Advertisement

‏އޭއައި އިން ހަގީގަތް އޮޅުވައިލުން އިންސާނުންނަށް ވުރެ މަދު

24 މޭ 2025 - 07:07 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު

‏އެންތްރޮޕިކްގެ ސީއީއޯ ޑާރިއޯ އަމޮޑެއީ ‏-- ފޮޓޯ: ޓެކްކްރަންޗް


‏އޭއައި އިން ހަގީގަތް އޮޅުވައިލުން އިންސާނުންނަށް ވުރެ މަދު

24 މޭ 2025 - 07:07 0

އޭއައި މޮޑެލްތަކުން "ހެލޫސިނޭޓް" ކުރާ މިންވަރު އިންސާނުންނަށްވުރެ މަދު ކަމަށް, އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާގައި މަސައްކަތްކުރާ ޓެކްނޮލޮޖީ ކުންފުންޏެއް ކަމުގައިވާ ‏‏އެންތްރޮޕިކްގެ ސީއީއޯ ޑާރިއޯ އަމޮޑެއީ ވިދާޅުވެއްޖެ އެވެ. "ހެލޫސިނޭޝަން" އަކީ އޭއައި މޮޑެލްތަކުން ތެދު ނޫން ‏‏މައުލޫމާތު އުފައްދައި، އެއީ ތެދު މައުލޫމާތެއް ކަމަށް ދައްކާ ހާލަތެވެ.

ބުރާސްފަތި ‏‏ދުވަހު ސަން ފްރެންސިސްކޯގައި ބޭއްވި އެންތްރޮޕިކްގެ ފުރަތަމަ ޑިވެލޮޕަ އިވެންޓް "ކޯޑް ވިތް ކްލޯޑް" ގައި ‏‏ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ‏އަމޮޑެއީ ވިދާޅުވި ގޮތުގައި، "މިންކުރާ ގޮތަށް ބަލާއިރު، އޭއައި މޮޑެލްތަކުން ހެލޫސިނޭޓް ކުރަނީ، ‏‏އިންސާނުންނަށްވުރެ މަދުން" ކަމަށެވެ. އެ މޮޑެލްތަކުން ހެލޫސިނޭޓް ކުރާ ގޮތްތައް އިންސާނުންނަށްވުރެ ބޮޑަށް ‏‏ހައިރާންކުރުވާ ކަމަށް އޭނާ ވިދާޅުވި އެވެ‏‎.‎

‏އެންތްރޮޕިކްގެ ސީއީއޯއަކީ އޭއައި މޮޑެލްތަކުން އޭޖީއައި (އާޓިފިޝަލް ޖެނެރަލް އިންޓެލިޖެންސް) އަށް ވާސިލްވުމުގެ ‏‏ފުރުސަތާމެދު އެންމެ އުއްމީދީ ލީޑަރުންގެ ތެރެއިން އެކެކެވެ. އޭޖީއައި އަކީ އިންސާނުންގެ ފެންވަރުގެ ނުވަތަ ‏‏އެއަށްވުރެ މަތީ ފެންވަރުގެ އިންޓެލިޖެންސް ހުންނަ އޭއައި ސިސްޓަމްތަކެވެ.

ފާއިތުވި އަހަރު އަމޮޑެއީ ލިޔުއްވި ‏‏މަޝްހޫރު ޕޭޕަރެއްގައި ވިދާޅުވެފައިވަނީ އޭޖީއައި 2026 ވަނަ އަހަރު ވުޖޫދަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ‏‏ބުރާސްފަތި ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަމޮޑެއީ ވިދާޅުވީ އެ ދިމާއަށް ހަލުވި ކުރިއެރުންތަކެއް ‏‏ފެންނަމުންދާ ކަމަށެވެ. ‏

‏އެހެން އޭއައި ލީޑަރުން ދެކޭ ގޮތުގައި ހެލޫސިނޭޝަންއަކީ އޭޖީއައި އަށް ވާސިލްވުމަށް އޮތް ބޮޑު ހުރަހެކެވެ.

މި ހަފުތާގެ ‏‏ކުރީކޮޅު، ގޫގުލް ޑީޕްމައިންޑްގެ ސީއީއޯ ޑެމިސް ހަސަބިސް ވިދާޅުވެފައި ވަނީ މިއަދުގެ އޭއައި މޮޑެލްތަކުގައި "ވަރަށް ‏‏ގިނަ ހުސްތަން" ހުރި ކަމަށާއި، ވަރަށް ގިނަ ސާފު ސުވާލުތަކަށް ނުބައިކޮށް ޖަވާބުދޭ ކަމަށެވެ. މިސާލަކަށް، މި ‏‏މަހުގެ ކުރީކޮޅު، އެންތްރޮޕިކް ތަމްސީލުކުރި ވަކީލަކު ކޯޓުގައި މައާފަށް އެދެންޖެހުނެވެ، ކޯޓަށް ހުށަހެޅި ލިޔުމެއްގައި ‏‏ހަވާލާތައް ހޯދުމަށް ކްލޯޑް ބޭނުންކުރުމުން، އެ އޭއައި ޗެޓްބޮޓުން ހެލޫސިނޭޓްކޮށް ނަންތަކާއި މަގާމުތައް ‏‏ނުބައިކޮށް ލިޔެފައިވެ އެވެ.

‏އަމޮޑެއީގެ މިވާހަކަތަކަށް ގޮތެއް ކަނޑައެޅުމަކީ މިދާއިރާގެ ބޭފުޅުން ދެކިލައްވާ ގޮތުގައި އުނދަގޫ ކަމެކެވެ. އެއީ ގިނަ ހެލޫސިނޭޝަން ބެންޗްމާކްތަކުން އޭއައި ‏‏މޮޑެލްތައް އަޅާކިޔަނީ އެހެން އޭއައި މޮޑެލްތަކާ އެކުގައި ކަމުން، އިންސާނުންނާ އަޅާކިޔާފައި ނުވާތީ އެވެ. ބައެއް ‏‏ޓެކްނިކްތަކުން ހެލޫސިނޭޝަން ރޭޓް ދަށްކުރުމަށް އެހީވާކަން ފާހަގަކުރެވެ އެވެ.

މިސާލަކަށް، އޭއައި މޮޑެލްތަކަށް ވެބް ‏‏ސާޗް އެކްސެސް ދިނުމެވެ. އަދި ބައެއް އޭއައި މޮޑެލްތަކުގައި، މިސާލަކަށް އޯޕެންއޭއައިގެ ޖީޕީޓީ-4.5 ގައި، ކުރީގެ ‏‏ޖީލުގެ ސިސްޓަމްތަކާ އަޅާބަލާއިރު ހެލޫސިނޭޝަން ރޭޓް ދަށްކަން ފާހަގަކުރެވެ އެވެ‏‎.‎

‏އެހެން ނަމަވެސް، ފުންކޮށް ވިސްނުމުގެ ގާބިލިއްޔަތު ހުރި އޭއައި މޮޑެލްތަކުގައި ހެލޫސިނޭޝަން އިތުރުވަމުންދާކަން ‏‏ދައްކުވައިދޭ ހެކިތަކެއްވެސް އެބަހުއްޓެވެ. އޯޕެންއޭއައިގެ‏‎ o3 ‎‏އަދި‏‎ o4-‎‏މިނީ މޮޑެލްތަކުގައި، ކުރީގެ ޖީލުގެ ވިސްނުމުގެ ‏‏މޮޑެލްތަކަށްވުރެ ހެލޫސިނޭޝަން ރޭޓް މަތިކަން ފާހަގަކުރެވިފައިވެއެވެ. އަދި އެ ކުންފުނިން މިކަން މިހެން ދިމާވާ ‏‏ސަބަބު ރަނގަޅަށް ނޭނގޭކަމަށް ބުނެފައިވެ އެވެ‏‎.‎

‏ނޫސްވެރިންގެ ބައްދަލުވުމުގެ ފަހުކޮޅު، އަމޮޑެއީ ފާހަގަކުރެއްވީ ޓީވީ ބްރޯޑްކާސްޓަރުން، ސިޔާސީ ވެރިން، އަދި ‏‏ހުރިހާ ބާވަތެއްގެ ވަޒީފާތަކުގައި ތިބޭ އިންސާނުންވެސް ގޯސްކޮށް ކަންކަން ކުރާކަމެވެ. އޭއައި އިންވެސް ގޯސްކޮށް ‏‏ކަންކަން ކުރުމަކީ އޭގެ އިންޓެލިޖެންސްއަށް ހުތުރުވާ ކަމެއް ނޫން ކަމަށް އަމޮޑެއީ ވިދާޅުވިއެވެ. އެހެންނަމަވެސް، ‏‏އޭއައި މޮޑެލްތަކުން ތެދު ނޫން ކަންކަން ހަގީގަތެއްގެ ގޮތުގައި ހުށަހަޅާއިރު ދައްކާ ޔަގީންކަން މައްސަލައަކަށް ‏‏ވެދާނެކަން އެންތްރޮޕިކްގެ ސީއީއޯ ގަބޫލުކުރެއްވި އެވެ‏‎.‎

އެންތްރޮޕިކްއިން ވަނީ އޭއައި މޮޑެލްތަކުން އިންސާނުންނަށް އޮޅުވާލުމުގެ މައްޗަށް ގިނަ ދިރާސާތަކެއް ‏‏ކޮށްފައެވެ. މި މައްސަލަ ފާހަގަކުރެވިފައިވަނީ ފަހުން ތައާރަފުކުރި ކްލޯޑް އޯޕަސް 4 ‏‏ގަ އެވެ.

އެޕޯލޯ ރިސާޗް، އެ އޭއައި މޮޑެލް ޓެސްޓްކުރުމަށް ކުރިން އެކްސެސް ލިބިފައިވާ ސޭފްޓީ ‏‏އިންސްޓިޓިއުޓަކުން ފާހަގަކޮށްފައިވަނީ ކްލޯޑް އޯޕަސް 4 ގެ ކުރީގެ ވާޝަނެއްގައި އިންސާނުންނާ ދެކޮޅަށް ‏‏ރޭވުމާއި އޮޅުވާލުމުގެ މައްސަލަ ބޮޑަށް ހުރިކަމެވެ. އެޕޯލޯއިން ހުށަހަޅާފައިވަނީ އެންތްރޮޕިކްއިން އެ ކުރީގެ މޮޑެލް ‏‏ނެރެގެން ނުވާނެ ކަމަށެވެ. އެންތްރޮޕިކްއިން ބުނެފައިވަނީ އެޕޯލޯއިން ފާހަގަކުރި މައްސަލަތައް ހައްލުކުރުމަށް ބައެއް ‏‏ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ‏‎.‎

‏އަމޮޑެއީގެ ވާހަކަތަކުން ދޭހަވަނީ އެންތްރޮޕިކްއިން އޭއައި މޮޑެލެއް އޭޖީއައި ނުވަތަ އިންސާނުންގެ ފެންވަރުގެ ‏‏އިންޓެލިޖެންސްއާ އެއްވަރު ކަމަށް ބެލުމުގައި، އެ މޮޑެލް ހެލޫސިނޭޓްކުރިޔަސް އެކަން ބަލައިގަންނާނެ ކަމަށެވެ.

އެންތްރޮޕިކް އުފައްދާފައި ވަނީ 2021 ވަނަ އަހަރުގަ އެވެ. އެ ކުންފުނީގެ މައިގަނޑު އުފެއްދުމަކީ "ކްލޯޑް" ނަމަކަށް ކިޔާ އޭއައި ޗެޓްބޮޓެވެ.