27 މޭ 2025 - 15:53 0
ހަސަން މުހައްމަދު
27 މޭ 2025 - 15:53 0
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ދަތުރު ކުރެއްވި މަތިންދާބޯޓެއްގައި ބޮމެއް އޮތް ކަމުގެ އިންޒާރު ލިޔެފައި އޮތުމުން، ބޯޓު އެމަޖެންސީކޮށް ތިރިކޮށްފި އެވެ.
އެ ހާދިސާ ހިނގީ މިދިޔަ އަންގާރަ ދުވަހެވެ. އެއީ ހަވާއީގެ ހޮނޮލުލޫ އިން ލޮސް އެންޖެލެސް އަށް ދަތުރު ކުރި ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓު 1169 އެވެ.
ބޯޓުގައި ބޮމެއް އޮތް ކަމުގެ އިންޒާރު ލިޔެފައި އިނީ ފާހަނައިގެ ލޯގަނޑުގަ އެވެ. އެ މައްސަލަ އެމެރިކާގެ އެފްބީއައި އިން ދަނީ ތަހުގީގު ކުރަމުންނެވެ. އިންޒާރު ފެނުމާއެކު ބޯޓު ވަނީ ރިރޫޓުކޮށް، އަލުން ހޮނޮލުލޫއަށް ޖައްސައިފަ އެވެ.
ބޯޓު ދަތުރު ކުރި މަގު
ނައިބު ރައީސް ހަވާއީއަށް ވަޑައިގެންނެވީ މި ހިނގާ މެއި 15، ގައި ބްލޫ ޕްލެނެޓް ޖަމިއްޔާއިން ބޭއްވި ފެލޯ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. ހާދިސާ ދިމާވީ އެ ޕްރޮގްރާމް ނިންމައިލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަށްޓަކައި ނިއު އޯލީންސްއަށް ކުރެއްވި ދަތުރުގަ އެވެ.
އިންޒާރު ފެނި ބޯޓު އަލުން ހޮނޮލުލޫއަށް ޖެއްސުމުން، ބޯޓުން ދަތުރު ކުރި އެންމެން ވަރަށް ގިނަ އިރުތަކެއް ވަންދެން މަޑުކުރުވި ކަމަށްވެ އެވެ. ބޯޓުގައި އެއްވެސް ނުރައްކާތެރި އެއްޗެއް ނެތް ކަން ކަށަވަރު ކުރަން އެއިރު އެފްބީއައި އިން ދިޔައީ މަސައްކަތް ކުރަމުންނެވެ.
ނައިބު ރައީސް ހުސެއިންއަށް ސަރުކާރުގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދިންކަން އެނގިފައެއް ނުވެ އެވެ. އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
އޭގެ ފަހުން ނައިބު ރައީސް މިހާތަނަށް ވެސް ރާއްޖެ ވަޑައިގެންފައިނުވާ ކަމަށް މި ނޫހަށް އެނގިފައިވެ އެވެ. އެނގިފައިވާ ގޮތުގައި ނައިބު ރައީސް ހުސެއިން މިވަގުތު ހުންނެވީ ސެންޓްރަލް އޭޝިޔާގެ ގައުމެއްގަ އެވެ.
އެ ބޯޓުން 339 ފަސިންޖަރުން އަދި 10 ކްރޫ މެންބަރުން ދަތުރު ކުރި އެވެ.
Comment