Advertisement

މައްސަލަ ފައިލް ކުރުމަށްފަހު ވެސް ބިދޭސީއެއްގެ އަތުން އަތުލި ފައިސާތަކެއް ގިނަ އަހަރުތަކެއް ވަންދެން ފުލުހުން ހިފަހައްޓައިފި

23 މޭ 2025 - 09:27 1

ފުލުސް މަރުކަޒެއް، ފުލުހަކު ގާޑު ކުރަނީ: ފައިސާތައް ވެރި ފަރާތާ ހަވާލު ކުރަން ހުކުމް ކުރީ ސިވިލް ކޯޓުން -- ފޮޓޯ: އަދަދު ފައިލް


މައްސަލަ ފައިލް ކުރުމަށްފަހު ވެސް ބިދޭސީއެއްގެ އަތުން އަތުލި ފައިސާތަކެއް ގިނަ އަހަރުތަކެއް ވަންދެން ފުލުހުން ހިފަހައްޓައިފި

23 މޭ 2025 - 09:27 1

މަނީ ލޯންޑާ ކުރަން އުޅުނު ކަމަށް ބުނެ ބިދޭސީއެއްގެ އަތުން 2019 ވަނަ އަހަރު ހިފެހެއްޓި ގިނަ އަދަދެއްގެ ފައިސާ، އެ މައްސަލަ ފައިލް ކުރުމަށް ފަހު ވެސް ހިފަހައްޓައިގެން އުޅެފައިވާތީ، ފައިސާގެ ވެރި ފަރާތާ އެ ފައިސާ ހަވާލު ކުރަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އިންޑިއާ ރައްޔިތެއް ކަމަށްވާ މުރުގޭޝް ކަރުނަ ނިދީ އަތުން އަތުން އަތުލާފައި ވަނީ 60،037 ޑޮލަރު (925,770ރ.) އާއި 5415 ޔޫރޯ (959,233ރ.) އެވެ. އެ ފައިސާ އަތުލީ ފުރަން ގޮސް ފައިސާ ޑިކްލިއާ ކުރި ފަހުން ސެޕްޓެމްބަރު 15، 2019، ގަ އެވެ.

އެންމެ ފުރަތަމަ އެ ފައިސާތައް މުރުގޭޝް އަތުން އަތުލީ މޯލްޑިވްސް ކަސްޓަމްސް ސާވިސް އިންނެވެ. ކަސްޓަމްސް އިން އެ ފައިސާ ހަވާލު ކުރީ ފުލުހުންނާ އެވެ. އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން މައްސަލައިގައި ދައުވާ ނުކުރެވޭނެ ކަމަށް ސެޕްޓެމްބަރު، 2021، ގައި ވަނީ ކަނޑައަޅައިފަ އެވެ.

މުރުގޭޝްއަކީ ކްރިޝްނާ އެގްޒިމް ކިޔާ އިންޑިއާ ކުންފުންޏެއްގެ ޕާޗޭސް މެނޭޖަރެވެ. އެ ކުންފުންޏަކީ އިންޑިއާއިން ރާއްޖެއަށް މުދާ އެތެރެ ކުރަމުން އަންނަ ކުންފުންޏެކެވެ. ރާއްޖޭގެ ކުންފުނިތަކުން ދޭންޖެހޭ ފައިސާ ބަލައި ކްރިޝްނާ އެގްޒިމުން ދޭތެރެއަކުން މީހުން މާލެއަށް ފޮނުވަ އެވެ.

އެ މައްސަލައިގައި ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމުނުން އެ މައްސަލަ ފައިލްކޮށްފައިވާ ކަމަށް ފުލުހުން ވަނީ މުރުގޭޝްއަށް އަންގައިފަ އެވެ. ނަމަވެސް އެ މައްސަލައިގައި އަތުލި ފައިސާއް ދިނުމަށް ފުލުހުން ދިޔައީ ދެކޮޅު ހަދަމުންނެވެ. އުޒުރަކަށް ފުލުހުން ދައްކަމުންދިޔައީ ފައިސާގެ ސައްހަކަން ކަށަވަރުނުވުމެވެ.

ދައުވާ ނުކުރަން ނިންމި ނަމަވެސް މުރުގޭޝްއަށް އެ ފައިސާތައް އަނބުރާ ދޭންނުޖެހޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އޮތީ ފުލުހުންނަށް ލަފައެއް ވެސް ދީފަ އެވެ.

ފައިސާގެ ސައްހަކަން ކަށަވަރު ނުވާ ކަމަށް ފުލުހުން ބުނި ނަމަވެސް، އެ ފައިސާ މުރުގޭޝްއަށް ދިން މީހުންގެ ބަޔާންތަކާއި ފައިސާގެ އިންވޮއިސްތަކާއި އިތުރު ލިޔުންތައް ވެސް ބަރާބަރަށް ހަމައަށް ހުއްޓެވެ. ސިވިލް ކޯޓުން ވެސް ބުނީ، މުރުގޭޝް އެ ފައިސާ ހޯދި ގޮތާއި ފައިސާ ހޯދީ ކޮން ގޮތަކުން ކަމާއި އެ ފައިސާ ހޯދި ކޮން ބައެއްގެ އަތުން ކަން ސާފުވާ ކަމަށެވެ.

ކޯޓުން ހުކުމް ކުރީ ހުކުމް ކުރާތާ 15 ދުވަހުގެ ތެރޭގައި މުރުގޭޝްއާ އެ ފައިސާ ހަވާލު ކުރުމަށެވެ.