29 މޭ 2025 - 09:04 0
29 މޭ 2025 - 09:04 0
މެޑްރިޑް (މެއި 29) - އެތުލެޓިކޯ މެޑްރިޑްގައި އޭނާގެ ފުރަތަމަ ސީޒަން ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި އުންމީދަކީ ކުރިއަށް ހުރި އަހަރުތަކުގައި ކާމިޔާބީތަކެއް ހޯދުން ކަމަށް އާޖެންޓީނާގެ ފޯވާޑް، ޖޫލިއަން އަލްވަރޭޒް ބުނެފި އެވެ.
ރިވަ ޕްލޭޓް ދޫކޮށް، 2022 ވަނަ އަހަރު ޖެނުއަރީ މަހު ސިޓީ އަށް އަލްވަރޭޒް ބަދަލުވީ 20 މިލިއަން ޑޮލަރަށެވެ. އަލްވަރޭޒް، 24، އެންމެ ފަހުން ދިން ކޮންޓްރެކްޓަށް، އެއްބަހެއްނުވި އެވެ. އެއީ، އެންމެ ފަހުން އޮތް އެއްބަސްވުމަށް އިތުރު އެއް އަހަރު ހިމަނައި، މުސާރަ ބޮޑުކޮށްފަ އެެވެ. އެ ގޮތަށް އެކަން ކުރިއަށްނުދިއުމުން، އެންމެ ފަހުން، ސިޓީން ވަނީ، އެތުލެޓިކޯ އިން ހުށަހެޅި 85 މިލިއަަން ޑޮލަރުގެ އޮފާ ގަބޫލުކޮށް، އެ ޓީމަށް މި ސީޒަން ފެށުމުގެ ކުރިން އަލްވަރޭޒް، 24 ވިއްކާލައިފަ އެވެ.
ޑިއޭގޯ ސިމިއޯނީގެ ކޯޗުކަމުގައި، ތަފާތު ދެއްކި އަލްވަރޭޒް ބުނީ، ފުރަތަމަ އަހަރު އެތުލެޓިކޯގައި ދިޔައީ ވަރަށް ހިތްހަމަޖެހޭ ގޮތަށް ކަމަށެވެ.
"ހަ އަހަރުގެ ކޮންޓްރެކްޓެއްގެ ތެރެއިން ފުރަތަމަ އަހަރު މިދިޔައީ ރަނގަޅަށް، އުންމީދަކީ ދެން ކާމިޔާބީތަކެއް ހޯދައިގެން ސީޒަން ނިންމައިލުން،" ޕްރިމިއާ ލީގާއި އިޓާލިއަން ލީގުގެ ކްލަބްތަކުގެ އޮފާ ލިބިފައިވާ އަލްވަރޭޒް ބުންޏެވެ.
އަލްވަރޭޒްގެ ސޮއި ހޯދަން، އާސެނަލް، ބާސެލޯނާ، ލިވަޕޫލް އަދި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން، ޔުވެންޓަސް އިން ޝައުގުވެރިވެ އެވެ. އެކަމަކު، ރިޕޯޓްތައް ބުނާގޮތުން، ސިމިއޯނީގެ ކޯޗުކަމުގައި ކުޅެން އަލްވަރޭޒް ބޭނުންވަނީ އެ ޓީމުގައި ހުންނާށެވެ.
މިދިޔަ ސީޒަނުގައި އެތުލެޓިކޯ އަށް ކުޅެދިން 54 މެޗުން އަލްވަރޭޒް ވަނީ 29 ގޯލު ޖަހައި، ހަތް ގޯލު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ.
Comment