12 ޖޫން 2025 - 19:48 0
އަހުމަދު އާއިދު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މައި އޮފީސް: ބޭނުންކުރެވޭ ރިޒާވަށް މެއި މަހު 46.6 މިލިއަން ޑޮލަރު ވަނީ އިތުރުވެފަ --- ފޮޓޯ: އަތޫފް އާތިފް / އަދަދު
12 ޖޫން 2025 - 19:48 0
ބޭރު ފައިސާގެ ބޭނުން ކުރެވޭ ރިޒާވަށް މިދިޔަ މަހުގެ 46.6 މިލިއަން ޑޮލަރު އިތުރުވެފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެޕްރީލް މަހުގެ ނިޔަލަށް އެމްއެމްއޭގެ ބޭނުންކުރެވޭ ރިޒާވުގައި ހުރީ 171.3 މިލިއަން ޑޮލަރެވެ. ނަމަވެސް، މިއަދު އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މެއި މަސް ނިމުނުއިރު އެ އަދަދު ވަނީ 217.9 މިލިއަނަށް މަތިވެފަ އެވެ.
ބޭނުންކުރެވޭ ރިޒާވް މަތިވި ނަމަވެސް މެއި މަހު ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ ދަށަށް ގޮސްފަ އެވެ. އެޕްރީލް މަހު ރަސްމީ ރިޒާވުގައި 856 މިލިއަން ޑޮލަރު ހުރި ނަމަވެސް، މިދިޔަ މަސް ނިމުނުއިރު ރަސްމީ ރިޒާވުގައި ހުރީ 815.8 މިލިއަން ޑޮރަލެވެ.
އަހަރުގެ ކުރީކޮޅު އާންމުކޮށް ދައުލަތުގެ ރިޒާވު ރަނގަޅުވެ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް ދައުލަތުގެ ބޭނުންކުރެވޭ ރިޒާވު ހުރީ 100 މިލިއަން ޑޮލަރަށްވުރެ މަތީގަ އެވެ. މި އަހަރުގެ މެދާ ހަމައަށް ދިޔައިރު ވެސް ދައުލަތުގެ ރިޒާވްގެ ނަމްބަރުތައް މިވަނީ 200 މިލިއަން ހުރަސްކޮށްފަ އެވެ.
ބޭނުންކުރެވޭ ރިޒާވު ރަނގަޅުވާން ފެށީ މިދިޔަ އަހަރު އިންޑިއާއިން ދިން ކަރަންސީ ސްވޮޕުން ފައިސާ ލިބުމުންނެވެ. މީގެ ތެރެއިން 144.3 މިލިއަން ޑޮލަރު މިހާރު ވެސް ހުރީ ރާއްޖޭގެ ބޭންކުތަކަށް އިންވެސްޓުކޮށްފަ އެވެ. ރާއްޖެއިން މީގެ ކުރިން ނަގާ ކަރަންސީ ސްވޮޕުތަކުން ލިބޭ ފައިސާ ބަހައްޓަނީ ބޭރުގެ ބޭންކުތަކުގަ އެވެ.
މިދިޔަ އަހަރުގެ މެދުތެރޭގައި ރާއްޖޭގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެ، ރޭޓިން އެޖެންސީތައް ކަމަށްވާ ފިޗާއި މޫޑީސް އިން ވެސް ރާއްޖޭގެ ރޭޓިން ދަށް ކުރި އެވެ. ރޭޓިން ދަށްކުރުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެޖެންސީތަކުން ދެއްކީ ބޭރުގެ ދަރަނި ދެއްކުމުގައި ހުރި ދަތިތަކެވެ.
އެ ރޭންކިންތައް މިހާތަނަށް ވެސް މަތިކޮށްފައެއް ނުވެ އެވެ. ފިޗުން އެންމެ ފަހުން ރާއްޖޭގެ "ޖަންކް" ރޭޓިން ދެމެހެއްޓީ މިއަދެވެ.
އެ އެޖެންސީން އަދިވެސް ބުނަނީ ރާއްޖޭގެ ދަރަނިތައް ރީފައިނޭންސް ކުރުމަށާއި ބޭރުން ފައިސާ ހޯދުމަށް ދަތިތަކެއް ހުރިކަމަށެވެ. ސިޔާސީ އެދުންވެރިކަމުގެ ސަބަބުން ސަރުކާރުގެ ހަރަދުތައް ކުޑަކުރަން އަޅަން ނިންމި ފިޔަވަޅުތަކަށް އަމަލުކުރުން ފަސްކުރަމުންދާތީ ބަޖެޓު ޑެފިސިޓް ބޮޑުވާނެ ކަމަށް ވެސް ފިޗުން އަންދާޒާ ކުރެ އެވެ.
ސަރުކާރުން އެ ދަތިތައް ނެތް ކަމަށް ބުނަމުންދިޔަ ނަމަވެސް، އިންޑިއާ ސަރުކާރު މެދުވެރިވެގެން، ދިވެހި ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑީއާ (އެސްބީއައި) އަށް ވިއްކާފައިވާ ޓީބިލަށް ފައިސާ ދެއްކުން އެ ގައުމުގެ ސަރުކާރުން މިދިޔަ މަހު ވަނީ ފަސްކޮށްދީފަ އެވެ. މިއީ މި ޕޭމަންޓު ފަސްކޮށްދިން ދެވަނަ ފަހަރެވެ.
މީގެ އިތުރުން، އިންޑިއާއިން ނެގި ކަރަންސީ ސްވޮޕް ވެސް މި އަހަރުގެ ތެރޭ އަނބުރާ ދައްކަން ޖެހޭނެ އެވެ. އެކަމުގައި އަމަލުކުރާނެ ގޮތެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
Comment