Advertisement

މޮނާކޯ އިން ޕޮގްބާ އަށް ހުށަހެޅުމެއް

14 ޖޫން 2025 - 06:52 0


މޮނާކޯ އިން ޕޮގްބާ އަށް ހުށަހެޅުމެއް

14 ޖޫން 2025 - 06:52 0

ޕެރިސް (ޖޫން 14) - މޮނާކޯ އިން ފްރާންސްގެ ތަރި ޕައުލް ޕޮގްބާގެ ސޮއި ހޯދުމަށް ކޮންޓްރެކްޓެއް ވަނީ ހުށަހަޅައިފައި އެވެ.

މެންޗެސްޓާ ޔުނައިޓެޑާއި ޔުވެންޓަސް އަށް ކުރިން ކުޅުނު، ޕޮގްބާ، 31، ވަގުތީ ގޮތުން ސަސްޕެންޑްކުރީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެއީ، އެ އަހަރުގެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ނެގި އޭނާގެ ފުރަތަމަ ސާމްޕަލް މަނާބޭހަށް ޕޮޒިޓިވް ވުމުންނެވެ. އެ އަށް ފަހު، ދެ ވަނަ ސާމްޕަލެއް ނަގައިގެން ބެލިއިރު ވެސް ވަނީ، މަނާބޭހުގެ ގޮތުގައި ލިސްޓުކޮށްފައިވާ ޓެސްޓޯސްޓެރޯން އަށް ޕޮޒިޓިވްވެފަ އެވެ.

އެއާއެކު ޕޮގްބާ އަށް ހަތަރު އަހަރުގެ ސަސްޕެންޝަނެއް އައި ނަމަވެސް ޕޮގްބާގެ ފަރާތުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް)ގައި ޕޮގްބާގެ ފަރާތުން ރަޖިސްޓްރީކޮށް، ކުރިއަށްގެންދިޔައިރު، ކާސް އިން ނިންމީ ޕޮގްބާގެ ސަސްޕެންޝަން 18 މަސް ދުވަަހަށް ކުޑަކޮށްދިނުމަށެވެ.

ޕޮގްބާގެ ސަސްޕެންޝަން ނިމި މިހާރު މިނިވަންވެފައިވާއިރު، ރިޕޯޓްތައް ބުނާ ގޮތުން މޮނާކޯ އިން ޕޮގްބާ އަށް ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް ވަނީ ދީފަ އެވެ. އަދި ޕޮގްބާ ވަނީ މި ހުށަހެޅުން ގަބޫލުކުރަން ނިންމާފައި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އެއީ މަތީ ފަންތީގައި ކުޅެން ޕޮގްބާ އަދިވެސް ބޭނުންވާތީ އެވެ.

މޮނާކޯ އިން އަންނަނީ ޕޮގްބާގެ އިތުރުން ބާސެލޯނާގެ އަންސޫ ފަޓީ ހޯދުމަށް ވެސް މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން، ޕޮގްބާ އަށް ފްރާންސްގެ މާސޭ އިން ވެސް ވަނީ ހުށަހެޅުމެއް ލިބިފަ އެވެ. އެކަމަކު، ފަހު ވަގުތު އެ ކްލަބުން ވަނީ، ޕޮގްބާގެ ޑިމާންޑްތައް ބޮޑުވުމުން އޭނާގެ ސޮއި ހޯދުމުގެ އެ ވިސްނުން ދޫކޮށްލައިފަ އެެވެ.

ފްރާންސްއާ އެކު 2018 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ޕޮގްބާ ވަނީ ދެ ފަހަރެއްގެ މަތިން ޔުނައިޓެޑާއި ޔުވެންޓަސް އަށް ކުޅެފަ އެވެ.