ލަންޑަން (ޖޫން 12) - އިންގްލެންޑްގެ މިޑްފިލްޑަރު ޖޫޑް ބެލިންހަމް އަކީ ހާއްސަ ކުޅުންތެރިއެއް ކަމަށާއި، އޭނާ ކުޅެނީ ގައުމީ ރޫހުގައި ކަމަށް އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.
އިންގްލެންޑުން 3-1 ގެ ނަތީޖާ އަކުން ސެނެގާލް އަތުން ބަލިވި މެޗުގެ ދެ ވަނަ ހާފުގައި ބެލިންހަމް ގޯލު ޖެހި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބެލުމަށް ފަހު އެއީ އޮފްސައިޑް ގޯލެއް ކަމަށް ވަނީ ނިންމައިފަ އެވެ. އެއާއެކު ބެލިންހަމް ވަނީ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ.
މިއީ ޓުޗެލްގެ ކޯޗުކަމުގެ ދަށުން އިންގްލެންޑް ބަލިވި ފުރަތަމަ ފަހަރެވެ. މި މެޗަށް އިންގްލެންޑުން ނުކުތީ އެންމެ ފަހުން ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އެންޑޯރާ މެޗަށް ބޭނުންކުރި ފުރަތަމަ 11 އަށް ގިނަ ބަދަލުތަކެއް ގެެނެސްގެންނެވެ. އެ ގޮތުން، ޓުޗެލް ވަނީ މި މެޗުގެ ފުރަތަމަ 11 އަށް 10 ބަދަލެއް ގެނެސްފަ އެވެ.
ވީއޭއާރުން ނިންމި ނިންމުމާ ބެލިންްހަމް ނުރުހުން ފާޅުކޮށް އުޅުނު ގޮތަށް ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެކަމަކު، ޓުޗެލް ވަނީ އެކަން ދިފާއުކޮށްފަ އެވެ.
ޓުޗެލް ބުނީ ބެލިންހަމް އަކީ އިންގްލަންޑް ޓީމުގެ މެދުތެރެ ބެލެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިޔާ ކަމަށެވެ. އަދި ބޮޑެތި ކަންކަން ހާސިލްކުރަން ބޭނުންނަމަ ބެލިންހަމްގެ ބޭނުން އެ ޓީމަށް ޖެހޭނެ ކަމަށް ޓުޗެލް ބުންޏެވެ.
"ބެލިންހަމް އަކީ ދަނޑުމަތީގައި ވިސްނުން ތޫނު ކުޅުންތެރިއެއް، އަދި ކޯޗުކޮށްދޭން ވެސް ވަރަށް ފަސޭހަ" ޓުޗެލް ބުންޏެވެ.
މީގެ އިތުރުން ޓުޗެލް ބުނީ ސެނެގާލް މެޗުގައި ބެލީ ނަތީޖާއަށް ވުރެން ގިނަ ކުޅުންތެރިންނަށް ފުރުސަތުދިނުމަށް ކަމަށެވެ. އަދި އޭނާ އިންގްލެންޑް ޓީމުގައި މިހާރު ކުރަމުން އަންނަ މަސައްކަތަކީ ޓީމު ބިނާކޮށް ކުރިއަށް އޮތް ވޯލްޑް ކަޕަށް ވަރުގަދަ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ.
Comment