28 މޭ 2025 - 21:28 0
މުހައްމަދު ޝަހްޒާން
ބްރޯޑްކޮމްގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ބްރޯޑްކޮމް
28 މޭ 2025 - 21:28 0
ބްރޯޑްކާސްޓިން ކޮމިޝަނުގެ ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށް ގެންދިޔަ ތަހުލީލުން ސުވާލު އުފެދޭ ކަންތައްތަކެއް ފާހަގަވެފައިވާ ކަމަށް ބުނެ އެ ކޮމިޝަނުގެ އައިޓީ އޮފިސަރު، އަހުމަދު ފަޒީލް ސަސްޕެންޑުކުރި މައްސަލަ ރައްޔިތުންގެ މަޖިލީހަށާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި އެވެ.
މަޖިލީހަށާއި އެންއައިސީއަށް އެ މައްސަލަ ހުށަހެޅީ ބްރޯޑްކޮމްއިން ކުރާ ތުހުމަތާ އެއްގޮތަށް ފުލުހުން އަމަލު ކުރަމުން ނުދާތީ ކަމަށް ފަޒީލް އަދަދު އަށް ބުންޏެވެ.
"އެ މައްސަލަ މި ހުށަހެޅީ ދެ ފަރާތުން ދައްކާ ވާހަކަ ދިމާ ނުވާތީ، ބްރޯޑްކޮމްއިން ބުނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނޭ ސަސްޕެންޑު ކުރީ އެކަމަކު، އެ މައްސަލައިގައި ފުރަތަމަ ފުލުހަށް ހާޒިރުވާން އެންގުމަށްފަހު މިއަދާ ހަމައަށް ވެސް އެއްވެސް މައުލޫމާތެއް ނުދޭ،" ފަޒީލް ބުންޏެވެ.
ފަޒީލް ސަސްޕެންޑު ކުރީ ބްރޯޑްކޮމްގެ މުވައްޒަފުންނަށް ސިޔާސީ ނުފޫޒު ފޯރުވާ ކަމަށް ބުނެ އެ ކޮމިޝަނުގެ މުވައްޒަފުން މިމަހު 19، ގައި މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ. ފަޒީލް ސަސްޕެންޑު ކުރުމުގެ ކުރިން ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް، މަރިޔަމް ޒީނިޔާ ވެސް ސަސްޕެންޑުކުރި އެވެ. ވަކި ސަބަބެއް ނާންގައި އޭނާ ސަސްޕެންޑު ކުރީ 96 ގަޑިއިރަށެވެ.
ޒީނިޔާ ސަސްޕެންޑު ކުރުމާ ގުޅިގެން ބްރޯޑްކޮމްގެ މުވައްޒަފުން ވަނީ ހަޅުތާލު ކުރުމުގެ ގޮތުން މެއި 20، ގައި މަސައްކަތް ހުއްޓާލައި ގެއަށް ވެސް ގޮސްފަ އެވެ.
އޭގެފަހުން އެ މުއްދަތު ހަމަވި ދުވަހު، މެއި 25، ގައި އެ ކޮމިޝަނުން ނިންމީ އެސްޖީގެ މަގާމުން ޒީނިޔާ ވަކިކުރާށެވެ.
ފަޒީލް ސަސްޕެންޑު ކުރީ ބްރޯޑްކޮމްގެ ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ބުނި ނަމަވެސް، އެ ސާވާއަކީ ކޮންމެ ދުވަހަކު ވެސް މައްސަލަ ދިމާވާ ސާވާއެއް ކަމަށް އެ ކޮމިޝަނުގައި މަސައްކަތް ކުރާ މުވައްޒަފުން މި ނޫހަށް މައުލޫމާތު ދީފައިވެ އެވެ. އެ މުވައްޒަފުން ގަބޫލު ކުރާ ގޮތުގައި ޒީނިޔާ މަގާމުން ވަކި ކުރުމާއި ފަޒީލް ސަސްޕެންޑު ކުރުމުގެ ފަހަތުގައި އޮތީ އެހެން ކަމެކެވެ.
Comment