26 މޭ 2025 - 11:10 1
މިނިސްޓަރު ހަލީލު: ވަޑައިގަތީ އިންޑިއާ-މޯލްޑިވްސް ވިޝަން ޑޮކިއުމެންޓު ތަންފީޒު ކުރަން އެކުލަވައިލި ގްރޫޕުގެ ބައްދަލުވުމަކަށް -- ފޮޓޯ: ފޮރިން މިނިސްޓްރީ
26 މޭ 2025 - 11:10 1
ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު އިންޑިއާއަށް މިހާރު ކުރައްވާ ދަތުރުގެ ތެރެއިން ދެ ގައުމުގެ މެދުގައި އޮތް މެރިޓައިމް ސެކިއުރިޓީ ޕާޓްނާޝިޕްގެ ގުޅުން އިތުރަށް ވަރުގަދަ ކުރަން މަޝްވަރާ ކުރާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ބުނެފި އެވެ.
އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ހަލީލު އިންޑިއާއަށް ކުރައްވާ ދަތުރުގެ މައިގަނޑު މަގްސަދަކީ އިކޮނޮމިކް އަދި މެރިޓައިމް ސެކިއުރިޓީ ޕާޓްނަޝިޕް ވަރުގަދަ ކުރަން މަޝްވަރާ ކުރުން ކަމަށެވެ. ފޮރިން މިނިސްޓަރު އިންޑިއާއަށް ވަޑައިގަތީ އިއްޔެ އެވެ.
އިކޮނޮމިކް އަދި މެރިޓައިމް ސެކިއުރިޓީ ޕާޓްނާޝިޕަކީ އިންޑިއާ މޯލްޑިވްސް ވިޝަން ޑޮކިއުމެންޓުގައި ހިމެނޭ މުހިންމު ބަޔެކެވެ. އެ ޑޮކިއުމަންޓަކީ ރައީސް މުހައްމަދު މުއިއްޒު އޮކްޓޯބަރު، 2024، ގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިން ސޮއި ކުރެއްވި އެއްބަސްވުމެކެވެ. އެއީ ދެ ގައުމުގެ ގުޅުން ކުރިއަށް ގެންދާނެ ގޮތުގެ މަގުޗާޓެކެވެ.
ވިޝަން ޑޮކިއުމެންޓުގައި ބަޔާންކޮށްފައިވާ ކަންކަން ކުރިއަށްދާ ގޮތާމެދު މަޝްވަރާ ކުރަން ދެ ގައުމުން ކޯ ގްރޫޕެއް އެކުލަވާލައި ވަކި ތާވަލެއްގެ ދަށުން ބައްދަލު ކުރަންޖެހެ އެވެ. މިނިސްޓަރު ހަލީލު މިހާރު އިންޑިއާއަށް ކުރައްވާ ދަތުރަކީ ކޯ ގްރޫޕުގެ ބައްދަލުވުންތަކެއް ބޭއްވުމަށް ކުރައްވާ ދަތުރެކެވެ.
އިންޑިއާ-މޯލްޑިވްސް ވިޝަން ޑޮކިއުމެންޓުގެ ދަށުން ވަރަށް ގިނަ މުހިންމު ކަންކަން ކުރަން ރާއްޖެއިން ވަނީ އެއްބަސްވެފަ އެވެ. އޭގެ ތެރޭގައި، ޔޫޓީއެފްގައި އިންޑިއާއިން ހަދާ މިލިޓަރީ ބަނދަރު ހަދަން އެއްބާރުލުން ދިނުމާއި ހައިޑްރޯގްރަފީ ދާއިރާއިން އެއްބާރުލުން ދިނުން ހިމެނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment