Advertisement

ގޭމްތަކުގެ މައުލޫމާތު ލީކްވާތީ ވިޔަފާރިއަށް ބުރޫއަރަނީ

10 ޖޫން 2025 - 07:23 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު


ގޭމްތަކުގެ މައުލޫމާތު ލީކްވާތީ ވިޔަފާރިއަށް ބުރޫއަރަނީ

10 ޖޫން 2025 - 07:23 0

އޮންލައިން ގޭމްތައް ނެރުމުގެ ކުރިން އޭގެ މައުލޫމާތު ލީކްވުމުގެ ސަބަބުން ވިޔަފާރިއަށް ބުރޫއަރަމުންދާ ކަމަށް ގޭމް އުފައްދާ މަޝްހޫރު ކުންފުނި ސޮނިކް ޓީމުން ބުނެފި އެވެ.

"ސޮނިކް ދަ ހެޖްހޮގް" ގޭމް ސީރީޒް އުފައްދާ، ސެގާގެ "ސޮނިކް ޓީމް"ގެ ވެރިޔާ ތަކާޝީ އީޒޫކާ ވިދާޅުވީ ގޭމުތަކުގެ މައުލޫމާތު ލީކްވުމުގެ ސަބަބުން އިންތިޒާރުކުރާ ހައިރާންކަން ގެއްލިގެންދިއުމުގެ އިތުރުން، އެހެން ކުންފުނިތަކާއެކު ހަދާފައިވާ ވިޔަފާރީގެ އެއްބަސްވުންތައް ވެސް ބުރޫއަރާ ކަމަށެވެ.

"އަހަރެމެން ވަރަށް ގިނަ މަސައްކަތް ކުރަން ފޭނުންނަށް އުފާވެރިކަމާއި ސަޕްރައިޒެއް ގެނެސްދޭން. އެކަމަކު އެންމެންނަށް އެކަން ހާމަކުރަން ތައްޔާރުވެފައި އޮއްވާ، އެ މައުލޫމާތު ލީކުވީމަ، އެއީ އަހަރެމެންނަށް ވަރަށް ބޮޑު ހިތްހަމަނުޖެހުމެއް،" އީޒޫކާ ވިދާޅުވިއެވެ.

މިފަދަ މައްސަލަތަކުގެ ސަބަބުން މާކެޓިން ޕްލޭންތަކަށާއި، އެހެން ކުންފުނިތަކާއެކު ގުޅިގެން ކުރާ މަސައްކަތްތަކަށް ވެސް ވަރަށް ބޮޑު ގެއްލުމެއް ލިބޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މިސާލަކަށް، އަހަރެމެން ފިލްމެއް ނުވަތަ އެނިމޭޓެޑް ސީރީޒެއްގައި ނުވަތަ ލެގޯ ކަހަލަ ބްރޭންޑަކާ ގުޅިގެން މަސައްކަތެއް ކުރާނަމަ، އެ މައުލޫމާތު ލީކުވެއްޖެއްޔާ އެއީ އެ ޕާޓްނަރުން ވަރަށް ނުރުހުން ކަމެއް. އެފަދަ ހާލަތެއްގައި އެ މީހުން އަހަރެމެންނާ އެކު ހަދާފައިވާ އެއްބަސްވުން އުވައިލުމަކީ ވެސް ވެދާނެ ކަމެއް،" އީޒޫކާ ކަންބޮޑުވުމާއެކު ވިދާޅުވިއެވެ.

މިދިޔަ އަހަރު ރިލީޒްވި "ސޮނިކް ފްރޮންޓިއާސް" ގެ 'ފައިނަލް ހޮރައިޒަން' އަޕްޑޭޓްގެ މައުލޫމާތު ވެސް ރަސްމީކޮށް އިއުލާން ކުރުމުގެ ކުރިން ލީކުވެފައިވެއެވެ.

އީޒޫކާ ވިދާޅުވީ، ސޮނިކް ޓީމުން މިހާރު ލީކުތައް ހުއްޓުވުމަށް އިތުރު ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި، ނަމަވެސް މިޒަމާނުގައި އިންޓަނެޓުގެ ސަބަބުން މައުލޫމާތު ފެތުރުން ހުއްޓުވުމަކީ ވަރަށް އުނދަގޫ ކަމެއްކަން ގަބޫލުކުރައްވާ ކަމަށެވެ.