12 ޖޫން 2025 - 22:10 0
އަހުމަދު އާއިދު
މިއަދު ވެއްޓުނު ބޯޓުން ސަލާމަތްވި އިންޑިއާ ދަރިކޮޅުގެ އިނގިރޭސި ރައްޔިތެއް ކަމަށްވާ ވިޝްވަޝްކުމާރު ރަމޭޝް --- ފޮޓޯ: ހިންދުސްތާން ޓައިމްސް
12 ޖޫން 2025 - 22:10 0
އިންޑިއާގެ އަހުމަދުއާބާދުން ލަންޑަންގެ ގެޓްވިކްއަށް 242 މީހުންނާއެކު ދަތުރުކުރަމުންދަނިކޮށް މިއަދު ވެއްޓުނު އެއާ އިންޑިއާގެ ބޯޓުން ދަތުރުކުރި އެކަކު ސަލާމަތްވި ކަމަށް އިންޑިއާގެ ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުން ބުނެފި އެވެ.
އަހުމަދުއާބާދުގެ ޕޮލިސް ކޮމިޝަނަރު ޖީއެސް މަލިކް އާ ހަވާލާދީ އިންޑިއާގެ ނޫސް އޭއެންއައި އިން ބުނެފައިވަނީ ސަލާމަތްވީ އެ ބޯޓުގެ 11އޭ ސީޓުގައި އިން ފިރިހެނެއް ކަމަށެވެ. އެއީ އިންޑިއާ ދަރިކޮޅުގެ އިނގިރޭސި ރައްޔިތެއް ކަމަށްވާ ވިޝްވަޝްކުމާރު ރަމޭޝް އެވެ.
ބޯޓު ވެއްޓުނު ފަހުން އެ ސަރަހައްދު ރަމޭޝް ހިނގާފައި ނުކުންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އޭނާއަށް ލިބުނު ކުދި އަނިޔާތަކަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ރަމޭޝް ސަލާމަތްވި ގޮތް މިހާތަނަށް މުއުތަބަރު އެއްވެސް މަސްދަރަކުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
އޭނާ އާއިލާ މެންބަރަކާ ހަވާލާދީ ބީބީސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބޮޑު އަނިޔާއެއް ނުލިބި ރަމޭޝް ސަލާމަތްވި ނަމަވެސް ހަމަ އެ ފްލައިޓުން ދަތުރުކުރި އޭނާގެ ބޭބެ މިހާތަނަށް ނުފެނެ އެވެ.
އިންޑިއާގެ ފުލުހުން މައުލޫމާތު ދިން ގޮތުގައި ހާދިސާ ހިނގި ސަރަހައްދުން މަރުވެފައި ތިބި 204 މީހެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ. އިތުރު 41 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އިތުރު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.
މި ބޯޓުން ދަތުރުކުރަމުން ދިޔައީ 169 އިންޑިއާ މީހުން، 53 އިނގިރޭސި ރައްޔިތުން، ހަތް ޕޯޗުގީޒުން އަދި ކެނެޑާގެ އެކަކެވެ. މީގެތެރޭގައި ދެ ޕައިލެޓުގެ އިތުރުން 10 ކެބިން ކްރޫއިން ހިމެނެ އެވެ.
ވެއްޓުނު ބޮއިންގް 787 ޑްރީމްލައިނާ މަތިންދާބޯޓަކީ 11 އަހަރުވެފައިވާ ބޯޓެކެވެ. އެ ބޯޓު ސަރްދާރު ވައްލައްބައި ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓައިލީ ދުރު ދަތުރެއް ކުރުމަށް ކަމަށް ވާތީ އެއްކޮށް ފިއުލް ކޮށްގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ބޯޓު ނައްޓާލިތާ މިނެޓެއް ވެސް ނުވަނީސް ވެއްޓުނީ ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންތަކެއް ދިރިއުޅޭ ހޮސްޓެލް އަކަށެވެ. އެތަނުން ބަޔަކަށް އަނިޔާވިކަމެއް ނުވަތަ މަރުވި ކަމެއް މިހާތަނަށް ކަށަވަރުވެފައެއް ނުވެ އެވެ.
މި ހާދިސާއާ ގުޅިގެން ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހިތާމަ ފާޅުކުރައްވާ ތައުޒިޔާގެ ޕޯސްޓެއް ކުރައްވާފަ އެވެ.
Comment