26 މޭ 2025 - 18:40 0
ާމާޒިޔާގެ ޕްރެކްޓިހުގެ ތެރެއިން ލުއިސްމާ ހެނާންޑޭޒް.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
26 މޭ 2025 - 18:40 0
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގައި އޭނާގެ ވިސްނުމަކީ ފުޓްބޯޅައިގެ ރަނގަޅު ޕްލޭނަކާ އެކީ މެޗުތަކުގައި ކުޅެގެން މޮޅުވުން ކަމަށް އެ ޓީމުގެ ކޯޗު، ލުއިސްމާ ހެނާންޑޭޒް ބުނެފި އެވެ.
އެފްއޭއެމް ލީގު ކަޕް ސެމީ ފައިނަލް ފުރަަތަަމަ މެޗުގައި އިއްޔެ ހަވީރު މާޒިޔާ އިން ވަނީ 1-0 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ފައިނަލަށް ދަތުރުކޮށްފަ އެވެ. ލީގު ބުރުގައި މި ދެ ޓީމު ކުޅުނު މެޗު ނިމިފައިވަނީ 2-0 އިން މާޒިޔާ ކުރިހޯދައިގެންނެވެ.
ސެމީ ފައިނަލް މެޗަށް ފަހު، މީޑިއާ އަށް ދިން އިންޓަވިއުއެއްގައި، ހެނާންޑޭޒް ބުނީ، ޓީސީ އަތުން ސެމީ ފައިނަލުގައި ހޯދުނީ އުނދަގޫ މޮޅެއް ކަމަށާއި ގަދައަވީގައި ކުޅެން ޖެހުމުން ދެ ޓީމަށް ވެސް އޭގެއިން އަސަރުކުރި ކަމަށެވެ.
ޓީސީން މާޒިޔާއާ ދެކޮޅަށް ރަނގަޅަށް ޑިފެންސްކޮށް، މެޗުގައި އެއްވަރުކުރަން ވެސް ފުރުސަތު ހޯދި ކަމަށާއި އަނެއްކޮޅުން މާޒިޔާ އަށް ދެ ވަނަ ގޯލެއް ނުޖެހުނު ކަމަށް ހެނާންޑޭޒް ވަނީ ބުނެފަ އެވެ. އަދި، ޓީސީން މެޗަށް އައީ ޕްލޭނަކާ އެކު، އަމިއްލަ ސްޓައިލެއްގައި ކުޅެން ކަމަށާއި އެ މީހުންގެ ވިސްނުމުގައި އެއީ ކުރެވޭނެ ކަމެއް ކަމަށް ހެނާންޑޭޒް ބުނެފައިވެ އެވެ.
"އެއް ގޮތަކުން އެ މީހުންގެ ވިސްނުން ވެސް ރަނގަޅު، އެއީ އެ މީހުންގެ ފުޓްބޯޅަ ޕްލޭނުގައި ކުރާ މަސައްކަތް ރަނގަޅު، އެކަމަކު، ދެން އެ އޮންނަ ފުޓްބޯޅައިން ބޭރުގެ ޕްލޭނާ ހެދި އަހަރެން ކަންބޮޑުވޭ، ތެދެއް، ކޮންމެ ބަޔަކަށް ވެސް ބޭނުންގޮތަކަށް ކުޅެވިދާނެ، އެކަމަކު އެ މީހުން ފުޓްބޯޅަ ނޫން ވިސްނުުމުގައި، މެޗު ލަސްކުރުމާއި ކަންކަން ދިޔަ ގޮތް ރަނގަޅެއް ނޫން،" ހެނާންޑޭޒް ބުންޏެވެ.
މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކުރި، މާޒިޔާ އިން ސެމީ އަށް ނުކުތްއިރު، މައިގަނޑު ޓާގެޓަކަށް ވީ ފައިނަލަށް ދިއުމަށް ކަމަށް ހެނާންޑޭޒް ފާހަގަކުރި އެވެ. އެ ގޮތުން، 1-0 އަކީ ވެސް މޮޅެއް ކަމަށާއި ފައިނަލަށް ދިއުމުން އެ އޮތް ހިތްހަމަޖެހުމެކޭ އެއްވަރަށް ދެން ވިސްނަންވީ، އިތުރަށް ޓީމު ރަނގަޅު ކުރަން ކަމަށް ހެނާންޑޭޒް ވަނީ ބުނެފަ އެވެ.
ފައިނަލުގައި އަންނަ ބުދަ ދުވަހުގެރޭ މާޒިޔާ އިން ނުކުންނާނީ އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ލީގު ކަޕްގައި މާޒިޔާ އަށް މޮޅުނުވެވުނީ، އޮޑި އަތުން އެކަންޏެވެ. މި ދެ ޓީމު ކުޅުނު މެޗުގައި، މާޒިޔާ ބަލިނުވެ ސަލާމަތްވީ ކިރިޔާ އެވެ. އިތުރު ވަގުތުގައި، އަލީ ފާސިރު (ސެންޓޭ) ޖެހި ޕެނަލްޓީން މާޒިޔާ އާއި އޮޑި ވީ އެއްވަރެވެ.
ހެނާންޑޭޒް ބުނީ، ކޮންމެ މެޗެއްގައި ނުކުތް ކަމުގައި ވިޔަސް، ފުޓްބޯޅައިގައި ސީދާ މޮޅުވާން ނުކުންނަ ޓީމަކަށް އޮންނަ ގޮންޖެހުން ބަލިނުވެ ފަރުޖައްސާލަން ނުކުންނަ ޓީމަކަށް ވުރެން ބޮޑުވާނެ ކަމަށެވެ.
ފުޓްބޯޅައިގައި އެންމެ އުނދަގޫތައް ކުރިމަތިވާނީ މޮޅުވާން ކުޅޭ ޓީމަށް، މޮޅުވާން އުނދަގޫވާނެ، ބަލިނުވެ ނިންމާލަން ބޭނުންވެގެން ކުޅޭ ޓީމަކާ ދެކޮޅަށް. (މިހާރުގެ ފުޓްބޯޅައިގައި) އެ ކަހަލަ ގޮތަށް ވަރަށް ގިނަ ޓީމުތަކުން ކުޅޭނެ ބަލިނުވެ ކުރިއަށްދާން،" ހެނާންޑޭޒް ބުންޏެވެ.
"އެހެން ކުޅޭއިރު ވަގުތު ދުއްވުމާއި އެ ކަހަލަ ކަންކަން ދާނެ، އެހެން ކުޅޭ ޓީމަކަށް ވެސް އިހުތިރާމްކޮށްގެން އަހަރެމެންގެ ގޭމް ކުޅެގެން މޮޅުވާން ބޭނުމީ، އެކަމަކު، އެ ގޮތަށް (ވަގުތު ދުއްވައިގެން ކުޅުމަކީ) އަހަރެންގެ ފުޓްބޯޅައިގެ ވިސްނުމެއް ނޫން،"
އެފްއޭއެމް ލީގު ކަޕަކީ، އަންނަ އޮގަސްޓް މަހު ފަށަން މަަސައްކަތް ކުރާ ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށް ޕްރީ ސީޒަން މުބާރާތެއްގެ ގޮތަށް ކުރިއަށްދާ މުބާރާތެކެވެ. އެ ގޮތުން، މި މުބާރާތުގައި ފުރަތަމަ ޑިވިޝަނުގެ މާޒިޔާ އާއި ޓީސީ އަަދި އޮޑީގެ އިތުރުން ދެން ކުޅުނީ، ދެ ވަނަ ޑިވިޝަނުގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބް އެވެ.
Comment