1 ޖޫން 2025 - 10:31 0
އަތޫފް އާތިފް
1 ޖޫން 2025 - 10:31 0
އެކުވެރިކަމުގެ މެޗެއްގައި ސިންގަޕޫރާ ދެކޮޅަށާއި އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗަށް ގައުމީ ފުޓުބޯޅަ ޓީމާ އަލަށް ގުޅުނު ކުޅުންތެރިންނާ އެކު ޓީމު އިތުރަށް ވަރުގަދަވެފައިވާ ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ މިޑްފިލްޑަރު، އައިސަމް އިބްރާހީމް ބުނެފި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ކުޅެން އޮތް މެޗަށް ގައުމީ ފުޓްބޯޅަ ޓީމަށް ނެގި ސްކޮޑުގައި، އޮޑި ސްޕޯޓްސް ކްލަބްގެ ފުލްބެކް، އަހުމަދު އައިހަމް (އައިހު) އާއި ޓީސީ ސްޕޯޓްސް ކްލަބްގެ ހަސަން އީނާޒް ވަނީ ހިމަނާފަ އެވެ. މީގެ އިތުރުން އޮޑީގެ ހައިޝަމް ރަޝީދު (ހައި) އަށް ވެސް އަނެއްކާ މި ފަހަރުގެ ސްކޮޑުން ވަނީ ޖާގަ ދީފަ އެވެ.
ގައުމީ ސްކޮޑަށް އަލަށް ގުޅުނު ކުޅުންތެރިންނާ އެކު، ސްކޮޑު އިތުރަށް ވަރުގަދަވެފައިވާ ކަމަށް އައިސަމް ވަނީ ބުނެފަ އެވެ. އެގޮތުން ޑިފެންސްލައިން، މެދުތެރެ އަދި ފޯވާޑްލައިންވެސް އިތުރަށް ވަރުގަދަވެފައިވާ ކަން އައިސަމް ފާހަގަކުރި އެވެ.
ރާއްޖެއިން ޓިމޯ ލެސްޓޭ މެޗުގެ ކުރިން އެކުވެރިކަމުގެ މެޗެއްގައި ސިންގަޕޫރާ ދެކޮޅަށްވެސް ކުޅޭނެ އެވެ. އެ މެޗަށްފަހު ރާއްޖެއިން ޓިމޯ ލެސްޓޭ މެޗު ކުޅެން ދާނީ އޮސްޓްރޭލިއާ އަށެވެ.
މި ދެ މެޗަށް ނުކުންނައިރު، ރަނގަޅު މެޗުތަކެއް ލިބިފައިވުން އެއީ ކުޅުންތެރިންނަށް ލިބޭ ބޮޑު ފައިދާއެއްގެ ގޮތުގައި އައިސަމް ދެކެ އެވެ.
"އަސްލު ގަވައިދުން ކުޅޭނަމަ އަހަރުންނަށްވެސް ރަނގަޅުވާނެ، އެއީ މިސާލަކަށް އެއްވެސް ކަމެއް ނުކޮށް ހަމަ ޕްރެކްޓިސް ކޮށްލައިގެން ދިޔުމަކުން އަދި އެންމެ ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ. މުބާރާތްތަކާ ލީގުތަކާ އެއްޗެހި ކުޅެލާފަ އަންނަނަމަ ވަރަށް ރަނގަޅުވާނެ ހަމަ" އައިސަމް ބުންޏެވެ.
ގައުމީ ފުޓްބޯޅަ ޓީމަށް އައިސަމް، މިދިޔަ މާޗް މަހު މެޗުތައް ކުޅެފައިވަނީ ބްރޭކަކަށް ފަހު އެވެ. މިދިޔަ އަހަރު ބަންގްލަދޭޝޭ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ދެ މެޗުގައި، އައިސަމް އަށް އަނިޔާގެ ސަބަބުން ނުކުޅެވުނެވެ.
Comment