27 މޭ 2025 - 18:09 0
އަހުމަދު އާއިދު
ހޯމް މިނިސްޓަރު އިހުސާން (ވ)، އެކްޓިން ސީޕީ ނަވީން (މ)، ޑީސީޕީ ފަރުހާދު (ކ): ---- ފޮޓޯ: ރައީސް އޮފީސް
27 މޭ 2025 - 18:09 0
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލާން ހޯމް މިނިސްޓްރީން ހުޅުވާލައިފި އެވެ.
ހޯމް މިނިސްޓްރީން މިއަދު ކުރި އިންޓާނަލް އިއުލާނެއްގައި ބުނީ އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް ޖޫން 2، ގެ މެންދުރު 12:00 ގެ ކުރިން ކުރިމަތިލެވޭނެ ކަމަށެވެ. ފުލުހުންގެ ތެރެއިން މި މަގާމަށް ކުރިމަތިލެވޭނީ އެސިސްޓަންޓް ކޮމިޝަނަރުންގެ މަތީގެ މަގާމުތަކުގެ އޮފިސަރުންނަށެވެ.
ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާ ފަރާތްތައް އިންޓަވިއުކޮށް ޕޮލިސް ބޯޑުން ވަޒަންކުރެ އެވެ. ބޯޑުން ވަޒަންކުރުމަށްފަހު ފޮނުވާ ނަންތަކުގެ ތެރެއިން މަގާމަށް އައްޔަންކުރާ އޮފިސަރަކު ކަނޑައަޅާނީ މިނިސްޓަރުގެ ލަފަޔާއެކު ރައީސުލްޖުމްހުރިއްޔާ އެވެ.
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ސުޖާއު އިސްތިއުފާދެއްވުމުންނެވެ. އެޕްރީލް 26، ގައި އޭނާ އިސްތިއުފާދެއްވީ އާއިލީ ބައެއް ޒިންމާތަކުގެ އިތުރުން އެޕްރީލް 18، ގެ ފަތިހު ހެންވޭރު އިމާރާތެއްގެ މަތިން ވެއްޓި ބޮޑެތި އަނިޔާތެއްވި ހައްވާ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެންނެވެ.
ސުޖާއުގެ އިސްތިއުފާއަށްފަހު ފުލުހުންގެ ހިދުމަތް ހިންގެވުން ފުރަތަމަ ހަވާލުކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ އެވެ. ނަމަވެސް ގަޑިއިރެއްގެ ތެރޭގައި އެ ނިންމުން ބަދަލުކޮށް، ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އާ ހަވާލުކުރަން ހޯމް މިނިސްޓަރު ނިންމެވި އެވެ.
ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ފަރުހާދު އާ ހަވާލު ކުރުމަށްފަހު އެ ނިންމުން ބަދަލުކޮށްފައި މިވަނީ އޭނާއާ އެ މަސްއޫލިއްޔަތު ހަވާލު ކުރުމުން އާންމުންގެ ގިނަ ބަޔަކު އެކަމަށް ފާޑުކިޔަން ފަށާފައި ވަނިކޮށެވެ.
ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ފަރުހާދު އާ ހަވާލު ކުުރުމުން އެކަމަށް ފާޑުކިޔުން އަމާޒުވީ އޭނާގެ ދަރިފުޅު އަންހެން ކުއްޖަކު ރޭޕުކުރުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ހެކި ނައްތާލިކަމަށް ފަރުހާދުގެ މައްޗަށް ތުހުމަތު އޭނާގެ ކުރެވިފައި އޮތުމުންނެވެ.
Comment