Advertisement

ފެނަކައިން ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން، އެކައުންޓުގައި ހުރި ފައިސާ ނަގާފައި ދީފި

24 މޭ 2025 - 11:32 0

އަމަން ހަލީމް

އަމަން ހަލީމް

ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު


ފެނަކައިން ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން، އެކައުންޓުގައި ހުރި ފައިސާ ނަގާފައި ދީފި

24 މޭ 2025 - 11:32 0

އަލްޓެކް ޓްރޭޑިން ކިޔާ ކުންފުންޏަކަށް ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ފެނަކައިން ފައިސާ ނުދެއްކުމުން، ކޯޓު އަމުރެއްގެ ދަށުން އެ ކުންފުނީގެ އެކައުންޓުގައި ހުރި ފައިސާ ނަގައި އަލްޓެކަށް ދީފި އެވެ.

ސިވިލް ކޯޓުން މި މައްސަލައިގައި ހުކުމެއް ކުރީ މިދިޔަ އަހަރުގެ މެއި 19، ގަ އެވެ. އެ ހުކުމުގައި އޮތީ އެ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އަލްޓެކަށް ދައްކަން ޖެހޭ ފައިސާ ދައްކައި ހަލާސްކުރުމަށެވެ.

މި ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން އަލްޓެކުން މިދިޔަ އަހަރުގެ ޑިސެމްބަރު 12، ގައި ކޯޓަށް ފޮނުވި މެއިލެއްގައި ބުނީ އޭގެ ކުރީ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ފެނަކައިން ދެއްކީ 597،906ރ. ކަމަށެވެ. އެއީ ފައިސާ ދައްކަން ކޯޓުން ދިން މުއްދަތު ހަމަވިތާ 172 ދުވަސް (ގާތްގަނޑަކަށް ހަ މަސް) ފަހަނައަޅައި ދިޔައިރު ފެނަކައިން ދެއްކި ފައިސާގެ އަދަދެވެ.

މި މައްސަލައިގައި ހުކުމް ތަންފީޒުކޮށްދިނުމަށް އެދި އަލްޓެކުން ހުށަހެޅި މައްސަލައިގައި މިދިޔަ މަހު ބޭއްވި އަޑުއެހުމެއްގައި ފެނަކައިން ވަނީ ބާކީ ނުދައްކައިވާ 146،410ރ. އެ ކުންފުނީގެ ބޭންކު އެކައުންޓުން ނަގާފައި ދިނުމަށް އިއުތިރާޒު ނުކުރާ ކަމަށެވެ. މިއާއެކީ، ކޯޓު އަމުރެއްގެ ދަށުން ބީއެމްއެލްގައި ހުރި އެ ކުންފުނީގެ އެކައުންޓުން ފައިސާ ނަގައި އަލްޓެކަށް ރައްދުކޮށް، ކޯޓުން ވަނީ ހުކުމް ތަންފީޒުކޮށްފަ އެވެ.

މި ނޫނަސް ގިނަ މައްސަލަތަކެއްގައި ހުކުމާ އެއްގޮތަށް ފެނަކައިން ފައިސާ ނުދައްކައިގެން ތަންފީޒީ މައްސަލަތައް ކޯޓަށް ހުށަހަޅައި، ބައެއް މައްސަލަތަކުގައި ކޯޓުން ވަނީ ހުކުމަށް އިހުތިރާމް ކުރަން ފެނަކައަށް އަމުރުކޮށް ފައިސާ ދައްކަން އަންގާފަ އެވެ.

ފެނަކައަކީ މާލެ އާއި މަދު ރަށްތަކެއް ފިޔަވައި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި، ކަރަންޓާއި، ނަރުދަމާގެ ހިދުމަތްދޭ ކުންފުންޏެވެ. މި ކުންފުނީގެ ގިނަ ދަރަނިތަކަކީ މަސައްކަތާއި ސާމާނާއި ހިދުމަތްތައް ހޯދާފައި އަމިއްލަ ވިޔަފާރިތަކަށް ނުދައްކައި ހުރި ފައިސާއާ ގުޅޭ ދަރަނިތަކެވެ.