Advertisement

މި ފަހަރު ވެސް އޭއެފްސީ ލައިސަންސް ހޯދި ރާއްޖޭގެ ހަމައެކަނި ޓީމަކީ މާޒިޔާ

6 ޖޫން 2025 - 14:39 1

އެފްއޭއެމް ލީގު ކަޕްގެ ފައިނަލް މެޗުގެ ތެެރެއިން.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


މި ފަހަރު ވެސް އޭއެފްސީ ލައިސަންސް ހޯދި ރާއްޖޭގެ ހަމައެކަނި ޓީމަކީ މާޒިޔާ

6 ޖޫން 2025 - 14:39 1

އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (އޭއެފްސީ)ގެ ކްލަބް ލައިސަންސް ކުރިއަށް އޮތް ސީޒަނަށް ފުރިހަމަަކޮށް، ޖެހިޖެހިގެން ދެ ވަނަ އަހަރަށް މި ލައިސަންސް ލިބުނު ހަމައެކަނި ކްލަބަށް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވެއްޖެ އެވެ.

މީގެ ހަ އަހަރު ކުރިން، 2019/20 ސީޒަނަށް އޭއެފްސީގެ ކްލަބް ލައިސަންސް ރާއްޖޭގެ ހަތް ކްލަބަކުން ހޯދި އެވެ. އެކަަމަކު، މިދިޔަ ދެ އަހަރަށް ބަލާއިރު، އޭއެފްސީން ކްލަބް ހިންގުމުގައި ބަލާ މިންގަނޑުގެ ތެރެއަށް ފެތިފައިވަނީ، ރާއްޖޭގެ މާޒިޔާ އެކަންޏެވެ.

މާޒިޔާ އިން މިދިޔަ އަހަރު ވަނީ، އޭއެފްސީން އަލަށް ފެށި، މި ބައްރުގެ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، އޭއެފްސީ ޗެލެންޖް ލީގުގައި، ކުޅެފަ އެވެ.

"އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި އަހަރުގެ އޭއެފްސީ ޗެލެންޖް ލީގުން މާޒިޔާ އަށް ފުރުސަތު ދޭން އޭއެފްސީން އޮތީ ނިންމައިފަ އެވެ. ރާއްޖޭގައި މިދިޔަ އަހަރު ލީގު ބާއްވާފައި ނުވި ނަމަވެސް، މާޒިޔާ އަށް މިދިޔަ އަހަރުތަކުގައި ރާއްޖޭގެ ފުޓްބޯޅައިގައި ހޯދި ކާމިޔާބީ އާއި އޭއެފްސީ މުބާރާތްތަކުގައި ވާދަކޮށްފައިވާތީވެ، މި އަހަރުގެ އޭއެފްސީ ފުރުސަތު ދިނީ، އޭއެފްސީން ބަލާ މިންގަނޑުގެ ތެރެއިން އެފްއޭއެމް އިން މަސައްކަތްކޮށްފައިވާތީ އެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކްލަބް ފުޓްބޯޅަ ހުއްޓިފައި އޮންނަތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސްވެފައި އޮއްވައި، ދާދި ފަހުން، އެފްއޭއެމް އިން ބޭއްވި ލީގު ކަޕްގެ ޗެމްޕިއަންކަން، މާޒިޔާ އިން ހޯދީ، މެޗަކުން ބަލިނުވެ އެވެ.

އޭއެފްސީން ލައިސަންސް ދިނުމުގެ މިންގަނޑުގައި ހިމެނޭ ބައެއް ކަންކަމުގެ ތެރޭގައި ކޮންމެ ކްލަބެއްގައި 15 އަހަރުން ދަށާއި 18 އަހަރުން ދަށުގެ ޓީމެއް އޮތުމާއި އެކަޑަމީ ސްޓްރަކްޗާއެއްގެ ސިސްޓަމެއް އޮންނަން ޖެހެ އެވެ. މީގެ އިތުރުން، ފުލްޓައިމް ޖެނެރަލް ސެކްރެޓަރީއެއް ނުވަތަ ޖެނެރަލް މެނޭޖަރެއް ހުރުމާއި ޕާޓްޓައިމް ފިޒިއޮތޮރިޕަސްޓަކާއި މީޑިއާ އޮފިސަރަކާއި އެކައުންޓް އޮފިސަރެއް ހުރުން ވެސް ހިމެނެ އެވެ. އަދި، އެ ކްލަބެއްގެ ބަޖެޓާއި ހަރަދު ރިޕޯޓް އޭއެފްސީ އަށް ފޮނުވުމާއި، ކޮންމެ ކްލަބެެއްގައި ލައިސެންސް މެނޭޖަރެއް ހުރުމަކީ ވެސް އޭއެފްސީގެ މިންގަނޑުގައި ހިމެނޭ ކަމެކެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަށް ބަލާއިރު، އިންޑިއާގެ އަށް ކްލަބަކަށް ލައިސަންސް ލިބިފައިވެ އެވެ. ބޫޓާނުގެ ހަތަރު ކްލަބަކަށް، ބަންގްލަދޭޝްގެ ދެ ކްލަބަކަށް ވެސް އޭއެފްސީ ލައިސަންސް ވަނީ ލިބިފަ އެެވެ. ކުރިއަށް އޮތް ސީޒަނަށް މި ސަރަހައްދުން، ސްރީ ލަންކާ، ނޭޕާލް އަދި ޕާކިސްތާންގެ އެއްވެސް ކްލަބަަކަށް އޭއެފްސީ ލައިސަންސް ހޯދިފައިނުވެ އެވެ.