Advertisement

ކަރަންޓު ކެނޑުމުން ހިންގާ ޖިނާއީ ތަހުގީގު ކޮޅެއްގައި ޖެއްސުމަށް ޑިމޮކްރެޓްސް އިން ގޮވާލައިފި

2 ޖޫން 2025 - 08:17 3

ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީ: އެ ޕާޓީ އިން ބުނީ ކަރަންޓު ކެނޑުމުން އިއްޔެ އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުންވި ކަމަށް -- ފޮޓޯ: އަދަދު ފައިލް


ކަރަންޓު ކެނޑުމުން ހިންގާ ޖިނާއީ ތަހުގީގު ކޮޅެއްގައި ޖެއްސުމަށް ޑިމޮކްރެޓްސް އިން ގޮވާލައިފި

2 ޖޫން 2025 - 08:17 3

ވެރި ރަށް މާލެ އާއި ހުޅުމާލެ އާއި ހުޅުލެއިން އިއްޔެ ކުއްލި ގޮތަކަށް ކަރަންޓު ކެނޑުމުން ހިންގަން ފެށި ޖިނާއީ ތަހުގީގު ފުރިހަމަކޮށް ކޮޅެއްގައި ޖެއްސުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފި އެވެ.

ކަރަންޓު ކެނޑުމުން ކަންބޮޑުވުން ފާޅުކޮށް ޑިމޮކްރެޓްސް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކަރަންޓު މައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރައްވަން ރައީސް މުހައްމަދު މުއިއްޒު އަންގަވާފައިވާތީ އެ ތަހުގީގު ފުރިހަމަ ކުރުން މުހިންމު ކަމަށެވެ.

"މިކަމާ ގުޅިގެން ފުލުހުން މެދުވެރިކޮށް ޖިނާއީ ތަހުގީގެއްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވުމާއެކު، އެ ތަހުގީގު ހަގީގީ މާނާގައި ފުރިހަމަގޮތުގައި ކުރައްވައި، ބޮނޑުނަގުލަށްނުވެ ކޮޅަކު ޖެހޭނޭ ގޮތަށް ކުރައްވާނެ ކަމަށް އުއްމީދު ކުރަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އިއްޔެ ކަރަންޓު ކެނޑުމުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން އާންމުންނަށް ކުރިމަތިވެފައިވާ ކަމަށް ވެސް ޑިމޮކްރެޓްސް އިން ބުންޏެވެ.

"ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެތައް މިލިއަނެއްގެ ގެއްލުން އާންމުންނާއި ދިވެހި ދައުލަތުން ބޮލު އަޅާންޖެހޭނެ، މިފަދަ ޒަމާނެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން،" އެ ޕާޓީ އިން ބުންޏެވެ.

އޭގެ އިތުރުން ޑިމޮކްރެޓްސް އިން ބުނީ އެފަދަ ހާދިސާއެއް ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ބެލެހެއްޓުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.

"މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށާއި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވާން ފިޔަވަޅު އެޅުމަށާއި ރަށްވެހިކަމުގެ އަސާސީ ހިދުމަތްތައް ޒިންމާދާރުކަމާއި ފަރުވާތެރިކަމާއެކު ބެލެހެއްޓުމަށް، ފުލުހުންނާއި ޔުޓިލީޓީ ކުންފުނިތަކާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އާއި ސަރުކާރާއި އެހެނިހެން ސްޓޭކްހޯލްޑަރުންނަށް ގޮވާލަން،" އެ ޕާޓީ އިން ބުންޏެވެ.

ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ރައީސް މުއިއްޒު އެންގެވުމުން ފުލުހުންނާއި ސިފައިން ގުޅިގެން ވަނީ ތަހުގީގެއް ފަށައިފަ އެވެ. އަދި ސްޓެލްކޯއިން ހުޅުމާލޭގައި ހިންގާ އިންޖީނުގެއަށް ސިފައިން އަދި ފުލުހުންގެ ޓީމަކުން ވަނީ ގޮސް، ތަން ބަލައިފާސްކޮށްފަ އެވެ.

އިއްޔެ ކަރަންޓު ކެނޑުމުން މާލޭގެ ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ. އަދި ވަރަށް ގިނަ ފިހާރަތަކާއި އޮފީސްތަކާއި ވިޔަފާރިތައް ވެސް އިއްޔެ ބަންދު ކުރި އެވެ. މުޅި މާލެއަށް ކަރަންޓު އަލުން ދެވުނީ ހައެއްކަ ގަޑިއިރަށްފަހެވެ.

މާލޭގައި 211،908 މީހުން ދިރިއުޅޭ ކަމަށް ހިސާބުތަކުން ދައްކަ އެވެ. އެއީ ރާއްޖޭގެ އާބާދީގެ 41 ޕަސެންޓެވެ. ހުޅުމާލޭގައި ވެސް 200،000 މީހުން ދިރިއުޅޭ ކަމަށް އެ ރަށް ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެ އެވެ.