Advertisement

ކުލަކުލައިގެ ގާ އަތުރަން އެދުނު މައްސަލައިގައި ރައީސް ދިފާއުކުރައްވައި މުއްތަލިބު ގޯސްކުރީ އިންފޮމޭޝަން އޮފިސަރު

27 މޭ 2025 - 14:08 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މިނިސްޓަރު މުއްތަލިބު ރައީސް މުއިއްޒު އާއެކު: ރައީސް ދިފާއުކުރައްވާ މުއްތަލިބު ވިދާޅުވީ އިންފޮމޭޝަން އޮފިސަރު ހެދީ ދޮގު ކަމަށް --- ފޮޓޯ: ރައީސް އޮފީސް


ކުލަކުލައިގެ ގާ އަތުރަން އެދުނު މައްސަލައިގައި ރައީސް ދިފާއުކުރައްވައި މުއްތަލިބު ގޯސްކުރީ އިންފޮމޭޝަން އޮފިސަރު

27 މޭ 2025 - 14:08 0

ބައެއް ރަށްރަށުގެ މަގުތަކުގައި އެކި ކުލަކުލައިގެ ގައު ޖަހަން އެދިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަ ދިފާއުކުރައްވާ، ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ގޯސް މައުލޫމާތު ދިން ކަމަށް މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ބައެއް ރަށްރަށުން އެގޮތަށް އެދުނު ކަމަށް ރައީސް މުއިއްޒު ވިދާޅުވީ މާޗު 3، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެގޮތުން އަންނަ އަހަރު 78 ރަށެއްގެ މަގު ތަރައްގީކުރާނެ ކަމަށާއި އޭގެ ތެރެއިން ބައެއް ރަށްރަށުން ތާރުއަޅަން ބޭނުންނުވާ ކަމަށް ރައީސް އެ ދުވަހު ވިދާޅުވި އެވެ.

"ބައެއް ރަށްތަކުން ބޭނުންވަނީ ގާ އަތުރަން. ބައެއް ރަށްތަކުން އެބަ ބޭނުންވޭ، ތަންކޮޅެއް ޓޫރިޒަމް ތިޔާގި ރަށްރަށުގައި، ވަރަށް ރީތި ކުލަކުލައިގެ ގާ އަތުރަންވެސް. އަޅުގަނޑުމެން ހަމަ ހުރިހާ ކަމަކަށް އިޖާބަދެން،" ރައީސް ވިދާޅުވި އެވެ.

އެއީ ކޮން ރަށްތަކެއްތޯ ބެލުމަށް އާންމުންގެ މީހަކު ވަނީ ރައީސް އޮފީހަށް އާރުޓީއައި ރިކުއެސްޓެއް ލާފަ އެވެ. އެ ރިކުއެސްޓް ކޮންސްޓްރަކްޝަން މިނިސްޓްރީއަށް ބަދަލުކުރީ ރައީސް އޮފީހުންނެވެ.

އެ މިނިސްޓްރީން އިއްޔެ ދިން ޖަވާބުގައި ބުނެފައިވަނީ ކުލަ ކުލައިގެ ގައު އަތުރަން އެދި އެ މިނިސްޓްރީއަށް މިހާތަނަށް އެއްވެސް ރަށަކުން ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް، ރައީސް ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި އެފަދަ މަޝްވަރާއެއް ކުރެވިފައިވެދާނެ ކަމަށް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ލިޔުމުން ދިން ޖަވާބުގައި ބުނެފައިވެ އެވެ.

މިނިސްޓްރީން ދިން ޖަވާބު ދޮގުކޮށް މުއްތަލިބު އެކްސްގައި ޕޯސްޓުކުރެއްވީ މިއަދު އެވެ. އޭނާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އައިއޯ ޖަވާބުދެއްވާފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ. އެކަން އިސްލާހުކޮށް އަލުން ޖަވާބު ދިނުމަށް އަންގާފައިވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

"މިހާތަނަށް ސޮއިކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން ތޮއްޑޫ އިން ރަސްމީކޮށް ސިޓީއަކުން ޖަނަވަރީ 8، 2024 ގައި އެކަމަށް އެދިފައިވޭ. މީގެ އިތުރުން ލޯކަލް ޓޫރިޒަމް ހިންގާ ރަށްތަކުން އެކި ބައްދަލުވުންތަކުގައި ތާރު އެޅުމުގެ ބަދަލުގައި ފަތުރުވެރިންނަށް ގަޔާވާނެ ގޮތަށް އެކި ކުލަކުލަ އާއި ޕެޓާންތަކުގެ ގާއަތުރައިގެން މަގު ހެދުމަށް މަޝްވަރާކޮށްފައިވޭ،" މުއްތަލިބު ލިޔުއްވާފައިވެ އެވެ.

މަގު ހެދުމުގެ މަޝްރޫއުތަކާ ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަދައްކަވަމުން ރައީސް ވަނީ ޓޫރިޒަމް ފުޅާވެފައިވާ ހުރި ބައެއް ރަށްރަށުން ގައު އަތުރަން ވެސް ބޭނުންނުވާ ކަމަށް ވިދާޅުވެފަ އެވެ. އެ ރަށްރަށުން ހުށަހަޅަނީ މަގު އެއްވަރު ކޮށްލާފައި، ޑްރެއިނޭޖް ނިޒާމެއް ލައިދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.