ފަސްޓްލޭޑީ ސާޖިދާ މުހައްމަދު: އޭނާ ވަނީ ފެމިލީ ކޯޓަށް ވެސް މައްސަލައެއް ހުށަހަޅާފައި --- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ ދަރިކަލުންނަށް ނިސްބަތްކޮށް ދެއްކި ކަމަށް ބުނާ ވާހަކަތަކަކާ ގުޅިގެން ސާޖިދާ ހުށަހަޅުއްވާފައިވާ އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެ ކަމަށް އެ ކޯޓުން ނިންމައިފި އެވެ.
މި މައްސަލައިގައި ސާޖިދާ ދައުވާކުރަނީ އިދިކޮޅު އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ އިތުރުން އެ ޕާޓީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު (މަންދީ) އަށެވެ. ސިވިލް ކޯޓަށް މި މައްސަލަ ނުބެލޭނެ ކަމަށް ބުނެ ކޯޓުގައި އެމްޑީޕީ އާއި ފައްޔާޒާއި މަންދީ ވެސް އިއުތިރާޒުކުރި އެވެ.
އެމްޑީޕީ އާއި ފައްޔާޒު މި މައްސަލަ ނުބެލޭނެ ކަމަށް ބުނީ ދައުވާ ލިބުމުގެ ހައިސިއްޔަތު ނެތް ކަމަށް ބުނެ އެވެ. އަދި މި މައްސަލައިގައި އަބުރާ ބެހުމުގެ ގޮތުން އެމްޑީޕީ އާއި ފައްޔާޒު ކުރި ކަމެއް ދައުވާގައި ބަޔާންކޮށްފައި ނުވާ ކަމަށާއި އެހެންކަމުން މި ދައުވާ ކުރެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ވަކީލުން ބުންޏެވެ.
މި މައްސަލަ ނުބެލޭނެ ކަމަށް ބުނެ މަންދީގެ ފަރާތުން ކޯޓުގައި ފާހަގަކުރި ނުކުތާތަކަކީ ގޯސް އިޖުރާއަތްތަކުގެ ތެރެއިން މައްސަލަ ހުށަހަޅާފައި ވުމާއި ސާޖިދާއަށް ދައުވާކުރުމުގެ ހައިސިއްޔަތު ލިބިގެން ނުވުމާއި ކުޑަކުދިންގެ ހައްގުތަކަށް އުނިކަން އަންނާނެ ފަދަ މައްސަލަ ބެލުމުގެ އިހުތިސާސް ސިވިލް ކޯޓަށް ލިބިގެން ނުވުމުގެ އިތުރުން ފެމިލީ ކޯޓުގައި ހިނގަމުންދާ މައްސަލައާ އެއްގޮތް ކަންތައްތަކެއް ހުރުމުން އެއް މައުލޫއެއްގައި ދެ ކޯޓަކުން ގޮތެއް ކަނޑައެޅިގެން ދިޔުމެވެ.
މި ހުރިހާ ކަމެއްގައި ވެސް ކޯޓުގެ ނިންމުންތައް އައީ ސާޖިދާއާ އެއްކޮޅަށެވެ. އަދި ކޯޓަށް މައްސަލަ ބެލޭނެ ކަމަށް ނިންމާފައި ވާތީ، 28 ދުވަހުގެ ތެރޭގައި ދިފާއު ހުށަހަޅަން އެމްޑީޕީ އާއި މަންދީއަށް ވަނީ ފުރުސަތު ދީފަ އެވެ.
މި މައްސަލަ ފެށުނީ އެމްޑީޕީން އިންތިޒާމުކުރި އެއްވުމެއްގައި، ވޭޕު މަނާކުރި މައްސަލައިގައި ސާޖިދާގެ ދަރިކަލުންނަށް ނިސްބަތްކޮށް މަންދީ ދެއްކި ކަމަށް ބުނާ ވާހަކަތަކަކާ ގުޅިގެންނެވެ. މަންދީގެ ވާހަކައިގައި އެއްވެސް ކުއްޖެއްގެ ނަން ނުބުނި ނަމަވެސް ސާޖިދާ ވިދާޅުވަނީ އެ ވާހަކަ ރައްދުވަނީ އޭނާގެ ދޮށީ ފިރިހެން ދަރިކަލުންނަށް ކަމަށެވެ.
ދަރިކަލުންގެ ކަރާމާތް ނަގާލި ކަމަށް ބުނާ މައްސަލައިގައި ފެމިލީ ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތްތައް ވަނީ ފަށާފަ އެވެ.
Comment