12 ޖޫން 2025 - 21:27 0
އަތޫފް އާތިފް
16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފިކޭޝަންގައި ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
12 ޖޫން 2025 - 21:27 0
ފީބާ، 16 އަހަރުން ދަށުގެ އޭޝިއާ ކަޕް، ސާބާ ކޮލިފަޔާސްގައި ރާއްޖޭގެ ޒުވާން އަންހެން ޓީމު ކުޅުނު ފުރަތަމަ މެޗުގައި ބޮޑު ތަފާތަކުން ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދައި، ތާރީހީ މޮޅެއް ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މި މެޗު ރާއްޖެއިން ކާމިޔާބުކުރީ 104-17 އިންނެވެ. މިއީ، މި ކޮލިފައިން އިވެންޓުގައި އަންހެން ޓީމުގެ ފުރަތަމަ ފެނިލުމެވެ. އަދި، މިހާތަނަށް ޖޫނިއާ އަންހެން ޓީމުން ހޯދި އެންމެ ފަރަގު ބޮޑު ނަތީޖާ ވެސް މެ އެވެ.
މި މެޗުގެ ފުރަތަމަ ކުއާޓާ ރާއްޖެއިން ނިންމާލީ 38-04 އިން ކުރީގައި އޮވެގެންނެވެ. ރާއްޖޭގެ މަރިޔަމް ކައިލީން ޝިރަން އާއި ލައިރާ އަހުމަދު ފިރާޝްގެ ފަރާތުން މި ކުއާޓާގައި މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.
މެޗުގެ ދެ ވަނަ ކުއާޓާގައި ވެސް ރާއްޖެއިން ވަނީ ފުރަތަމަ ކުއާޓާގައި ކުޅުނު ކުޅުން ތަކުރާރުކޮށްފަ އެވެ. އެކަމަކު މި ކުއާޓާގެ ވަކި ހިސާބަކުން ރާއްޖޭގެ ކައިލީން އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނެވެ. މި ކުއާޓާ ރާއްޖެއިން ނިންމާލީ 53-06 އިން ކުރީގައި އޮވެގެންނެވެ.
ތިންވަނަ ކުއާޓާގައި ކައިލީން ވަނީ އެނބުރި ކުޅެން ނުކުމެފަ އެވެ. އެއާއެކު މި ކުއާޓާގައި ރާއްޖޭގެ އެޓޭކްތައް ވަރުގަދަވިއިރު، މި ކުއާޓާ ރާއްޖެއިން ނިންމާލީ 90-09 އިންނެވެ.
ހަތަރުވަނަ ކުއާޓާގައި ބަންގްލަދޭޝް އިން ކުރިއަށްޖެހި ގިނަ ޕޮއިންޓްތަކެއް ސްކޯކުރެވޭތޯ މަސައްކަތްކުރި އެވެ. މި ކުއާޓާ ނިމުނީ 104-17 އިންނެވެ.
މި މެޗުގައި ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ކައިލީން ވަނީ 26 ޕޮއިންޓް ސްކޯކޮށް އެއް ރީބައުންޑް ނަގައިފަ އެވެ. ދެން ރާއްޖެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ލައިރާ ވަނީ 10 ޕޮއިންޓް ސްކޯކޮށް 13 ރީބައުންޑް ނަގައިފަ އެވެ.
މި މުބާރާތުގެ ދެވަނަ މެޗުގައި ރާއްޖޭގެ އަންހެން ޓީމުން މާދަމާ ރޭ ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ.
Comment