Advertisement

ސިވިލް ސާވިސް އިން އޭޖީ އޮފީސް ވަކި ކުރުމުގެ ބިލު ތަސްދީގުކޮށްފި

29 މޭ 2025 - 19:48 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު ބިލެއް ތަސްދީގުކުރައްވަނީ: އޭޖީ އޮފީސް ސިވިލް ސާވިސް އިން ވަކިކުރަން ފާސްކުރި ބިލު މިއަދު ވަނީ ތަސްދީގުކޮށްފަ --- ފޮޓޯ: ރައީސް އޮފީސް


ސިވިލް ސާވިސް އިން އޭޖީ އޮފީސް ވަކި ކުރުމުގެ ބިލު ތަސްދީގުކޮށްފި

29 މޭ 2025 - 19:48 0

ބަންޑާރަނައިބުގެ އޮފީސް ސިވިލް ސާވިސް އިން ވަކިކޮށް އެ އޮފީހުގެ އުސޫލުތަކަށް ބައެއް އެހެން ބަދަލުތަކެއް އަންނާނެހެން ސަރުކާރުގެ ފަރާތުން ހުށަހަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.

ސަރުކާރުން ހުށަހެޅި މި ބިލަށް ކޮމިޓީ މަރުހަލާގައި ދެ ބަދަލެއް ގެނެސްފައިވެ އެވެ. އެ ގޮތުން އެ އޮފީހުގެ މުވައްޒަފުންނަށް ޝަރަފުވެރިކަމާއެކު ރިޓަޔާކުރެވޭ އުމުރު ކުރުކޮށް ސޮލިސިޓާ ޖެނެރަލްގެ މަގާމު އުވައިލަން ކޮމިޓީން ނިންމި އެވެ.

އެ ބަދަލުތަކާއެކު ބިލު ފާސްވީ ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުންނެވެ. މެއި 15، ގައި ނެގި މި ވޯޓުގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ބައިވެރިއެއް ނުވެ އެވެ.

އޭޖީ އޮފީހުން މީގެ ކުރިން އަމަލުކުރަމުން އައި ގޮތުން، ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެވެނީ އޭޖީ އޮފީހުގައި 25 އަހަރު ހިދުމަތްކޮށްދޭ މުވައްޒަފުންނަށެވެ. ނަމަވެސް، މި ބިލު ތަސްދީގުކުރުމާއެކު އެ އުމުރު 20 އަހަރަށް ކުރުވާނެ އެވެ.

އާ ގާނޫނާއެކު އޭޖީ އޮފީހުގައި 10 އަހަރު ހޭދަކޮށްފައިވުމާއެކު ދައުލަތުގެ އެހެން އިދާރާއެއްގައި 20 އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް ވެސް ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެވޭނެ އެވެ.

ސޮލިސިޓާ ޖެނެރަލްގެ މަގާމު އުވާލުމަށްފަހު ކޮމިޓީން ނިންމީ ޑެޕިއުޓީ އެޓާނީ ޖެނެރަލެއް ހުންނަ ގޮތަށް ހެދުމަށާއި އެ މަގާމަކީ ރައީސުލްޖުމްހުރިއްޔާ އައްޔަންކުރާ މަގާމަކަށް ހެދުމަށެވެ.

މީގެކުރިން އޭޖީ އޮފީސް ހިނގަމުން ދިޔައީ ސިވިލް ސާވިސްގެ ދަށުންނެވެ. މިކަމުގެ ސަބަބުން ރާއްޖޭގައި އާންމުކޮށް ވަކީލުންނަށް ލިބޭ އާމްދަނީއާ ކައިރި ކުރާ މުސާރައެއް އޭޖީގެ ވަކީލުންނަށް ދިނުމަށް ހުރަސްތަކެއް ކުރިމަތިވި އެވެ. މިއަދު ތަސްދީގުކޮށް އަމަލުކުރަން ފެށި ބިލުގެ މައިގަނޑު މަގުސަދެއްގެ ގޮތުގައި އޮތީ މި ދަތިތައް ނައްތާލުމެވެ.

މިއަދު ތަސްދީގު ކުރި ގާނޫނަށް އަމަލު ކުރަން ފަށާނީ މީގެ 90 ދުވަސް ފަހުންނެވެ.