Advertisement

ޖޭއެސްސީ އޮތީ ސިޔާސީ ނުފޫޒު ފޯރުވޭ ގޮތަށް، އެކަމަކު އަހަރުމެން ނުފޯރުވަން: ސަރުކާރު

10 ޖޫން 2025 - 14:35 1

އަމަން ހަލީމް

އަމަން ހަލީމް

ރައީސް ޑރ. މުހައްމަދު މުއިއްޒު ޖޭއެސްސީގެ ރައީސް ރިޒާއާ ސަލާމްކުރައްވަނީ: ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަކީ ރައީސްގެ ވައުދެއް --- ފޮޓޯ: ރައީސް އޮފީސް


ޖޭއެސްސީ އޮތީ ސިޔާސީ ނުފޫޒު ފޯރުވޭ ގޮތަށް، އެކަމަކު އަހަރުމެން ނުފޯރުވަން: ސަރުކާރު

10 ޖޫން 2025 - 14:35 1

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތުން ސިޔާސީ ނުފޫޒު ފޯރުވޭ ކަމަށް ގަބޫލުކުރާ ހާލު، މި ސަރުކާރުން އެ ކޮމިޝަނަށް އައްޔަނުކޮށްފައި ހުރި އެއްވެސް މެންބަރަކު އެއްވެސް ފަނޑިޔާރަކަށް ނުފޫޒުފޯރުވާފައި ނުވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހާއްސަ ރެޕަޓުއާ، މާގަރެޓު ސެޓާވައިޓުއަށް ފޮނުވި ސިޓީއެއްގައި ސަރުކާރުން މިހެން ބުނީ ޖުޑީޝަރީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ސަރުކާރުން ބޭނުންވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާތަކުގެ ތެރޭގަ އެވެ.

ޖޭއެސްސީގައި މިހާރު ތިބެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލިސް މެންބަރަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކައި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓެއްގެ ފަނޑިޔާރެއްގެ އިތުރުން ރައީސްގެ މެންބަރަކާއި އާންމުންގެ މެންބަރަކާއި ގާނޫނީ ވަކީލުން ތަމްސީލުކުރާ މެންބަރަކާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސާއި ބަންޑާރަނައިބެވެ.

މި ކޮމްޕޮޒިޝަން ބަދަލުކުރުމުގެ ބަހުސް ހިނގާތާ އަހަރުތަކެއް ވެފައިވާކަން ފާހަގަކުރަމުން ސަރުކާރުން ބުނީ، ޖުޑީޝަރީ ރިފޯމް ކުރަން ކުރީ ސަރުކާރުން ހުށަހެޅި ކަންކަމުގެ އެސެސްމަންޓެއް ހެދި މީހަކު އޭނާގެ ފައިނަލް ރިޕޯޓުގައި ޖޭއެސްސީގައި ތިބޭ ސިޔާސީ މީހުން ވަކިކުރުމުން ފަނޑިޔާރުން އައްޔަނުކުރުމުގެ ކަންކަމުގެ ސިޔާސީ ނުފޫޒު ނެތިގެންދާނެ ކަމަށް ގަބޫލުކުރެވުމަކީ ކުށް ހީއެއް ކަމަށެވެ. އެ އެސެސްމަންޓް ހެދީ ކާކުކަން އެ ސިޓީގައި ބުނެފައި އޮތް ނަމަވެސް އާންމު ކުރި ސިޓީގައި އޮތީ އެތަންކޮޅު ކަނޑާލާފަ އެވެ.

ސަރުކާރުން ބުނީ ކުރީ ސަރުކާރުން ވައުދުވީ ގޮތަށް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުނުކުރީ މި ރިޕޯޓުގެ މައްޗަށް ބިނާކޮށް ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ވިސްނުން ތަފާތު ކަމަށް ސިޓީގައި ލިޔެފައި ވެ އެވެ. އަދި ބުނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން ކުޑަކުރެވޭނެ ގޮތަކަށް ޖޭއެސްސީގެ މޮޑެލް ބަދަލުކުރުމުގެ ފައިދާތައް ގަބޫލުކުރެވޭތީ، ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރަން ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނާފައި ވާނެ ކަމަށެވެ.

ސަރުކާރު ބަދަލުވީ ފަހުންނާއި މަޖިލިސް އިންތިހާބުގެ ފަހުން ޖޭއެސްސީއަށް އައްޔަނުކުރި އެއްވެސް މެންބަރަކު، ސަރުކާރުން ބޭނުންވާ ގޮތަށް މައްސަލައެއް ނިންމަން އެއްވެސް ފަނޑިޔާރަކަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމުގެ ޔަގީންކަންދޭ ކަމަށް ސަރުކާރުން ބުންޏެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގައި އިއްވި އެންމެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވެސް މި ވާހަކަ ވިދާޅުވި އެވެ. އަދި އެ ދައުރުގެ ތެރޭގައި މަޖިލީހަށް އެ ބިލު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ފަދަ ބިލެއް މަޖިލީހަކަށް ހުށަނާޅަ އެވެ.