Advertisement

16 އަހަރުގެ އިލާންގެ ދެ ގޯލާ އެކު، އޮޑި ބަލިކޮށް މާޒިޔާ އިން އެފްއޭއެމް ލީގު ކަޕް ޗެމްޕިއަންކަން ހޯދައިފި

28 މޭ 2025 - 23:02 0

މިރޭގެ މެޗުގައި މާޒިޔާ އިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


16 އަހަރުގެ އިލާންގެ ދެ ގޯލާ އެކު، އޮޑި ބަލިކޮށް މާޒިޔާ އިން އެފްއޭއެމް ލީގު ކަޕް ޗެމްޕިއަންކަން ހޯދައިފި

28 މޭ 2025 - 23:02 0

ބަދަލަކަށް ކުޅެން އެރި، 16 އަހަރުގެ މުހައްމަދު އިލާން އިމްރާންގެ ދެ ގޯލާ އެކު، އޮޑި ސްޕޯޓްސް ކްލަބް 4-0 އިން ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެފްއޭއެމް ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މާޒިޔާ އިން މި މުބާރާތް ކާމިޔާބުކުރީ މެޗަކުން ބަލިނުވެ އެވެ. މި މުބާރާތުގައި މާޒިޔާ ކުޅުނު ހަ މެޗުގެ ތެެރެއިން މޮޅުނުވެވުނީ ލީގު ބުރުގައި އޮޑިއާ 1-1 އިން އެއްވަރުވި މެޗުގަ އެވެ.

އެފްއޭއެމް ލީގު ކަޕަކީ، އަންނަ އޮގަސްޓް މަހު ފަށަން މަަސައްކަތް ކުރާ ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށް ޕްރީ ސީޒަން މުބާރާތެއްގެ ގޮތަށް ކުރިއަށްދާ މުބާރާތެކެވެ. އެ ގޮތުން، މި މުބާރާތުގައި ފުރަތަމަ ޑިވިޝަނުގެ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް އަަދި އޮޑީގެ އިތުރުން ދެން ކުޅުނީ، ދެ ވަނަ ޑިވިޝަނުގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބް އެވެ.

މާޒިޔާ އިން ފުރަތަމަ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން މާޒިޔާ އިން ކުރިއަށް ޖެހިގެން ކުޅެން ފެށި އެެވެ. ނަތީޖާ އަކަށްވީ، މެޗުގެ ފަސް ވަނަ މިނިޓްގައި، އިބްރާހިމް އައިސަމް، މާޒިޔާ އަށް ލީޑުނަގައިދިނުމެވެ. އޭރިއާބޭރުން، އައިސަމް ހަމަޖެހިލައިފައި ޖާގައެއް ހޯދައިލުމަށް ފަހު، ބޯޅަ އަމާޒުކޮށްލީ ގޯލުގެ މަތީ ކަަނަށެވެ.

މާޒިޔާ އިން ލީޑުނެގުމުން، އޮޑިން ބޯޅަ ހިފަހައްޓައި، ކުރިއަށް ކުޅެވޭތޯ މަސައްކަތްކުރި އެވެ. އެކަމަކު، ދެން ވެސް މާޒިޔާ އިން ލިބުނު ފުރުސަތުގައި ވަނީ ތަފާތު ދައްކައިފަ އެވެ. އެ ގޮތުން، މެޗުގެ 28 ވަނަ މިނިޓްގައި، އޮޑީގެ ހުސެއިން ނިހާން (ނިހާޓް) އަތުން ބޯޅަ ހޯދައި، މާޒިޔާގެ އައިހަމް އަހުމަދު (ފަތޯ) ހުސްކޮށްލާފައި، އެ ޓީމުގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ވަނީ ތިރިތިރިން ގޯލަށް ވައްދާލައިފަ އެވެ.

މާޒިޔާގެ ހަންނަ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


އޭގެ ފަހުން، މާޒިޔާ އިން ތިން ވަނަ ލަނޑެއް ޖަހަން ފުރަތަމަ ހާފުގައި މާޒިޔާ އަށް ލިބުނު ދެ ފުރުސަތުގައި، އަލީ ފާސިރު (ސެންޓޭ) އާއި އައިސަމް، ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ.

މާޒިޔާ އިން ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރިތާ ފަސް މިނިޓް ތެރޭ، މެޗުގެ 70 ވަަނަ މިނިޓްގައި އިލާން ވަނީ މާޒިޔާ އަށް ތިން ވަނަ ލަނޑު ޖަހައިދީފަ އެވެ. އޭރިއާބޭރުން ލިބުނު ފުރުސަތުގައި ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު، އިލާން ފޮނުވާލި ބޯޅަ ގޯލަށް ވަނީ، އޮޑީގެ ކީޕަރު، މުހައްމަދު ޝަފީއު (ޗެކް) އަތްމަތިން ގޮހެވެ.

ތިން ވަނަ ގޯލު ޖެހިތާ ފަސް މިނިޓް ފަހުން، މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިިދިން ހުރަހަކަށް އަރައި، ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައި، އިލާން ވަނީ އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. މިއީ، މި މުބާރާތުގައި އިލާން ޖެހި ހަތަރު ވަނަ ގޯލުކަމަށްވާއިރު، އޭނާ އަކީ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ.

އިލާން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުެަނީ.---- ފޮޓޯ: އަތޫފް އާތިފް/ އަދަދު ސްޕޯޓްސް


މުޅި މެޗަށް ބަލާއިރު، މެޗުގެ ބޮޑުބައިގައި އޮޑި އަށް މާޒިޔާގެ ގޯލްކީޕަރު، ހުސެއިން ޝަރީފް (ހުސެން)ގެ ގޯލަށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައިނުވެ އެވެ. އެކަމަކު، ބަދަލުތައް ގެނެސްގެން، އޮޑިން ކުޅެން އެރި، މުހައްމަދު އައްޒާމް (އެޑޫ) ފޮނުވާލި ބޯޅަ ކީޕަރު ހުސެން ވަނީ މަތަކޮށްފަ އެވެ. އަދި، އޭގެ ފަހުން، އޮޑީގެ މިސްރު ފޯވާޑް، އާޝޫރު އެލްސައީދު ޖެހި ބޯޅަ ވެސް ކީޕަރުު ހުސެން މަތަކުރި އެވެ.

މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ، މަހިބަދޫ އެވެ. އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އައިހަމް އަށް ލިބުނުއިރު، މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކީ، ޓީސީގެ ސްރީ ލަންކާ ގައުމީ ޓީމުގެ ކީޕަރު، ސުޖަން ޕެރޭރާ އެވެ.