13 ޖޫން 2025 - 08:51 0
އަހުމަދު އާއިދު
13 ޖޫން 2025 - 08:51 0
ލިޒްބަން (ޖޫން 13) - ސްޕޯޓިން ލިޒްބަން އަށް ކުޅެމުން އަންނަ ސްވިޑަންގެ ފޯވާޑް ވިކްޓޯ ޔޯކެރޭޝް ގެ ކުރިމަގާ ގުޅުވައި މިވަގުތު ފެތުރެމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް އޭނާ ބުނެފި އެވެ.
ސޯޝަލް މީޑިއާ އެކައުންޓުން ކުރި ޕޯސްޓެއްގައި ޔޯކެރޭޝް، 27، ބުނެފައިވަނީ މި ވަގުތު ބައިވަރު ވާހަކަތައް ދެކެވެމުން ދާ ކަމަށެވެ. އޭގެ ތެރެއިން، ގިނައީ ދޮގު ވާހަކަތައް ކަމަށާއި ރަނގަޅު ދަނޑިވަޅުގައި އޭނާ ވާހަކަދައްކާނެ ކަމަށް ވެސް މިވަގުތު އެންމެ ފޯމުގައި ހުރި އެއް ފޯވާޑު ބުނެފައިވެ އެވެ.
ސްޕޯޓިން އަށް ކުޅެދިން 102 މެޗުން 97 ލަނޑު ޖަހައިފައިވާ ޔޯކެރޭޝް މިފަދަ ޕޯސްޓެއް ކޮށްފައި މިވަނީ އެ ކްލަބް ދޫކޮށްލާ ހާލަތެއްގައި އޭނާގެ އަގު ކުޑަކުރަން ވެފައިވާ ކަމަށް ބުނާ އެއްބަސްވުމަކާ ގުޅޭގޮތުން ސްޕޯޓިންގެ ރައީސް ވާހަކަދައްކަވާފައިވަނިކޮށެވެ.
ޔޯކެރޭޝްގެ އެޖެންޓް، އަދި އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި، 70 މިލިއަން ޑޮލަރުގެ ޕެކޭއްޖެއްގެ ތެެރެއިން، ޔޯކެރޭޝް ގަންނަން ބައެއް ކްލަބްތަކަށް ފުރުސަތު އޮވެ އެވެ. އެކަން ދޮގުކޮށް ޕޯޗުގަލްގެ ޗެމްޕިއަނުންގެ ރައީސް ފްރެޑެރީކޯ ވަރަންޑާސް ވިދާޅުވީ، ކޮންޓްރެކްޓް ގަންނަން ދައްކަން ޖެހޭ ފީ ކަމަށްވާ 100 މިލިއަން ޑޮލަރު ދިނުމުން ނޫނީ އޭނާ ނުވިއްކާނެ ކަމަށެވެ.
"އަހަރެން ޔަގީންކަން ދެން، 60 މިލިއަން ޔޫރޯ އާއި 10 މިލިއަން ޔޫރޯ އަކާ ދީގެން، ޔޯކެރޭޝްގެ ސޮއި ނުލިބޭނެ އެއްވެސް ޓީމަކަށް. އެއީ އަހަރެމެން އެއްބަސްވެފައި އޮތް ގޮތެއް ނޫން. މިހާތަނަށް އަދި އަހަރެމެންނަށް ޔޯކެރޭޝް އަށް އެއްވެސް ހުށަހެޅުމެއް ލިބިފައި ނެތް،" ވަރަންޑާސް ވިދާޅުވި އެވެ.
ޕޯޗުގަލްގެ ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޔުކެރޭޝް އާއި ސްޕޯޓިން އާ ދެމެދު އޮތް ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެ ކްލަބަށް ދެން ނުކުޅޭނެ ކަމަށާއި ޕްރީ ސީޒަން ޕްރެކްޓިސް އަށް ނުނިކުންނާނެ ކަމަށް ޔުކެރޭޝް ބުނެފައިވާ ކަމަށް އެ ރިޕޯޓު ތަކުގައި ބުނެފައިވެ އެވެ.
މި ރިޕޯޓުތަކަށްފަހު ވަރަންޑާސް އިއްޔެ ވިދާޅުވީ ބިރުދެއްކުމަށް ސްޕޯޓިން އިން ނުގުޑާނެ ކަމަށެވެ. ރިލީޒް ފީގެ ގޮތުގައި އޮތް 100 މިލިއަން ޑޮލަރަށްވުރެ ކުޑަ އަގަކަށް ޔުކެރޭޝް ވިއްކުމާމެދު ދެވަނަ ވިސްނުމަކަށް ސްޕޯޓިން އިން ދިޔުމުގެ ފުރުސަތު މުޅިން ބަންދުވެފައެއް ނުވާ ކަމަށް އިނގިރޭސި މީޑިއާތަކުން މިއަދު ރިޕޯޓުކޮށްފައިވެ އެވެ.
ޔޯކެރޭޝް ގަތުމަށް މިވަގުތު މަސައްކަތް ކުރަމުންދަނީ އިނގިރޭސި ދެ ޓީމު ކަމަށްވާ އާސެނަލް އަދި މެންޗެސްޓާ ޔުނައިޓެޑުންނެވެ.
އާސެނަލް އިން ޗެމްޕިއަންސް ލީގު ބޯނަހެއްގެ ގޮތުގައި ހުށަހެޅި ނަމަވެސް އަންނަ އަހަރު ޔޫރަޕުގެ އެއްވެސް މުބާރާތަކަށް ކޮލިފައިވެފައި ނުވާ ޔުނައިޓެޑާ ޔޯކެރޭޝް ގުޅުމުގެ ފުރުސަތު ވެސް އެބައޮތެވެ. ޔުނައިޓެޑަށް އޮތް ބޯނަހަކީ ޔޯކެރޭޝް އާއި ގާތް ގުޅުމެއް އޮންނަ އޭނާގެ ކުރީގެ ކޯޗް ރުބެން އަމޮރިމް އެ ޓީމުގައި މިވަގުތު ހުރުމެވެ.
Comment