14 ޖޫން 2025 - 06:46 0
އަތޫފް އާތިފް
ރާއްޖެ އާއި ލަންކާ މިރޭ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
14 ޖޫން 2025 - 06:46 0
ފީބާ، 16 އަހަރުން ދަށުގެ އޭޝިއާ ކަޕް، ސާބާ ކޮލިފަޔާސްގައި ރާއްޖޭގެ ޒުވާން އަންހެން ޓީމުން ކުޅުނު ދެ ވަނަ މެޗުގައި ސްރީ ލަންކާ އަތުން ބަލިވެއްޖެ އެވެ.
މި މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމުން ވަނީ ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ މައްޗަށް 104-17 އިން ކުރިހޯދައިފަ އެވެ. އެހެންވެ، ލަންކާ މެޗު ކާމިޔާބުކޮށް ފައިނަލުގެ ޖާގަ ހޯދުމުގެ ފުރުސަތު ރާއްޖެ އަށް އޮތެވެ. އެކަމަކު ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގައި ލަންކާ އިން ރާއްޖޭގެ މައްޗަށް ކުރިހޯދީ 71-45 އިންނެވެ. މި މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމު އަތުން ލަންކާ ވަނީ މޮޅުވެފަ އވެެ.
މި މެޗުގެ ފުރަތަމަ ކުއާޓާގެ ބޮޑުބައިގައި ރާއްޖެއިން ލީޑުކޮށްގެން ކުޅުނު ނަމަވެސް މި ކުއާޓާގެ ފަހު ދެ މިނިޓްގެ ތެރޭގައި ލަންކާއިން ވަނީ ގޭމުގެ ތެރެއަށް ވަދެ ދެ ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. މި ކުއާޓާ ނިމުނީ 15-13 އިން ލަންކާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެ ވަނަ ކުއާޓާ ފަށައިގެން ވެސް ލަންކާ އިން ވަނީ ކައިރިކައިރީގައި ސްކޯކޮށް ލީޑު އިތުރަށް ފުޅާކޮށްފަ އެވެ. މި ކުއާޓާގައި ރާއްޖެ އަށް ގިނަ ފްރީތުރޯތަކެއް ލިބުންއިރު، އޭގެ ބޭނުން އެންމެ ރަނގަޅަށް ރާއްޖެ އަށް ނުހިފުނެވެ. މި ކުއާޓާ ނިމުނީ 30-16 އިންނެވެ.
ލަންކާ އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
ތިން ވަނަ ކުއާޓާ ފަށައިގެން ރާއްޖެ އިން ކުރިއަށްޖެހި ކައިރިކައިރީގައި ހަ ޕޮއިންޓް ސްކޯކޮށް ފަރަގު ކުޑަކުރި އެވެ. އެއާއެކު، ލަންކާ އިން ވަނީ ރަނގަޅު ވަގުތު ޓައިމް އައުޓް ނަގައިފަ އެވެ. ޓައިމް އައުޓަށް ފަހު ލަންކާއިން އަލުން އެ ޓީމުގެ އެޓޭކްތައް ވަރުގަދަކުރިއިރު، މި ކުއާޓާ ނިމުނީ 50-34 އިންނެވެ.
ހަތަރު ވަނަ ކުއާޓާގައި ރާއްޖެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ޖުމްލަކޮށް ދަށް ކުޅުމެކެވެ. މި ކުއާޓާ ނިމުނީ 71-45 އިންނެވެ.
މި މެޗުގައި ލަންކާ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ތިނަރަ ޕެރޭރާ އެވެ. އޭނާ ވަނީ ހަތް ޕޮއިންޓް ސްކޯކޮށް 12 ރީބައުންޑް ނަގާފަ އެވެ.
މި މުބާރާތުގެ ފައިނަލަށް ދިޔުމުގެ ފުރުސަތު އަދިވެސް ރާއްޖެއަށް އެބައޮތެވެ. އެއީ މިއަދު، އިންޑިއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކޮށްގެންނެވެ.
Comment