައި ޝިޕްމަންޓު ކްލިއާ ނުކުރުމުގެ ސަބަބުން، ޑެމަރޭޖަށް މިހާރު ގިނަ އަދަދެއްގެ ފައިސާ ވެސް ވަނީ އަރައިފަ އެވެ.

މިކަމާ ގުޅިގެން ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހުއާ ސުވާލުކުރުމުން ވިދާޅުވީ ފެނަކައިން ޒިންމާވާ ގޮތަށް އެއްވެސް ޝިޕްމަންޓެއް ގެނެސްފައި ނުވާ ކަމަށެވެ.

ކަރަންޓު ނެޓްވޯކުގެ ހާލަތު ރަނގަޅު ކުރަން ކޭބަލްތައް ގެނެސް، ފޯރުކޮށްދޭން ނިންމި 18 ރަށް:

  1. ޅ. ހިންނަވަރު
  2. ށ. ފުނަދޫ
  3. ރ. މަޑުއްވަރީ
  4. ތ. ވިލުފުށި
  5. ދ. ކުޑަހުވަދޫ
  6. ހއ. ހޯރަފުށި
  7. ލ. ގަން
  8. ބ. ދަރަވަންދޫ
  9. ނ. މާފަރު
  10. ތ. ތިމަރަފުށި
  11. ރ. މީދޫ
  12. ހއ. ފިއްލަދޫ
  13. ގދ. ގައްދޫ
  14. މ. ކޮޅުފުށި
  15. ތ. ގުރައިދޫ
  16. ހދ. ކުޅުދުއްފުށި
  17. ޏ. ފުވައްމުލައް ސިޓީ
  18. ސި ހިތަދޫ

ފެނަކަ ކޯޕަރޭޝަނުން ހިދުމަތް ދެމުންދާ ރަށްތައް، ވަކިން ހާއްސަކޮށް އައްޑޫ ސިޓީގައި ކަރަންޓު ކެނޑުމުގެ މައްސަލަ އަންނަނީ ދިމާވަމުންނެވެ. އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވާ ގޮތުގައި އެ ރަށުގެ ކަރަންޓު ނެޓްވޯކް އެއްކޮށްހެން ހަލާކުވެފައި އޮތުމުން، އެކަން ހައްލުކޮށްގެން ނޫން ގޮތަށް އައްޑޫގެ ކަރަންޓު މައްސަލައަށް ހައްލު ނުގެނެވޭނެ އެވެ.