Advertisement

އިނގިރޭސި ސަރުކާރުން އަހަރަކު 101 މިލިއަން ޕައުންޑް ދައްކާ ގޮތަށް ޗާގޯސް މޮރިޝަސްއާ ހަވާލުކޮށްފި

22 މޭ 2025 - 22:24 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


އިނގިރޭސި ސަރުކާރުން އަހަރަކު 101 މިލިއަން ޕައުންޑް ދައްކާ ގޮތަށް ޗާގޯސް މޮރިޝަސްއާ ހަވާލުކޮށްފި

22 މޭ 2025 - 22:24 2

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލަން އިނގިރޭސިވިލާތުން ނިންމައި، އެކުލަވާލި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ޗާގޯސްގެ ހުރިހާ ރަށްތަކެއްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭނެ އެވެ. ނަމަވެސް އެ ރަށްތަކުގެ ތެރެއިން ޑިއޭގޯ ގާސިއާ 99 އަހަރަށް އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ އެމެރިކާ އާއި އިނގިރޭސިވިލާތަށް އެ އެއްބަސްވުމުގެ ދަށުން ލިބޭނެ އެވެ.

އެ އެއްބަސްވުމުގެ ދަށުން އަހަރެއްގެ މައްޗަށް އެވެރެޖު ގޮތެއްގައި 101 މިލިއަން ޕައުންޑް މޮރިޝަސްއަށް އިނގިރޭސިވިލާތުން ދައްކާނެ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ މަސްދަރަކާ ހަވާލާދީ ބީބީސީއިން ބުނެ އެވެ. ފުރަތަމަ ތިން އަހަރު 165 މިލިއަން ޕައުންޑް ދައްކަން ޖެހޭ މި އެއްބަސްވުމުގެ ޖުމުލަ އަގު 3.4 ބިލިއަން ޕައުންޑަށް އަރާނެ އެވެ.

އޭގެ އިތުރުން ކުރިއަށް އޮތް 25 އަހަރުގެ ތެރޭގައި މޮރިޝަސްގައި ހިންގާ ތަރައްގީގެ ޕްރޮޖެކްޓުތަކަށް ޓްރަސްޓު ފަންޑެއް މެދުވެރިކޮށް އިނގިރޭސިވިލާތުން ހޭދަކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ. މި އެއްބަސްވުން އިތުރު 40 އަހަރަށް ދަންމާލުމުގެ މާއްދާއެއް ވެސް ވަނީ ހިމަނާފަ އެވެ.

މިއަދުގެ ވަގުތެއްގައި އިނގިރޭސި ހައިކޯޓުން މި އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ހުއްޓުވުމަށް އަމުރެއް ވެސް ނެރުނެވެ. ނަމަވެސް އަލުން އެއްބަސްވުމުގައި ސޮއިކުރަން ހުއްދަ ދިނީ އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސިވިލާތުން އެއްބަސްވީ މިދިޔަ އޮކްޓޯބަރުގަ އެވެ. އިނގިރޭސިވިލާތުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން އެއްބަސްވީ އދ. އިން އެދެމުންދާތާ އެތައް އަހަރެއް ފަހުންނެވެ. އެގޮތަށް އެކަން ކުރުމަށް އަންގާ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ އެޑްވައިޒަރީ އޮޮޮޕީނިއަންއެއް ދީފަ އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން ނިންމުމާއެކު، އެކަމަށް ގޮންޖަހައި ދިވެހި ސަރުކާރުން ވަނީ އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުވާފަ އެވެ.

ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބުން މާ ހައްގު ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުގެ ސަރުކާރަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޖުމްހުރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މި ސިޓީގެ ކޮޕީއަކަށާއި އެކުގައި ފޮނުވި ކަމަށް އެމަނިކުފާނު ވިދާޅުވި ލިޔެކިޔުންތަކުގެ ކޮޕީތަކަށް މި ނޫހުން ވާނީ އެދިފަ އެވެ. އެ ހުށަހެޅުމަށް އަދި ޖަވާބެއް ލިބިފައެއް ނުވެ އެވެ. އިނގިރޭސި ސަރުކާރުން މި ސިޓީއަށް ޖަވާބު ދިންކަމެއް ވެސް ހާމަކޮށްފައި ނުވެ އެވެ.