Advertisement

ހަނދާން ނެތޭ ބައްޔަށް އުފެއްދި ބޭހަކަށް އޮސްޓްރޭލިއާގައި ފުރަތަމަ ފަހަރަށް ހުއްދަ ދީފި‏

26 މޭ 2025 - 07:21 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު

އަލްޒައިމާ ނުވަތަ ހަނދާންނެތުމުގެ ބައްޔަކީ އުމުރުން ދުވަސްވާ ބައެއް މީހުން ތަހައްމަލު ކުރަންޖެހޭ ވޭންދެނިވި ބައްޔެއް --


ހަނދާން ނެތޭ ބައްޔަށް އުފެއްދި ބޭހަކަށް އޮސްޓްރޭލިއާގައި ފުރަތަމަ ފަހަރަށް ހުއްދަ ދީފި‏

26 މޭ 2025 - 07:21 0

އަލްޒައިމާ ނުވަތަ ހަނދާން ނެތޭ ބަލީގެ ފަރުވާއަށް އުފެއްދި ބޭހަކަށް ފުރަތަމަ ފަހަރަށް އޮސްޓްރޭލިއާގެ ޑްރަގް އެންޑް ތެރަޕިއުޓިކް ރެގިއުލޭޓަރީ އޭޖެންސީއިން ހުއްދަ ދީފި އެވެ.

އޮސްޓްރޭލިއާގެ ޕަބްލިކް ބްރޯޑްކާސްޓަ, އޭބީސީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޮސްޓްރޭލިއާގެ ތެރަޕިއުޓިކް ގުޑްސް އެޑްމިނިސްޓްރޭޝަން (ޓީޖީއޭ) އިން ހުއްދަ ދީފައިވާ "ޑޮނަނެމަބް" ކިޔާ މި ބޭހަކީ ސިކުނޑީގައި ހުންނަ ޕްރޮޓީންތައް ސާފުކޮށް އަލްޒައިމާ ބަލި އިތުރަށް ބޮޑުވިޔަނުދީ މަޑުޖައްސާލުމަށް އެހީވާ ބޭހެކެވެ.

މި ބޭހަކީ މައިލްޑް ކޮގްނިޓިވް އިމްޕެއަމަންޓް ނުވަތަ މައިލްޑް ޑިމެންޝިއާ ހުންނަ އަލްޒައިމާގެ ބަލި މީހުންނަށް އަމާޒުކުރެވިފައިވާ ބޭހެކެވެ.

އަލްޒައިމާއަކީ އެންމެ އާންމު ޑިމެންޝިއާގެ ބާވަތެވެ. އަދި މިއީ އޮސްޓްރޭލިއާގެ އަންހެނުން އެންމެ ގިނައިން މަރުވުމުގެ މައިގަނޑު ސަބަބު ކަމަށްވާއިރު، އަދި ފިރިހެނުން މަރުވުމުގެ ދެވަނައަށް އެންމެ އާންމު ސަބަބެވެ.

މި ބޭސް ދެވެނީ ކޮންމެ ހަތަރު ހަފުތާއަކުން އެއްފަހަރު އަތުގެ ނާރަކަށް އިންޓްރަވީނަސް އިންފިއުޝަނެއްގެ ގޮތުގައި ގިނަވެގެން 18 މަސް ދުވަހުގެ މުއްދަތަށެވެ.

ކްލިނިކަލް ޓްރަޔަލްތަކުން ދައްކާގޮތުގައި މި ބޭހަކީ އަލްޒައިމާ ބަލީގެ ފުރަތަމަ މަރުހަލާތަކުގައި އެހީތެރިވެދޭ ބޭހެކެވެ.

ނަމަވެސް، މިއީ ފަރުވާއެއް ނޫނެވެ. އަދި މިއީ ކޮގްނިޓިވް ޑިކްލައިން ހުއްޓުވާ ބޭހެއްވެސް ނޫނެވެ. އެހެންނަމަވެސް، މި ބޭހަށް ބަލި މަޑުޖައްސާލެވި، ބަލިމީހުންނަށް ދިގު މުއްދަތަކަށް ރަނގަޅު ދިރިއުޅުމެއް ހޭދަކުރުމަށް މަގުފަހިކޮށްދެ އެވެ.

މި ބޭހަކީ ޔޫކޭ އަދި ޔޫއެސްގައި މިހާރުވެސް ހުއްދަ ލިބިފައިވާ ބޭހެކެވެ. ނަމަވެސް މިވަގުތު ފާމަސޫޓިކަލް ބެނެފިޓްސް ސްކީމްގައި މިބޭސް ލިސްޓްކުރެވިފައެއް ނުވެ އެވެ.

އަލްޒައިމާ ޖެހެން މެދުވެރިވާ ސަބަބަކީ ކޮބައިކަން ސިއްހީ މާހިރުން އަދި ސައިންްޓިސްޓުންނަށް މުޅިއަކުން ދެނެގަނެވިފައި ނުވެއެވެ. ނަމަވެސް ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި މި ބަލި ގުޅިފައި ވަނީ، އުމުރުން ދުވަސްވުމާއެކު ސިކުނޑިއަށް އަންނަ ބަދަލުތަކާ އެވެ. އުމުރުން ދުވަސްވެފައިވާ ކޮންމެ މީހަކަށް އަލްޒައިމާއެއް ނުޖެހެއެވެ. ނަމަވެސް އުމުރުން ދުވަސް ވުމަކީ މި ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމެކެވެ.