14 ޖޫން 2025 - 14:46 0
މިދިޔަ އަހަރުގެ އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ އާއި އަލް އަރަބި ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
14 ޖޫން 2025 - 14:46 0
އޭޝިއާގެ މަައި ފުޓްބޯޅަ އިދާރާ، އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)ގެ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދަން ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުވެއިތުގެ އަލް އަރަބިއާ ބައްދަލުކުރަން ޖެހިއްޖެ އެވެ.
އޭއެފްސީގެ ކޮމްޕެޓިޝަން ރޭންކިން އާއި އެހެނިހެން ކަންކަމަށް ބަލާއިރު، ދެކުނު އޭޝިއާ ސަރަހައްދުގެ ޓީމުތައް ޗެލެންޖް ލީގުގެ ޕްލޭއޮފުގައި ކުޅެން ޖެހޭ ޓީމުތައް ވަނީ ކަނޑައަޅައިފަ އެވެ. އެ ގޮތުން، އެންމެ ފުރަތަމަ މާޒިޔާ އިން ކުޅެން ޖެހިފައި އޮތީ، ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއާ އެވެ. އެކަމަކު، ފަހުން، އޭއެފްސީން ރޭންކިން އާއި ފުރުސަތު ލިބުނު އެހެން ކްލަބްތަކުގެ ކަންކަމަށް ބެލުމަށް ފަހު، މާޒިޔާ އިން ކުޅެން ޖެހުނީ އަލް އަރަބިއާ އެވެ.
މާޒިޔާ އިން މިދިޔަ އަހަރު އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބުނެވެ. އެ ގޮތުން، ސެންޓްރަލައިޒްކޮށް ކުވެއިތުގައި ގްރޫޕް ސްޓޭޖުގެ ކުޅުނުއިރު، ދެ ވަނަ މެޗުގައި، އަލް އަރަބިއާ ބައްދަލުކުރި އެވެ. އެ މެޗުން، މާޒިޔާ ބަލިވީ 2-0 އިންނެވެ. މި ފަހަރު މި ދެ ޓީމުގެ ކުރިމަތިލުން، ގްރޫޕް ސްޓޭޖުގެ ޖާގައެއް ކަނޑައެޅުމަށް އޮތްއިރު، އެ މެޗު ޝެޑިއުލްކޮށްފައި އޮތީ އޮގަސްޓް 12 ވަނަ ދުވަހު މާލޭގަ އެވެ.
އަލް އަރަބިން ވަނީ، ކުވެއިތު ލީގުގެ ދެ ވަނަ ހޯދުމުގެ އިތުރުން، ކުވެއިތު އަމީރު ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ޖެހިޖެހިގެން ދެ ވަނަ އަހަރު ރާއްޖޭން އޭއެފްސީގެ ކްލަބް ލައިސަންސް ހޯދި ހަމައެކަނި ޓީމު މާޒިޔާ އަށް މި ފަހަރުގެ އޭއެފްސީ ޗެލެންްޖް ލީގުން ފުރުސަތު ދިނީ ހާއްސަ ކްރައިޓީރިއާއަކުންނެވެ. ރާއްޖޭގައި މިދިޔަ އަހަރު ލީގު ބާއްވާފައި ނުވި ނަމަވެސް، މާޒިޔާ އަށް މިދިޔަ އަހަރުތަކުގައި ރާއްޖޭގެ ފުޓްބޯޅައިގައި ހޯދި ކާމިޔާބީ އާއި އޭއެފްސީ މުބާރާތްތަކުގައި ވާދަކޮށްފައިވާތީވެ، މި އަހަރުގެ އޭއެފްސީ ފުރުސަތު ދިނީ، އޭއެފްސީން ބަލާ މިންގަނޑުގެ ތެރެއިން އެފްއޭއެމް އިން މަސައްކަތްކޮށްފައިވާތީ އެވެ.
މާޒިޔާ އިން ވަނީ ދާދި ފަހުން، މާލޭގައި ކުޅުނު އެފްއޭއެމް ލީގު ކަޕުގެ ޗެމްޕިއަަންކަން، ސްޕެއިނުގެ ކޯޗު، ލުއިސްމާ ހެނާންޑޭޒްގެ ކޯޗުކަމުގައި މެޗަކުން ބަލިނުވެ ހޯދައިފަ އެވެ.
މިދިޔަ އަހަރު މާޒިޔާ އިން އޭއެފްސީ ޗެލެންޖް ލީގުގެ މެޗުތައް ކުޅެން ޖެހުނީ، ކުވެއިތުގަ އެެވެ. އެ ގޮތުން، މާޒިޔާ ވަނީ ފުރަތަމަ މެޗުގައި، ތުރުކުމެނިސްތާން ޗެމްޕިއަން، އަދި އެ މުބާރާތުގެ ވެސް ފުރަތަމަ ތަށި އުފުލާލި ޓީމު، އަކްރަޑަގް އަތުން 2-1 އިން ބަލިވެފަ އެވެ. ގްރޫޕް ސްޓޭޖުގެ ތިން ވަނަ މެޗުގައި، ކިރްގިސްތާންގެ އަބްދީޝް އަތުން މާޒިޔާ ބަލިވީ 3-0 އިންނެވެ.
Comment