29 މޭ 2025 - 10:51 0
އަހުމަދު އާއިދު
ރާއްޖޭގެ ޖަލެއްގައި ބަންދުގައި ހުރި މީހެއްގެ އަތުގައި ބިޑި އަޅުވާފައި: ވާނުވާ ބަންދުގައި ތިބި ދެ މީހަކު ޓެގު އެޅުވުމަށްފަހު އިއްޔެ ވަނީ ދޫކޮށްލާފައި --- ފޮޓޯ: ކަރެކްޝަންސް
29 މޭ 2025 - 10:51 0
ޝަރީއަތް ނިމެންދެން ނުވަތަ 'ވާނުވާ' ބަންދުގައި ތިބި ދެ މީހަކުއިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ދަށުން ޓެގު އެޅުވުމަށްފަހު އިއްޔެ ދޫކޮށްލާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ވާނުވާ ބަންދުގައި ތިބި މީހުންގެ ބަންދަށް ލުއި ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ މީހުން ދޫކުރަން ފަށާފައިވާކަން އިއްޔެ އިއުލާނުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. އެމަނިކުފާނު އެކްސްގައި ކުރި ޕޯސްޓުގައި އިތުރު އެއްވެސް ތަފުސީލެއް ހިމަނާފައެއް ނުވެ އެވެ.
މިކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ވާނުވާ ބަންދުގައި ތިބި ދެ މީހަކަށް އިއްޔެ ކޯޓުން ލުއިދީފައިވާ ކަމަށެވެ. އަދި، އިތުރު ފަސް މީހެއްގެ ބަންދަށް ލުއިދިނުމާ ގުޅޭ އަޑުއެހުންތައް މިއަދު ބާއްވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެހެންނަމަވެސް ދޫކޮށްލީ ކޮން ބާވަތެއްގެ މައްސަލަތަކެއްގައި ބަންދުކޮށްފައިވާ ބައެއްކަން ޕީޖީ އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.
އަލަށް އަމަލުކުރަން ފެށި ނިޒާމުގެ ދަށުން ވާނުވާ ބަންދުގައި ތިބި މީހުންގެ ބަންދަށް ލުއިދިނުމަށް އެދި ދައުލަތުން ކޯޓަށް ދަނީ ފުލުހުންނާއި ކަރެކްޝަނުން ހަދާ އެސެސްމަންޓަކަށް ބެލުމަށްފަހު އެވެ. އެ އެސެސްމަންޓުގައި މީހަކު ދޫކޮށްލުމުން މުޖުތައުމުގެ ސަލާމަތަށް އޮތް ނުރައްކަލުގެ މިންވަރަށް ބަލާނެ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
ޕީޖީ އޮފީހުން ބުނީ، ލުޔަށް އެދި ހުށަހަޅާ ފަރާތްތަކުގެ އެސެސްމަންޓުތައް ލިބޭ ވަރަކުން ލުއިދިނުމަށް ކޯޓަށް ހުށަހެޅެމުންދާނެ ކަމަށެވެ. ލުއި ދޭން ނިންމާފައި ވަނީ ގިނަ ވެގެން 100 ދުވަހަށް ކަނޑައަޅާ ޝަރުތެއްގެ ގޮތުގަ އެވެ.
ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުތުތައް މުރާޖައާކުރުމަށް ކޮންމެ 100 ދުވަހަކުން ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. އަދި ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުތަކާ މިއިން މީހަކު ހިލާފު ވެއްޖެ ހާލަތެއްގައި، ވަގުތުން އެ މީހަކު އަލުން ބަންދުކުރުމަށް ކޯޓުގައި އެދޭނެ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެ އެވެ.
އައު ނިޒާމުގެ ތެރެއިން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ބަންދުގައި ތިބި މީހުންނަށް ލުއި ނުދޭނެ ކަމަށް މިއަދުގެ ބަޔާނުގައި ވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
މީގެ އިތުރުން، މި މަސައްކަތުގެ ސަބަބުން ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ކޮންމެވެސް މިންވަރެއްގެ ހައްލެއް ލިބި، ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭ ވަސީލަތްތަކަށް ހެޔޮ ބަދަލެއް ގެނެވޭނެކަމަށް ދެކޭ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
Comment