1 ޖޫން 2025 - 11:26 0
އަމަން ހަލީމް
އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު: ސުކޫކު ދައްކަން ގެންގުޅޭ ޕްލޭނެއް ސަރުކާރުން އަދި ހާމަނުކުރޭ -- ފޮޓޯ: އެމްއެމްއޭ
1 ޖޫން 2025 - 11:26 0
އަންނަ އަހަރު ސުކޫކަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ދައްކަން އިތުރު ސުކޫކެއް ވިއްކަން ރާވާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
މުނައްވަރު މިހެން ވިދާޅުވީ، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ އަހަރީ އާންމު ބައްދަލުވުމުގެ ހަވާސާގައި، ސީއެންއެން އިކޮނޮމިކްސްއަށް ދެއްވި އިންޓަވިއުއެއްގަ އެވެ. އެ އިންޓަވިއުގައި އޭނާ ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ މިހާރު ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު "ރީއިޝޫ" ކުރަން ކަމަށެވެ.
ސުކޫކު ދައްކަން ސުކޫކު ވިއްކުމުގެ ވާހަކަ މުނައްވަރު ދެއްކެވިއިރު، މި ސުކޫކް ދައްކަން ރާވާފައިވާ ސީދާ ޕްލޭނެއް މިހާތަނަށް ސަރުކާރުން ހިއްސާނުކުރެ އެވެ. އެކަމަކު މި އަހަރަށް ފާސްކުރި ބަޖެޓުގައި، ސުކޫކު ރީފައިނޭންސް ކުރުމަކީ ސަރުކާރުން ގެންގުޅޭ ވިސްނުމެއް ކަމަށް ބަޔާންކޮށްފައި ވެ އެވެ.
ބަޖެޓުގައި އޮތް ގޮތުން، ސަރުކާރުން ވިސްނާފައި އޮތީ "ސަސްޓެއިނަބަލް ފައިނޭންސް އިންސްޓްރޫމަންޓް" އެއް ބޭނުންކޮށްގެން ސުކޫކު ރީފައިނޭސްކުރަން، ނުވަތަ އެ ނޫން ވެސް ގޮތަކުން ރީފައިނޭންސް ކުރާށެވެ. އަދި އޭގެން ބައެއް ސޮވްރިން ޑިވެލޮޕްމަންޓު (އެސްޑީއެފް) ގައި ހުރި ފައިސާއިން ދެއްކުމަކީ ވެސް ސަރުކާރުގެ ޕްލޭނުގައި ހިމެނޭ ކަމެކެވެ.
ސަރުކާރުން ސުކޫކު ރީފައިނޭންސް ކުރާއިރު، ހެޔޮ އަގެއްގައި ރީފައިނޭންސް ކުރަން ދަތިވާނެ އެވެ. ސަބަބަކީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކޮށްފައި އޮތުމެވެ. ރޭޓިން ދަށް ދުވަސްވަރެއްގައި ދަރަނި ނަގާނަމަ، ދަރަނި އަދާކުރުމުގެ އަގު ބޮޑު ވާނެ އެވެ.
އެންމެ ފަހުން ނެރުނު މޫޑީސްގެ ރޭޓިން ރިވިއު އެޑްވައިޒަރީގައި ވެސް، މާލީ ހާލަތު ރަނގަޅު ވާނެ ކަމަށް ނުބެލެވޭތީ ބުރަވީ ރާއްޖޭގެ ޖަންކް ރޭޓިން ދެމެހެއްޓުމަށެވެ. މިއީ ޑީފޯލްޓުވުމުގެ ހިރާސް އިންތިހާއަށް ބޮޑު ކަމަށް ބަލައި ދެވޭ ރޭޓިންއެކެވެ.
ކްރެޑިޓު ރޭޓިން ރަނގަޅުކުރަން ސަރުކާރުން ކުރަމުންދާ މައިގަނޑު މަސައްކަތަކީ އިކޮނޮމިކް ރިފޯމް އެޖެންޑާ އެވެ. ނަމަވެސް މި އެޖެންޑާގައި ހުރި ކަންކަން ތަންފީޒުވުން ލަސް މައްސަލަ ވޯލްޑް ބޭންކުން މިފަހުން ނެރުނު ރިޕޯޓެއްގައި ވެސް ފާހަގަކޮށްފައި ވެ އެވެ.
ސަރުކާރުން ހަރަދުތައް ކުޑަކުރުމުގެ އެޖެންޑާ ތަންފީޒުނުކުރާ ތަނުގައި، ބަޖެޓަށް ބުރަވާ ގޮތަށް ފިޔަވަޅުތައް އަޅަމުން ގެންދާ ކަމުގެ ކަންބޮޑުވުން ވެސް އެބަހުއްޓެވެ. އަދި ބަޖެޓުގައި ކަންކަން ރޭވިގޮތަށް ތަންފީޒުވަމުންދާ ކަމާ މެދު ވެސް ގިނަ ސުވާލުތަކެއް އެބަހުއްޓެވެ.
Comment