Advertisement

ޓޫރިސްޓުން އިތުރު ވިޔަސް ރިސޯޓުތަކުގައި ހޭދަކުރާ މުއްދަތު ކުރު

2 ޖޫން 2025 - 10:42 0

އަމަން ހަލީމް

އަމަން ހަލީމް

ކަމަދޫގައި ޓޫރިސްޓުންތަކެއް ހިނގާފައި ދަނީ: ގެސްޓުހައުސްތަކުގައި ޓޫރިސްޓުން ހޭދަކުރާ މުއްދަތު އިތުރުވި -- ފޮޓޯ: މުހައްމަދުު ޝަހުޒާން/އަދަދު


ޓޫރިސްޓުން އިތުރު ވިޔަސް ރިސޯޓުތަކުގައި ހޭދަކުރާ މުއްދަތު ކުރު

2 ޖޫން 2025 - 10:42 0

ޓޫރިސްޓުން އަންނަ އަދަދު އިތުރުވީ ނަމަވެސް ހޭދަކުރާ މުއްދަތު ކުރުވެ، ޖުމްލަ ބެޑްނައިޓްސް ކުރީ އަހަރަށް ވުރެ ދަށްވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެންމެ ފަހުން ނެރުނު މަންތުލީ އިކޮނޮމިކް އަޕްޑޭޓުން ދައްކައިފި އެވެ.

އެމްއެމްއޭއިން އިއްޔެ އާންމުކުރި ނިމުނު މަހުގެ އިކޮނޮމިކް އަޕްޑޭޓުގައިވާ ގޮތުގައި، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު، މި އަހަރުގެ އޭޕްރިލްގެ ނިޔަލަށް ޓޫރިސްޓުން އައި އަދަދު އަށް ޕަސެންޓު އިތުރުވީ ނަމަވެސް ބެޑްނައިޓްސް ވަނީ ކުރީ އަހަރަށް ވުރެ ތިން ޕަސެންޓު ދަށްވެފަ އެވެ.

ބެޑް ނައިޓްސް މަދުވި މައިގަނޑު ސަބަބަކީ، އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި، ރިސޯޓުތަކުގައި ޓޫރިސްޓުން ހޭދަކުރާ މުއްދަތު ކުރުވުމެވެ. އެ ގޮތުން އޭޕްރިލް މަހުގެ ތެރޭގައި، ރިސޯޓުތަކުގެ ބެޑް ނައިޓްސް ފަސް ޕަސެންޓު ދަށެވެ. އަދި މުޅި އަހަަރަށް ބަލާއިރު، ބެޑް ނައިޓްސް ތިން ޕަސެންޓު ދަށެވެ.

ޓޫރިސްޓުން ހޭދަކުރާ މުއްދަތަށް އައި ބަދަލަށް ބަލާއިރު، މިދިޔަ އަހަރުގެ އޭޕްރިލްގެ ނިޔަލަށް ޓޫރިސްޓުން ހޭދަކުރާ އެވަރެޖު މުއްދަތު ހުރީ 7.8 ދުވަހުގަ އެވެ. ނަމަވެސް މި އަހަރު އެ މުއްދަތު ވަނީ 6.9 ދުވަހަށް ވެއްޓިފަ އެވެ.

ރިސޯޓުތަކަށް އަންނަ ޓޫރިސްޓުން ހޭދަކުރާ މުއްދަތު ކުރުވީ ނަމަވެސް، ގެސްޓުހައުސްތަކުގައި ޓޫރިސްޓުން ހޭދަކުރި މުއްދަތު ވަނީ އިތުރުވެފަ އެވެ. އެކަމަކު ރިސޯޓުތަކުގައި ހޭދަކުރާ މުއްދަތު ކުރުވުމާއެކީ، މި އިތުރުވުމުގެ ސަބަބުން ޖުމްލަ ބެޑް ނައިޓްސް އިތުރެއް ނުވެ އެވެ.

ރިސޯޓުތަކުގެ އޮކިއުޕަންސީ ވެސް ވަނީ ކުރީ އަހަރަށްވުރެ ދަށްވެފަ އެވެ. އެ ގޮތުން މިދިޔަ އަހަރުގެ އޭޕްރިލްގައި އޮކިއުޕަންސީ 62 ޕަސެންޓުގައި ހުރި ނަމަވެސް މި އަހަރުގެ އޭޕްރީލްގައި އޮކިއުޕަންސީ ހުރީ 60 ޕަސެންޓުގަ އެވެ.

ބެޑް ނައިޓްސް ދަށްވުމަކީ ޓޫރިޒަމް ވިޔަފާރިތަކުގެ އިތުރުން ދައުލަތުގެ އާމްދަނީއަށް ވެސް އަސަރުކުރާނެ ކަމެކެވެ. ޓޫރިޒަމުން ދައުލަތަށް އަންނަ ކޮންމެ ޓޫރިސްޓަކަށް ޖެހޭ އާމްދަނީ އިތުރު ވަނީ ޓޫރިސްޓުން ހޭދަކުރާ މުއްދަތު އިތުރުވީމަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް 970,000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފި އެވެ. މިއީ މި އަހަރަށް ކަނޑައަޅާފައި 2.3 މިލިއަން ޓޫރިސްޓުންގެ އަމާޒުގެ 42 ޕަސެންޓެވެ.