27 މޭ 2025 - 20:02 0
27 މޭ 2025 - 20:02 0
އެފްއޭއެމް ލީގު ކަޕް ފައިނަލުގައި މާދަމާރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގައި ތިބި ކުޅުންތެރިން ދައްކަންޖެހޭ ފެންވަރުގެ ކުުޅުމަކާ އެކު، ތަށި ހޯދަން ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފި އެވެ.
އެފްއޭއެމް ލީގު ކަޕަކީ، އަންނަ އޮގަސްޓް މަހު ފަށަން މަަސައްކަތް ކުރާ ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށް ޕްރީ ސީޒަން މުބާރާތެއްގެ ގޮތަށް ކުރިއަށްދާ މުބާރާތެކެވެ. އެ ގޮތުން، މި މުބާރާތުގައި ފުރަތަމަ ޑިވިޝަނުގެ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް އަަދި އޮޑި ސްޕޯޓްސް ކްލަބްގެ އިތުރުން ދެން ކުޅުނީ، ދެ ވަނަ ޑިވިޝަނުގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބް އެވެ.
މި މުބާރާތުގައި މިހާތަނަށް މާޒިޔާ އިން ކުޅުނު ފަސް މެޗުން ވެސް ބަލިވެފައިނުވާއިރު، އެ ޓީމަށް މޮޅުނުވެވުނު ހަަމައެކަނި މެޗަކީ ލީގު ބުރުގައި، އޮޑި އަތުންނެވެ.
ލީގު ކަޕްގެ ފައިނަލުގައި އޮޑިއާ ދެކޮޅަށް ކުޅެން ޖެހޭ މެޗުގެ ކުރިން، މާޒިޔާގެ ކޯޗު ހެނާންޑޭޒް ބުނީ، މާޒިޔާ އަކީ ވާދަކުރާ ކޮންމެ މެޗެއް އަދި މުބާރާތެއްގައި ވެސް ކާމިޔާބު ހޯދަން ޖެހޭ ވިސްނުމުގައި ކުރިއަށްދާ ޓީމެއް ކަމަށެވެ.
"އަހަރެމެންނަށް މި ވަގުތު އޮތް ޒިންމާ އަކީ، ވަރަށް ރަނގަޅު ކުޅުމެއް ދައްކައި، މި މުބާރާތް ކާމިޔާބުކުރުން، އަހަރެމެން ހުރިހާ ޓީމަކަށް ވެސް އިހުތިރާްމް ކުރަން. މި ވަގުތަށް ބަލާއިރު، އަހަރެމެންގެ އިހުތިރާމް އެބައޮތް ފައިނަލުގައި ކުޅެންޖެހޭ އޮޑި އަށް ވެސް،" ހެނާންޑޭޒް ބުންޏެވެ.
"އަހަރެމެން ރަނގަޅު ފައިޓެއް ދީ ރަނގަޅު ކުޅުމެއް ދައްކައި، މި ތަށި މާޒިޔާ ސަޕޯޓަރުންނަށް ހޯދައިދޭން މަސައްކަތް ކުރާނަން،"
ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކޯޗު ހެނާންޑޭޒް ވާހަަކަ ދައްކަނީ.---- ފޮޓޯ: އަތޫފް އާތިފް/ އަދަދު ސްޕޯޓްސް
އެފްއޭއެމް ލީގު ކަޕްގެ ލީގު ބުރުގައި، އޮޑި އާއި މާޒިޔާ އެއްވަރުވީ 1-1 އިންނެވެ. މި މެޗުގެ ބޮޑުބައިގައި އޮޑިން ލީޑުކުރިއިރު، މާޒިޔާ ބަލިނުވެ ސަލާމަތްވީ ފަހު ވަގުތު ޕެނަލްޓީއެއް ކާމިޔާބުކޮށްގެންނެވެ.
ހެނާންޑޭޒް ބުނީ، ލީގު ބުރުގައި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗަށް އައިއިރު، އެ ޓީމުގެ ވިސްނުމުގައި ހުރީ ކުޅުންތެރިންނަށް ފުރުސަތު ދީގެން ކުޅުމަށް ކަމަށެވެ. އެހެން ނަމަވެސް، އެ މެޗަކީ، ވަކި ޓީމަކަށް މޮޅެއް ހައްގު މެޗެކޭ ބުނަން އޭނާ ބޭނުންވާ މެޗެއް ނޫން ކަމަށާއި އެ މެޗު ކުޅުނު ހާލަތު މުޅިން ތަފާތު ކަމަށް ހެނާންޑޭޒް ވަނީ ބުނެފަ އެވެ.
"އަަހަންނަށް ފެންނަ ގޮތުގައި، ފައިނަލް މެޗު މުޅިން ތަފާތު ވާނެ، މެޗުގައި ކުޅޭ 11 ކުޅުންތެރިން ވެސް، އަހަރެމެން ކުޅޭނީ ނެގެން އޮތް އެންމެ ރަނގަޅު 11 އާ އެކު، ދެން ތިބި ކުޅުންތެރިން ވެސް ތިބޭނީ ތައްޔާރަށް ބެންޗުން އަރަން ވެސް، މިއީ ތަފާތު މެޗެއް،" ހެނާންޑޭޒް ބުންޏެވެ. "އޮޑި އަށް މަރުހަބާ ކިޔަން، އަހަންނަށް ފެންނަނީ މިއީ 50/50 މެޗެއް ގޮތަށް. ނޮކައުޓެއްގައި ދެ ޓީމަށް ވެސް ފުރުސަތު އޮންނަ ގޮތަށް، މިއީ އެ ކަހަލަ މެޗެއްގެ ވިސްނުން މި ހުރީ. އަހަރެންގެ މިޝަން އަކީ، މި މުބާރާތް ކާމިޔާބުކުރުން،"
މުބާރާތުގެ މިހާތަނަށް އައިއިރު، އެންމެ ފަހުން މެޗުތަކުގައި، މާޒިޔާގެ ކުޅުންތެރިން ރަނގަޅުކުރަން ޖެހޭ ކަމަކީ، ލިބޭ ފުރުސަތުތަކުގައި ގޯލު ޖެހުމުގެ ބައި މިހާރަށް ވުރެ ރަނގަޅު ކުރުން ކަމަށް ހެނާންޑޭޒް ވަނީ ބުނެފަ އެވެ. ގޯލު ޖެހުމަކީ ފަސޭހަކަމެއްގެ ގޮތުގައި ދައްކައި، އެ ގޮތަށް ވިސްނައިދޭން ބޭނުންނުވާ ކަމަށާއި ފަރުވާތެރިކަމާ އެކު، ކޮންފިޑެންސް ލެވަލް ރަނގަޅުކޮށް ލިބޭ ފުރުސަތުތައް ނިންމާލަން މާޒިޔާ ކުޅުންތެރިން ވިސްނަންވީ، އަމިއްލަ އަށް ޕްރެޝަރަށް ނުވެއްޓޭ ގޮތަށް ކަމަށް ހެނާންޑޭޒް ވަނީ ބުނެފަ އެވެ.
"އަހަރެން މި ބުނަނީ ފަސޭހައިން ޖެހޭނެއެކޭ ނޫން އެކަމަކު ބޯޅަ ފޮނުވާލުމުގައި އެ ޔަގީންކަން އޮވެގެން ގޯލަށް ޖަހަންވީ. އެކަންކަން އަހަރެމެން ރަނގަޅުކޮށްފިއްޔާ މެޗުން މޮޅުވެވޭނެ. މި ކަންކަމަށް ފޯކަސް ކޮށްގެން އެޓޭކުގެ އެންމެ ފަހު ކަންކަން ރަނގަޅުކޮށް މޮޅުވުން އަމާޒަކީ. ގޯލު ނުޖެހުނީމަ، ކުޅުންތެރިން ސްޓްރެސް އެބަވޭ، އެ ރަނގަޅުކުރަން ވާހަކަ ދައްކަމުން މި އަންނަނީ،" ހެނާންޑޭޒް ބުންޏެވެ.
ސްޕެއިން، ލިތުއޭނިއާ، އުޒްބެކިސްތާން، ކުވެއިތު އަދި ދެކުނު ކޮރެއާގައި ފުޓްބޯޅައިގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ހެނާންޑޭޒް ބުނީ، އޭނާ މި މުބާރާތަށް ކުރިމަތިލީ މުސްތަގުބަލަށް ވެސް ވިސްނައި ޓީމު އެކުލަވާލުމުގެ ކަންކަން ވެސް ސިކުނޑީގައި ބަހައްޓައިގެން ކަމަށެެވެ.
ރާއްޖެ އައިސް މާޒިޔާއާ ހަވާލުވުމުގެ ކުރިން، އޭއެފްސީ މުބާރާތުގައި މާޒިޔާ އިން ކުޅެފައިވާ މެޗުތަކުގެ ވީޑިއޯތައް ބެލި ކަމަށާއި އެކަމަކު، އޭގެއިން ފެނުނު ކަންކަމާއި ޓީމު ގޮވައިގެން ކުރި ޕްރެކްޓިސްތަކާއި މި މުބާރާތުގެ މެޗުތަކުގައި ދިމާވި ހާލަތްތައް ތަފާތު ކަމަށް ހެނާންޑޭޒް ބުނެފައިވެ އެވެ.
އެފްއޭއެމް ލީގު ކަޕްގައި ކުޅެލަން މި ލިބުނު މެޗުތަކުން ކުޅުންތެރިންގެ ކަންކަން ދެނެގަނެ، މާޒިޔާގައި އޭނާ ބައްޓަންކުރަން ބޭނުންވާ ސިސްޓަމަށް ހާނުވަން، ޒުވާން ކުޅުންްތެރިންނާއި ތަޖުރިބާ ހުރި ކުޅުންތެރިންގެ ކޮމްބިނޭޝަން ފެނުނުކަން ވެސް ހެނާންޑޭޒް ފާހަގަކުރި އެވެ.
މާޒިޔާ ކުރިއަށްދާން ޖެހޭނީ ރަނގަޅު ބެލެންސެއް އޮވެގެންކަން ފާހަގަކޮށް، ހެނާންޑޭޒް ބުނީ، މި ވަގުތު އަމާޒަކީ ލީގު ކަޕް ފައިނަލުން މޮޅުވުން ކަމަށެވެ. އޮޑިއާ ދެކޮޅަށް މާޒިޔާ ކުޅޭ ލީގު ކަޕް ފައިނަލް ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
Comment