Advertisement

ބްރެޒިލަކީ ދުނިޔޭގެ އެއް ވަނަ ޓީމު: އަންޗެލޮޓީ

27 މޭ 2025 - 10:38 0


ބްރެޒިލަކީ ދުނިޔޭގެ އެއް ވަނަ ޓީމު: އަންޗެލޮޓީ

27 މޭ 2025 - 10:38 0

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (މެއި 27) - ބްރެޒިލަކީ ދުނިޔޭގެ އެއް ވަނަ ޓީމު ކަމަށާއި އެ ޓީމަށް ކޯޗުކޮށްދިނުމަކީ ލިބިގެންދިޔަ ޝަރަފެއް ކަމަށް ބްރެޒިލްގެ ކޯޗުކަމާ ހަވާލުވި އިޓަލީގެ ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ރެއާލް މެޑްރިޑްގެ ކޯޗުކަމުން ވަކިވެ، އަންޗެލޮޓީ، 65، ބްރެޒިލާ ހަވާލުވެ މީޑިއާގެ ސުވާލުތަކަށް ޖަވާބުދެމުން ބުނީ، އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރުމަކީ، އެންމެ ބޮޑު ޓާގެޓް ކަމަށެވެ.

"ވަރަށް ބޮޑު ވަޒީފާއެއް އަހަރެންގެ ކުރިމަތީގައި މި އޮތީ، އަހަރެން ވަރަށް ގަޔާވާ ޗެލެންޖެއް މިއީ. އަހަންނަށް ވަރަށް ހާއްސަ ގުޅުމެއް މި ޓީމާ އަބަދުވެސް އޮވޭ. އަހަރެމެން އެންމެން މަސައްކަތް މި ކުރީ ބްރެޒިލަކީ ޗެމްޕިއަނަކަށް އަލުން ހަދަން،" 100 އަހަރު ތެރޭ ބްރެޒިލަށް ކޯޗުކޮށްދޭ އެ ގައުމުން ބޭރުގެ ފުރަތަމަ ކޯޗު، އަންޗެލޮޓީ ބުންޏެވެ.

"އަހަންނަށް ލިބޭ ވަރަށް ބޮޑު ފަހުރެއް މިއީ، ދުނިޔޭގެ އެއް ވަނަ ޓީމަށް ކޯޗުކޮށްދިނުމަކީ،"


އަންޗެލޮޓީ ކޯޗިން ކެރިއަރު ފެށީ އިޓަލީގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި 1992 ވަނަ އަހަރު އެވެ. އަންޗެލޮޓީ ވަނީ ކޯޗިން ކެރިއަރުގައި، އިޓަލީގެ ރެޖިއާނާ، ޕާމާ، ޔުވެންޓަސް، އޭސީ މިލާން އަދި ނަޕޯލީގެ އިތުރުން އިންގްލެންޑްގެ ޗެލްސީ އާއި އެވަޓަން، ފްރާންސްގެ ޕީއެސްޖީ އަދި ޖަރުމަނުގެ ބަޔާން މިއުނިިކަށް ކޯޗުކޮށްދީފަ އެވެ. ކެރިއަރުގައި ދެ ވަނަ ފަހަރަށް އަންޗެލޮޓީ ރެއާލާ ހަވާލުވީ، 2021 ވަނަ އަހަރު އެވެ. އެއީ އެވަޓަން ދޫކޮށްލުމަށް ފަހު އެވެ.

ބްރެޒިލުން އެންމެ ފަހުން، ބައިނަލްއަގުވާމީ މުބާރާތެއް ކާމިޔާބުކުރީ 2019 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތެވެ. ބްރެޒިލްގެ ކޯޗުކަން ހުސްވީ، މާޗް މަހު އާޖެންޓީނާ އަތުން ބަލިވުމުން އޭރު އެ ޓީމުގެ ކޯޗަކަށް ހުރި ޑޮރިވާލް ޖޫނިއާ ވަކިކުރުމުންނެވެ.

ނޭމާ ސްކޮޑަށް ނުނެގީ މި ވަގުތުގެ ހާލަތަށް ވިސްނާފައި

އަންޗެލޮޓީގެ ކޯޗުކަމުގައި ބްރެޒިލުން ކުޅޭ ފުރަތަމަ މެޗަކަށް ވެގެންދާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު، އެކުއެޑޯގައި އެ ގައުމާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ތިން ދުވަސް ފަހުން، ބްރެޒިލްގައި ޕެރަގުއޭއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނެ އެވެ.

އެ މެޗުތަކަށް ނެގި ސްކޮޑުން ނޭމާ ބާކީކުރަން، އަންޗެލޮޓީ ނިންމި ސަބަބު ވަނީ މީޑިއާ އަށް އޮޅުންފިލުވައިދީފަ އެވެ. އެ ގޮތުން، އަންޗެލޮޓީ ބުނީ، މި ވަގުތު ސްކޮޑަށް މި ފަހުން ކުޅުނު މެޗުތަކުގެ ކުޅުމަށް ބަލާފައި ކަމަށާއި އަނިޔާ އިން ރަނގަޅުވެގެން ނޭމާ އެއްކޮށް ފިޓްވެގެން އަންނަން ވަގުތު ދޭން ޖެހޭ ކަމަށެވެ.

އަންޗެލޮޓީ، ފުރުސަތު ދިން ކުޅުންތެރިންނަށް ބަލާއިރު، މެންޗެސްޓާ ޔުނައިޓެޑްގެ ކަސެމީރޯ ހިމެނެ އެވެ. މިއީ، ދެ އަހަރު ތެރޭ ބްރެޒިލް ޓީމުގައި ކަސެމީރޯ ހިމެނުނު ފުރަތަމަ ފަހަރެެވެ. މީގެ އިތުރުން، މެންޗެސްޓާ ޔުނައިޓެޑްގެ ލޯން އެއްބަސްވުމެއްގައި، ރެއާލް ބެޓިސް އަށް ބަދަލުވެ، މޮޅު ކުޅުމެއް ދައްކަމުން އަންނަ އެންޓޮނީ ވެސް ވަނީ ބްރެޒިލް ޓީމަށް ނަގައިފަ އެވެ.