31 މޭ 2025 - 14:04 0
ލީވާން އަލީ ނާސިރު
އަލީ އާލިމް: އޭނާ ދުއްވި ސައިކަލުގައި ޖެހި މާބަނޑު އަންހެނަކު މަރުވި މައްސަލަ 10 އަހަރުފަހުން ސާބިތުވާ ކަމަށް ހައި ކޯޓުން ވަނީ ކަނޑައަޅާފައި --
31 މޭ 2025 - 14:04 0
ބާރު ސްޕީޑުގައި ދުއްވި ސައިކަލެއްގައި ޖެހި މާބަނޑު އަންހެނަކު މީގެ 10 އަހަރު ކުރިން މަރުވި މައްސަލައިގައި ދައުވާ އުފުލި ސ. މީދޫ، އިރާސްމެކުގެ، އަލީ އާލިމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.
މާލޭގެ ޒަމާނީހިނގުމުން ބާރު ސްޕީޑުގައި އާލިމް ދުއްވި ސައިކަލުގައި ޖެހި ހއ. ހޯރަފުށި، ގާތުގިރި، އަޒުލީމާ އަބްދުﷲ ނިޔާވި މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުން އާލިމްގެ މައްޗަށް ހުކުމްކުރީ މަރުގެ ދިޔަ ދިނުމަށާއި 10 އަހަރަށް ލައިސަންސް ހިފެހެއްޓުމަށެވެ.
އާލިމްގެ މައްޗަށް ސާބިތުވާ ގަތުލު ޚަތައުގެ ކައްފާރާއަށް ވިދިވިދިގެން ހަނދުމަހުގެ ދެ މަހު ރޯދަ ހިފުމަށް ވެސް ހުކުމުގައި ބުނެފައި ވެއެވެ.
މީގެއިތުރުން ހުކުމުގައި އިތުރަށް ބުނީ އިސްލާމީ ޝަރީއަތުން ކަނޑައެޅިފައިވާ ބަދަލުގެ ގޮތުގައި ހިމެނޭ މަރުގެދިޔައާ މެދު ގޮތެއް ކަނޑައެޅޭނީ ވާރިސުންގެ ބަހަށް ބިނާކޮށްގެން ކަމަށްވާތީ، ވާރިސުންގެ ބަސް ހޯދުމަށްފަހު މަރުގެ ދިޔައާ މެދު ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށެވެ.
ފެބްރުއަރީ 23، 2015، ގައި ހިނގި އެ އެކްސިޑެންޓާއި ގުޅިގެން އިންޖީނުލީ އެއްޗެއް ނުރައްކާތެރިކޮށް ދުއްވުމުގެ ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ހުށަހެޅީ ފެބްރުއަރީ 1، 2016 ގަ އެވެ.
އެ މައްސަލަ އާލިމްގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ ސެޕްޓެމްބަރު 17، 2020 ގަ އެވެ. ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރީ ނޮވެމްބަރު 23، 2020 ގަ އެވެ.
Comment