24 މޭ 2025 - 10:26 8
ހައްޖު ކޯޕަރޭޝަނުގެ އެމްޑީ މުހައްމަދު ޝަކީލު: ސަރުކާރުގެ ބޭނުންތަކަށް ނެގީ ކިތައް ކޯޓާކަން ހާމަކުރަން ކޯޕަރޭޝަނުން ބޭނުމެއް ނުވި -- ފޮޓޯ: ފައިލް
24 މޭ 2025 - 10:26 8
ދިވެހިރާއްޖެއިން މި އަހަރު ހައްޖަށް ފުރާ މީހުންގެ އަދަދާއި ސަރުކާރުގެ ބޭނުމަށް ނެގި ހައްގު ކޯޓާގެ އަދަދު ހާމަ ކުރަން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ދެކޮޅު ހަދައިފި އެވެ.
އެ މައުލޫމާތުތައް ހޯދަން އަދަދު އިން ހައްޖު ކޯޕަރޭޝަނަށް މެއި 18، ގައި ގުޅުމުން އެތަނުން ބުނީ އީމެއިލެއްގައި ލިޔެފައި ސުވާލުތައް ފޮނުވުމަށެވެ. ނަމަވެސް މި ނޫހުން ފޮނުވި އީމެއިލްއަށް މިހާތަނަށް ވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.
އީމެއިލްއަށް ޖަވާބު ނުދޭތީ އަނެއްކާ ދެ ފަހަރަކު މި ނޫހުން ގުޅުމުން ހައްޖު ކޯޕަރޭޝަނަށް ބުނީ އީމެއިލް ލިބިފައިވޭތޯ ބަލައިލާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ސުވާލުތަކަށް ޖަވާބެއް ދީފައެއް ނުވެ އެވެ.
މި އަހަރު ވެސް ސައުދީ އަރަބިއްޔާއިން ވަނީ ރާއްޖެއަށް 1000 ހައްޖު ކޯޓާ ދީފަ އެވެ. ދިވެހި ހައްޖުވެރިން ފުރާނީ މެއި 26، މެއި 27، މެއި 29، މެއި 30، ގަ އެވެ. ހައްޖުވެރިން ފުރާނީ މޯލްޑިވިއަންގެ ދެ ބޯޓުގައި އަދި ސައުދީ އެއާގެ ދެ ބޯޓެއްގަ އެވެ.
ދިވެހި ހައްޖުވެރިން ހައްޖު ދަތުރުގައި އާންމުކޮށް 20 ނުވަތަ 25 ދުވަސް ހޭދަ ކުރެ އެވެ. ނަމަވެސް ސަރުކާރުން ވަނީ އެ މުއްދަތު މިފަހަރު އެންމެ 15 ދުވަހަށް ކުޑަކޮށްފަ އެވެ. ހައްޖު ދަތުރުގެ މުއްދަތު މަދު ކުރި ނަމަވެސް ހައްޖުވެރިންނަށް ޑިސްކައުންޓެއް ލިބިފައެއް ނުވެ އެވެ.
ހައްޖު ދަތުރު ކުރު ކުރި ނަމަވެސް ސަރުކާރުގެ ބޮޑު ވަފުދެއް މިދިޔަ ހަފުތާގައި ވަނީ ހައްޖަށް ފުރައިފަ އެވެ. އޭގެ ތެރޭގައި ޕީއެސްއެމްގެ ޓީމަކާއި އިސްލާމިކް މިނިސްޓްރީގެ މީޑިއާ ޓީމެއް ވެސް ހިމެނެ އެވެ.
Comment