Advertisement

ދިވެހި ހައްޖާޖީންގެ ފުރަތަމަ ފްލައިޓުގައި 235 މީހުން މިއަދު ފުރައިފި

މީގެ ކުރިން ރާއްޖެއިން ހައްޖަށް ފުރި ބައެއް -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ


ދިވެހި ހައްޖާޖީންގެ ފުރަތަމަ ފްލައިޓުގައި 235 މީހުން މިއަދު ފުރައިފި

ދިވެހިރާއްޖެއިން ހައްޖަށް ދާ މީހުންގެ ފުރަތަމަ ބެޗުގައި، 235 މީހުން މިއަދު ސައުދީ އަރަބިއްޔާއަށް ފުރައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެއިން ހައްޖަށް ދާ މީހުންގެ ފުރަތަމަ ފްލައިޓު މިއަދު ފުރީ 235 މީހުން ގޮވައިގެން ކަމަށެވެ. އެމީހުންނަށް ޖިއްދާއާ ހަމައަށް ދެވޭނީ މިރޭ 8:49 ހާއިރު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ދިވެހި ހައްޖާޖީން މިއަދު ފުރީ މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުންނެވެ. މައްކާ ރޫޓް އިނިޝިއޭޓިވްއަކީ ހައްޖުވެރިންނަށް އިމިގްރޭޝަންގެ ކަންކަން ލުއިކޮށްދިނުމަށް 2019 ވަނަ އަހަރު ފެށި ޕްރޮގްރާމެކެވެ. އޭގެ ދަށުން އިމިގްރޭޝަންގެ ބޮޑު ބައި ހައްޖުވެރިން ފުރިހަމަ ކުރާނީ ދިވެހިރާއްޖޭގެ އެއާޕޯޓުގަ އެވެ.

އެގޮތުން، ވިސާ ޖެހުން، ބަޔޯމެޓްރިކް ޑޭޓާ ނެގުން، ހެލްތު ޗެކަޕްސް އަދި ލަގެޖް ޓެގު ކުރުމުގެ މަސައްކަތް ކުރިއަށްދާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ. މައްކާއަށް ގޮސް ހައްޖުވެރިން މަޑު ކުރަންޖެހޭނީ ވަރަށް ކުޑަ އިރުކޮޅެކެވެ.

އެ ޕްރޮގްރާމުގެ ދަށުން ލިބޭ އަނެއް ލުޔަކީ ލަގެޖުތައް ސީދާ ހޮޓަލަށް ފޮނުވުމެވެ. އެއިރުން، އިމިގްރޭޝަން ބައި ފުރިހަމަ ކުރުމަށްފަހު ހައްޖުވެރިން ސީދާ ހޮޓަލަށް ދާންވީ އެވެ.

މިއީ މައްކާ ރޫޓް އިނިޝިއޭޓިވްގައި ރާއްޖެ ބައިވެރި ކުރި ފުރަތަމަ ފަހަރެވެ. އެ ޕްރޮގްރާމް ތައާރަފު ކުރީ އެންމެ ގިނައިން މީހުން ހައްޖަށް ދާ ގައުމުތަކަށް އަމާޒުކޮށެވެ. އެ ޕްރޮގްރާމުގައި މިހާރު ބައިވެރިކޮށްފައި ވަނީ މޮރޮކޯ، އިންޑޮނީޝިއާ، މެލޭޝިޔާ، ޕާކިސްތާން، އައިވަރީ ކޯސްޓް އަދި ތުރުކީ އެވެ.

މި އަހަރު ވެސް ސައުދީ އަރަބިއްޔާއިން ވަނީ ރާއްޖެއަށް 1000 ހައްޖު ކޯޓާ ދީފަ އެވެ. ރާއްޖެއިން ހައްޖަށް ދާ މީހުންގެ ތެރެއިން ބާކީ މީހުން ފުރާނީ މާދަމާ އަދި މެއި 29 އާއި މެއި 30، ގަ އެވެ. ހައްޖުވެރިން ފުރާނީ މޯލްޑިވިއަންގެ ދެ ބޯޓުގައި އަދި ސައުދީ އެއާގެ ދެ ބޯޓެއްގަ އެވެ.