Advertisement

އިންގްލެންޑް މޮޅުވި ނަމަވެސް ޓުޗެލް އަށް ކުޅުން ގޯސް!

8 ޖޫން 2025 - 09:44 0


އިންގްލެންޑް މޮޅުވި ނަމަވެސް ޓުޗެލް އަށް ކުޅުން ގޯސް!

8 ޖޫން 2025 - 09:44 0

ބާސެލޯނާ (ޖޫން 8) - ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އެންޑޯރާ އަތުން 1-0 އިން އިންގްލެންޑް މޮޅުވި ނަމަވެސް މި މެޗުގައި އެ ޓީމުގެ ފަރާތުން ފެނުނު ކުޅުމާ މެދު އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން އިންގްލެންޑްގެ ކޯޗުކަމާ ހަވާލުވި ޓުޗެލްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ތިން މެޗުން ވެސް ވަނީ މޮޅުވެފަ އެވެ.

އޭގެ ތެރެއިން އެންމެ ފަހު މެޗަކީ ވޯލްޑް ކަޕް ކޮލިފައިންގައި، ދުނިޔޭގެ ރޭންކިން 173 ވަަނައިގައި އޮތް އެންޑޯރާ އަތުން އެއް ގޯލުގެ ފަރަގަކުން މޮޅުވި މެޗެވެ. މި މެޗުގައި އިންގްލެންޑްގެ ހަމައެކަނި ލަނޑު ޖެހީ، ކެޕްޓަން ހެރީ ކޭން އެވެ. ރޭގެ މެޗުގެ ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނިޓްގައި، ނޯނީ މަޑުއޭކޭ ދިން ބޯޅައަކުން ކޭން ޖެހި މި ގޯލަކީ، އޭނާގެ ސީނިއާ ކެރިއަރުގައި، ކްލަބް ލެވަލާއި ގައުމީ ޓީމަށް ޖުމްލަ އެކު، ޖަހައިދިން 450 ވަނަ ގޯލެވެ.

ޓުޗެލް ބުނީ، މެޗުގައި އިންގްލެންޑްގެ ކުޅުންތެރިން އުޅުނު ގޮތާއި މެޗާ މެދު އޮތް ސީރިއަސްކަމުގެ މިންވަރު ކުޑަ ކަމަށާއި މިއީ އޭނާ ހަވާލުވެ ހުރި ޓީމަކުން ފެންނަން އެދޭ ކަމެއް ނޫން ކަމަށެވެ.

"ހާއްސަ ގޮތެއްގައި ފަހު 20 މިނިޓް އެ ދިޔަ ގޮތް، އެ ފެނުނު އެޓިޓިއުޑް އަހަންނަށް އެއްގޮތަކަށް ވެސް ކަމަކުނުދޭ، އެ ގޮތަށް ވިސްނުން ބަހައްޓައިގެން ކުރިއަކަށް ނުދެވޭނެ. ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި ދޭން ޖެހޭ ސަމާލުކަމާ އެއްވަރުގެ ކަމެއް އަހަރެމެންގެ ކުޅުމަކުން ޖުމްލަކޮށް ބަލާއިރު ނުއެއް ފެނުނު،" ޓުޗެލް ބުންޏެވެ.

އަންނަ އަންގާރަ ދުވަހު، އިންގްލެންޑުން އެކުވެރިކަމުގެ މެޗެއްގައި، ސެނެގާލްއާ ދެކޮޅަށް ނޮޓިންހަމް ފޮރެސްޓްގެ ދަނޑުގައި ކުޅޭނެ އެވެ. ޓުޗެލް ވަނީ އެ މެޗަށް ނެރޭ ސްކޮޑަށް ބަދަލުތަކެއް ގެންނާނެ ކަމަށް ބުނެފަ އެވެ.