3 ޖޫން 2025 - 09:56 0
އަހުމަދު ދާއޫދު
އެލްޑެން ރިންގްގެ އޮންލައިން ގޭމްތަކަކީ ގިނަބައެއްގެ މަޤުބޫލުކަން ލިބިފައިވާ ގޭމްތަކެއް --
3 ޖޫން 2025 - 09:56 0
ވީޑިއޯ ގޭމް އުފެއްދުމުގައި މަޝްހޫރު ކުންފުނި ފްރޮމްސޮފްޓްވެެއާގެ އެލްޑެން ރިންގް ނައިޓްރެއިން ނެރުނުތާ ފުރަތަމަ ދުވަހު ވެސް 2 މިލިއަން ކޮޕީ ވިކިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.
މި ކާމިޔާބީ ފާހަގަކޮށް، އެކުންފުނީގެ ރަސްމީ އެކްސް އެކައުންޓުން ވަނީ އެކަން އިއުލާންކޮށްފަ އެވެ. އެހާ ގިނަ އަދަދަކަށް އެއް ދުވަސް ތެރޭ ގޭމްގެ ކޮޮޕީތައް ވިކިފައިވާތީ އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
މި މުހިންމު ކާމިޔާބީގެ އިތުރުން، އެ ކުންފުނިން ވަނީ ނައިޓްރެއިންއަށް އަންނަ ހަފްތާގައި ޕެޗެއް ނެރޭނެކަން ވެސް ކަށަވަރުކޮށްދީފަ އެވެ. މި ޕެޗްގެ ސަބަބުން އެކަނި ކުޅޭ މީހުންނަށް ގޭމް ކުޅުން ފަސޭހަވެގެންދާނެކަމަށް އެކުންފުނިން ބުނެ އެވެ.
ނައިޓްރެއިން ފަރުމާކުރެވިފައިވަނީ ތިން ކުޅުންތެރިންގެ ކޯ-އޮޕް މޯޑަށް ނަމަވެސް، އެކަނި ކުޅުމުގެ ފުރުޞަތުވެސް ލިބެ އެވެ. އެހެންނަމަވެސް، ގިނަ ކުޅުންތެރިން ބުނެފައިވަނީީ އެކަނި ކުޅޭއިރު މާ އުނދަގޫ ކަމަށެވެ.
ނައިޓްރެއިން އަށް ނެރޭ މި ޕެޗް 1.02 އަންނަ ހަފްތާގައި ނެރޭނެ ކަމަށާއި، އޭގައި "އެކިއެކި ބަގް ފިކްސްތަކާއި އެކަނި ކުޅޭ ފަރާތްތަކަށް ކުޅުން ފަސޭހަކުރުމުގެ އިސްލާހުތައް" ހިމެނޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ޕެޗްގެ އިތުރު ތަފްޞީލްތައް އަންނަ ހަފްތާގައި ހާމަކުރާނެ ކަމަށް ބުނެފައިވީ ނަމަވެސް، 'އޮޓޮމެޓިކް ރިވައިވަލް އަޕޮން ޑިފީޓް' އިފެކްޓް، އެކަނި ކުޅޭ ފަރާތްތަކަށްވެސް ލިބޭނެކަން ކަށަވަރުކޮށްދީފައިވެ އެވެ. މި އިފެކްޓްގެ ސަބަބުން ކޮންމެ ނައިޓް ބޮސް ހަނގުރާމައެއްގައި އެއްފަހަރު އަލުން ދިރުވުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ. އަދި މީގެ އިތުރުން، އެކަނި ކުޅޭއިރު ލިބޭ ރޫންސްގެ އަދަދުވެސް އިތުރުކުރެވޭނެ އެވެ.
ގޭމް ސްޓީމްގައި ވަރަށް ރަނގަޅު ފެށުމެއް ލިބިފައިވާ ކަމަށް އެކުންފުނިން ބުނެފައިވާއިރު، ނެރުނުތާ ގަޑިއިރެއްގެ ތެރޭގައި އެއްފަހަރާ 313,593 ކުޅުންތެރިން ކުޅެމުންދިޔަ ކަމަށް ވަނީ ރިކޯޑުކުރެވިފަ އެވެ.
މިއީ ފްރޮމްސޮފްޓްވެއާގެ ގޭމްތަކުގެ ތެރެއިން ސްޓީމްގައި ދެވަނައަށް އެންމެ މަތީ ރެކޯޑެވެ. އެންމެ މަތީ ރެކޯޑު އޮތީ އެލްޑެން ރިންގް އަށެވެ. މި ރެކޯޑު ހަފްތާ ނިމުމުގެ ކުރިން އިތުރަށް މަތިވެދާނެ ކަމަށް ބެލެވެ އެވެ.
ނަމަވެސް، މި ވަގުތު ސްޓީމްގައި ގޭމްގެ ޔޫޒަރުންގެ ރިވިއުތައް ހުރީ މިކްސްޑް ލެވެލްގަ އެވެ. ކުޅުންތެރިން ހާއްސަކޮށް ފާޑުކިޔަމުންދަނީ ދެ ކުޅުންތެރިންގެ މޯޑެއް ނެތުމާއި، އެހެން ފްރޮމްސޮފްޓްވެއާ ގޭމްތަކާ އަޅާބަލާއިރު ޑެޕްތް މަދުކަމާއި، އަދި ބައެއް ހައި-އެންޑް ގްރެފިކްސް ކާޑުތަކުގައި ޕާފޯމަންސް މައްސަލަތައް ހުރިކަމަށެވެ.
އެލްޑެން ރިންގް ނައިޓްރެއިންއަކީ ފްރޮމްސޮފްޓްވެއާ އިން ތައްޔާރުކޮށްފައިވާ، އެލްޑެން ރިންގް ޔުނިވާސްގައި ހިނގާ ވަކި ސްޓޭންޑްއެލޯން އެޑްވެންޗާ އެކެވެ. 2022 ވަނަ އަހަރު ނެރުނު އަދި ކްރިޓިކަލީ އެކްލެއިމްޑް އެލްޑެން ރިންގްގެ ސްޕިން-އޮފްއެއްގެ ގޮތުގައި ނެރެފައިވާ މި ގޭމަކީ މައިގަނޑު ގޮތެއްގައި ތިން ކުޅުންތެރިންގެ ކޯ-އޮޕް މަލްޓިޕްލޭޔާ ތަޖުރިބާއަކަށް ފަރުމާކޮށްފައިވާ ގޭމެކެވެ.
ނައިޓްރެއިން ނެރުނީ 2025 ގެ މޭ 30 ވަނަ ދުވަހު، ޕްލޭސްޓޭޝަން 5، އެކްސްބޮކްސް ސީރީޒް އެކްސް/އެސް، އަދި ޕީސީއަށެވެ.
Comment