2 ޖޫން 2025 - 12:34 0
ހަސަން މުހައްމަދު
2 ޖޫން 2025 - 12:34 0
ކުންފުނި ހިންގަން ދަތިވާ މިންވަރަށް މިފްކޯއަށް ސިޔާސީ ނުފޫޒު ފޯރި ކަމަށް އެ މިފްކޯގެ ކުރީގެ ސީއީއޯ ވިޓަލީ ލިއުބިމޯވް ވިދާޅުވެއްޖެ އެވެ.
އަދަދު އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ވިޓަލީ ވިދާޅުވީ ޑިސެމްބަރު، 2024، ގައި އޭނާ ކުންފުންޏާ ހަވާލުވި ފަހުން ވެސް މިފްކޯއަށް ސިޔާސީ ނުފޫޒު ފޯރުވަމުންދިޔަ ކަމަށެވެ.
"ދައުލަތުގެ އެހެން ކުންފުނިތަކޭ އެއްގޮތަށް، މިފްކޯގެ ހަރަކާތްތަކުގެ ސަބަބުން ވަރަށް ގިނަ ނުފޫޒު ފޯރަމުންދިޔަ. މެނޭޖްމަންޓުން ނިންމާ ނިންމުންތަކާއި އަޅުގަނޑު ހިފެހެއްޓި ޕޮލިސީތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި،" ވިޓަލީ ވިދާޅުވި އެވެ.
ވިޓަލީ ވިދާޅުވީ ކުންފުނީގެ މަގާމުތަކަށް މީހުން އައްޔަން ކުރުމާއި ކުންފުނި ހިންގުމުގެ މަސައްކަތްތަކަށް ވެސް ސިޔާސީ ނުފޫޒު ފޯރުވަން ބަޔަކު މަސައްކަތް ކުރި ކަމަށެވެ. އޭގެ ސަބަބުން ކުންފުނި ހިންގުމަށް ދަތިވި ކަމަށް ވިޓަލީ ވިދާޅުވި އެވެ.
"ކުންފުނީގެ މަގާމުތަކަށް މީހުން އައްޔަން ކުރުމާއި ކުންފުނި ހިންގުމުގެ މަސައްކަތްތަކަށް ސިޔާސީ ނުފޫޒު ފޯރަމުންދިޔަ. އޭގެ ސަބަބުން ކުންފުންޏަށް ޕްރޮފެޝަނަލް އަދި ދެމެހެއްޓެނިވި ގޮތެއްގައި ބަދަލުތަކެއް ގެންނަން އުނދަގޫތަކެއް ކުރިމަތިވި. އެކަމަކު އޭގެ ސަބަބުން މަސައްކަތުގެ ކޮލިޓީއަށް ބަދަލެއް ނާދޭ،" އޭނާ ވިދާޅުވި އެވެ.
ސިޔާސީ ނުފޫޒު ފޯރުވަން ކިތަންމެ މަސައްކަތް ކުރި ނަމަވެސް އެފަދަ އެއްވެސް ނުފޫޒެއްގައި ޖެހިފައިނުވާނެ ކަމަށް ވިޓަލީ ވިދާޅުވި އެވެ.
"އަޅުގަނޑު އަމަލު ކުރީ ކުންފުނީގެ ގަވާއިދުތަކާ އެއްގޮތަށް. އެކަންކަމުގައި މެނޭޖްމަންޓު ލެވެލުގައި މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރިން. އަޅުގަނޑުގެ މަސައްކަތަކަށްވީ ކުންފުނީގެ ޕްރޮފެޝަނަލިޒަމް ހިފެހެއްޓުމާއި ކުންފުނީގެ ވިޔަފާރީގެ އަމާޒުތަކަކީ، ބޭރުގެ ނުފޫޒުތަކަށް ވިޔަ ނުދިޔުމަށް މަސައްކަތް ކުރުން،" ވިޓަލީ ވިދާޅުވި އެވެ.
މިފްކޯއަށް ޖެނެރަލް މެނޭޖަރެއް އައްޔަން ކުރަން މަސައްކަތް ކުރިއިރު، ސިޔާސީ ގޮތުން ނުފޫޒާއި ޕްރެޝަރުތަކެއް ކުރިމަތިވި ކަމަށް މީގެ ކުރިން ވެސް ވިޓަލީ ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، ސިޔާސީ ގޮތުން އައްޔަން ކުރަން ލޮބީ ކުރި ކެންޑިޑޭޓު އެފަހަރު ރިޖެކްޓުކޮށްފައިވާ ކަމަށް މިފްކޯއިން ނެރުނު ބަޔާނެއްގައި ވިޓަލީ އެއިރު ވިދާޅުވެފައިވެ އެވެ.
Comment