ނަންބަރު އައިނު ހައްދަން އާސަންދައިން ދޭ 1000 ރުފިޔާ ޖޫން 1، އިން ފެށިގެން 2000 ރުފިޔާއަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. މި ނިންމުމާއެކު އައިނު ހައްދާ ފަރާތްތަކަށް މާލީ ގޮތުން ލުޔެއް ލިބުނު ނަމަވެސް، އައިނު ހައްދަން އުފުލަންޖެހޭ ތަކުލީފަށް އެއްވެސް ބަދަލެއްނާދެ އެވެ. އެހެން ކަމުން މިއީ ހަގީގީ މާނައިގައި ނަންބަރު އައިނު ހަދާަ ފަރާތްތަކަށް ލުޔެއް ދިނުމަށް ގެނައި ބަދަލެއް ނޫންކަން ޔަގީންވެ އެވެ.
ނަންބަރު އައިނު ހައްދާ ފަރާތްތަކުގެ އެންމެ ބޮޑު ޝަކުވާއަކީ، ލޮލުގެ ނަންބަރު ނަގަން އިންތިހާއަށް އުނދަގޫވާ ސިޔާސަތެއް އާސައިންދައިން ކަނޑައެޅުމެވެ. މި ގޮތުން، ނަންބަރު އައިނު ހައްދަން އާސަންދައިން ގަބޫލު ކުރަނީ ހަމައެކަނި ހޮސްޕިޓަލްތަކުން ދޫކުރާ ޕްރިސްކްރިޕްޝަނެވެ. އެއްވެސް ކްލިިނިކަނުން ދޫކުރާ ޕްރެސްކަރިޕްޝަން ގަބޭލެއް ނުކުރެެ އެވެ.
ނަމަވެސް އެހެން ހުރިހާ ބައްޔަކަށް ކްލިނިކުތަކުން ދޫކުރާ ޕްރިސްކްރިޕްޝަން އާސަންދައިން ގަބޫލުކުރެ އެވެ. އެހެންކަމުން މިއީ ގަސްދުގައި ނަންބަރު އައިނު ހެއްދުން އުނދަގޫކުރަން އާސަންދައިން އެކުލަވާލާފައިވާ ސިޔާސަތެއްކަން އެނގެ އެވެ. އަދި މިއީ އާންމު އުސޫކުތަކާއި ގާނޫނު ތަކާ ހިލާފު ސިޔާސަތެއް ކަން ވެސް އެނގެ އެވެ.
އާސަންދައިގެ ސިޔާސަތުގެ ދަށުން ހެލްތް މިނިސްޓްރީ އިން ލޮލުގެ ނަންބަރު ނެގުމުގެ ލައިސަން ދޫކޮށްފައިވާ ފަރާތަކުން ހޮސްޕިޓަލުގަިއ އެތައް ބަޔަކަށް އައިނުގެ ޕްރެސްކްރިޕްޝަން ދޫކޮށްފައި، އޭނާ ކްލިނިކަކަށް ހަމަ ވަންނަ ވަގުތު އޭނާގެ ނަންބަރު އައިނު ދޫކުރުުމުގެ ލައިސަންސް އާސަންދައިން ބާތިލުކުރެ އެވެ. އަލުން އޭނާ ހޮސްޕިޓަލަށް ދާ ވަގުތު އެ ލައިސަންސް އޮޓަމެޓިކުން އާވެ އެވެ. މިއީ ރެގިއުލޭޓަރީ ބޮޑީއަކުން ދޫކުރާ ލައިސަންސް ކުންފުންޏަކުން ބާތިލު ކުރުމުގެ އާދަޔާ ހިލާފު އުސޫލެކެވެ.
މީގެ ސަބަބުން ނަންބަރު އައިނު ހައްދާ ކޮންމެ މީހަކަށް މަޖުބޫރުވަނީ ހޮސްޕިޓަލަކަށް ގޮސް ކިޔޫ ޖައްސައިގެން ލޮލުގެ ޕްރެސްކްރިޕްޝަނެއް ހޯދުމެވެ. މިއީ ވަަރަށް އުނދަގޫ އެހާމެ ތަކުލީފު ބޮޑު ކަމެކެވެ. ހާއްސަ ގޮތެއްގައި އައިނު އަޅާ މީހަކު އައިނު ހަލާކުވުމުން ހޮސްޕިޓަލެއްގެ ކިޔޫގައި މަސް، ދެ މަސް ހޭދަކޮށް ނަންބަރެއް ނަގަން މަޑެއް ނުކުރެވޭނެ އެވެ. ކިޔަވާ ކުދިންނަށް މިކަމުން ދިމާވަނީ އިއާދަ ކުނުރެވޭފަދަ ބޮޑު ގެއްލުމެކެވެ.
ހެލްތު މިނިސްޓްރީ އިން ލައިސަންސް ދޫކޮށްފައިވާ ލޮލުގެ ނަންބަރު ނެގުމަށް ހާއްސަ މީހުން ތިބޭ ލޮލުގެ ހުރިހާ ކްލިނިކަކުން ހެން ފަސޭހައިން މުޅިން ހިލޭ ނަންބަރު ނަގައިދޭއައިރު، ލޮލުގެ ނަންބަރު ނަގަން ބޮޑު ތަކުލީފު އުފުލައިގެން ހޮސްޕިޓަކަލަށް ދާން މަޖުބޫރު ކުރުމަކީ ރައްޔިތުންނަށް ދެވޭ ބޮޑު އަނިޔާއެކެވެ. އެހެން ކަމުން އައިނު ހައްދަން އާސަންދައިން 2000 ރުފިޔާ ދިނަސް މި ހޯދުމަށް އުފުލަން ޖެހޭ ވޭން ބޮޑުކަމުން މީގެ ހަގީގީ ފައިދާއެއް ރައްޔިތުންނަކަށް ނުލިބޭނެ އެވެ. މިއީ ނަންބަރު އައިނު ހައްދަން ސަރުކާރުގައި ސަލާންޖެހުން ފަދަ ކަމެކެވެ.
ސިޔާސަތާ މެދު ފާޑެއް ކިޔަން އޮތީ ހެއްޔެވެ؟ ކަމެއް އިސްލާހުކުރަން މުއައްސަސާއެއްގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ހެއްޔެވެ؟ ޝަކުވާއެއް ބޮޑުވެ އާއްމުންނާ ހިއްސާކުރަން ބޭނުންވީ ހެއްޔެވެ؟ އެހެން ކަމެއްގައި ވިޔަސް ހިޔާލެއް ހިއްސާކުރަން ބޭނުން ހެއްޔެވެ؟ ކިޔުންތެރިންގެ ހިޔާލާއި ފިކުރު މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަށް "އަދަދު"ން ތަނަވަސްކޮށްދީފައި ވަނީ "ސިޓީބިިޓީ" އެވެ. ހިޔާލުތައް ލިޔުމަށް ތިރިކޮށްލުމަށް ފަހު، "އަދަދު"ގެ އެޑިޓަރަށް އެޑްރެސްކޮށް [email protected] އަށް އީމެއިލްކޮށްލާށެވެ.
Comment