Advertisement

މި އަހަރު ނިމުމުގެ ކުރިން ހެލިކޮޕްޓަރު އެމްބިއުލާންސްގެ ހިދުމަތް ފެށޭނެ: އަމީން

3 ޖޫން 2025 - 13:37 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން: ހެލިކަޕްޓަރު އެމްބިއުލޭންސްގެ ހިދުމަތް މި އަހަރު ނިމުމުގެ ކުރިން ފެށޭނެ ކަމަށް ވިދާޅުވި -- ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ


މި އަހަރު ނިމުމުގެ ކުރިން ހެލިކޮޕްޓަރު އެމްބިއުލާންސްގެ ހިދުމަތް ފެށޭނެ: އަމީން

3 ޖޫން 2025 - 13:37 0

ހެލިކޮޕްޓަރު އެމްބިއުލާންސްގެ ހިދުމަތް މި އަހަރު ނިމުމުގެ ކުރިން ފެށޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ހެލިކޮޕްޓަރު އެމްބިއުލާންސްގެ ހިދުމަތް ފެށޭނެ ދުވަހަކާ ގުޅޭގޮތުން އަދަދު އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ އެ ހިދުމަތް ފަށަން ކުރަން ޖެހޭ ކަންކަން ނިންމުމުގެ މަސައްކަތް ފުރިހަމަ ކުރަމުންދާ ކަމަށެވެ.

"މި ބަލަނީ އިރާދަކުރެއްވިއްޔާމުން އަހަރު ނިމޭ ހިސާބަށް ފެށޭތޯ އިނގޭތޯ. ހަމަ ޓްރައި ކުރަމުން މިގެންދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީން މިދިޔަ އޭޕްރިލް މަހު ވިދާޅުވީ އެ ހިދުމަތް ނުފެށި ލަސްވަނީ އެކަން ކުރަން އުޅުނު ގޮތަށް ބަދަލުތައް ގެންނާތީ ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަން އުޅުނު ގޮތަށް ބަދަލުތަކެއް މިހާރު ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާތީ ކޮންމެވެސް ވަރަކަށް ލަސްތަކެއް ވަމުން އެދަނީ. އެކަމަކު އެއާގެން ކުރިއަށް އެބަދަން އެނގޭތޯ،" މިނިސްޓަރު ކުރިން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ މިހާރު ކޮށްފައިވާ "އާރްއެފްޕީ" އަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ގާނޫނުގައި ވަކި މިންގަނޑުތަކެއް އެކަމަށް ކަނޑައަޅާފައި އޮތުމުން ބަދަލުތައް ގެންނަން ވަގުތުކޮޅެއް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިހާތަނަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ކޮށްފައިވާ "އާރްއެފްޕީ" ބަދަލުކޮށް އިއުލާންކޮށްފައެއް ނުވެ އެވެ.

މިދިޔަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޝައުގުވެރިކަން ފާޅު ކުރުމަށް ޓްރާންސްޕޯޓުން ހުޅުވާލީ އޮގަސްޓް 6، 2024، ގަ އެވެ.

އެ މަޝްރޫއުގެ ދަށުން ހެލިކޮޕްޓަރު ބޭނުންކޮށްގެން ބަލި މީހުން އުފުލުމުގެ ހިދުމަތާއި ސާޗް އެންޑް ރެސްކިއު ހިދުމަތުގެ އިތުރުން ފަތުރުވެރިކަމަށް އެހީތެރިވުމުގެ ގޮތުން ވިޔަފާރި އުސޫލުން އެތެރޭގެ އާންމު އުދުހުންތަކުގެ ހިދުމަތް ވެސް ދޭން ޖެހޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތަކަށް 10 އަހަރު ފަތުރުވެރިން އުފުލުމަށް އެކްސްކްލޫސިވިޓީ ދޭނެ ކަމަށް ވެސް މިނިސްޓްރީން އޭރު ބުންޏެވެ.