Advertisement

16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސް: އިންޑިއާ އަތުން ބަލިވެ، ރާއްޖެ ތިން ވަނަ ހޮވާ މެޗަށް

14 ޖޫން 2025 - 20:49 0

އަތޫފް އާތިފް

އަތޫފް އާތިފް


16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސް: އިންޑިއާ އަތުން ބަލިވެ، ރާއްޖެ ތިން ވަނަ ހޮވާ މެޗަށް

14 ޖޫން 2025 - 20:49 0

ފީބާ، 16 އަހަރުން ދަށުގެ އޭޝިއާ ކަޕް، ސާބާ ކޮލިފަޔާސްގައި ރާއްޖޭގެ ޒުވާން އަންހެން ޓީމުން ކުޅުނު ތިން ވަނަ މެޗުގައި އިންޑިއާ އަތުން ބަލިވެ، ތިންވަނަ ހޮވާ މެޗު ކުޅެން ޖެހިއްޖެ އެވެ.

މި މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދީ 104-17 އިންނެވެ. އެކަމަކު ދެ ވަނަ މެޗުގައި ސްރީ ލަންކާ އަތުން ބަލިވީ 71-45 އިންނެވެ. އެހެންވެ، ފައިނަލުގެ ޖާގަ އެއް ހޯދަން ރާއްޖެ އަށް ފުރުސަތެއް އޮތީ މިއަދުގެ މެޗުން އިންޑިއާ ބަލިކޮށްގެންނެވެ.

އެކަމަކު، ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުން އިންޑިއާ އަތުން ރާއްޖެ ބަލިވީ 136-21 ޕޮއިންޓުންނެވެ.

ރާއްޖޭގެ ކޯޗު، ގުރައިޝް އަފްރާހު (ގުރޭ)، އާ ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީގެން ކުޅުނު މި މެޗުގެ ފުރަތަމަ ކުއާޓާގައި ރާއްޖެ އަށް ސްކޯކުރެވުނީ ދެ ޕޮއިންޓެވެ. މި ކުއާޓާގައި އިންޑިއާ އިން ވަނީ 36 ޕޮއިންޓް ސްކޯކޮށްފަ އެވެ.

ދެވަނަ ކުއާޓާގައި ރާއްޖެއަށް ފަސް ޕޮއިންޓް ސްކޯކުރެވުނުއިރު، މި ކުއާޓާ އިންޑިއާ އިން ނިންމާލީ 74-7 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ.

މެޗުގެ ތިންވަނަ ކުއާޓާގައި އިންޑިއާއިން ސެންޗަރީ އެއް ހަމަކުރިއިރު، މި ކުއާޓާ އިންޑިއާއިން ނިންމާލީ 105 -13 އިން ކުރީގައި އޮވެގެންނެވެ.

ރާއްޖެއިން އެންމެ ރަނހަޅަށް ކުޅުނީ ހަތަރުވަނަ ކުއާޓާގަ އެވެ. މި ކުއާޓާގައި ރާއްޖެއިން ވަނީ 15 ޕޮއިންޓް ސްކޯކޮށްފަ އެވެ.

މި މެޗުގައި އިންޑިއާ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ޑިނާލް ވިތާނީ އެވެ. އޭނާ ވަނީ މި މެޗުގައި 20 ޕޮއިންޓް ސްކޯކޮށް 12 ރީބައުންސް ނަގާފަ އެވެ.