Advertisement

ޑޮލަރެއްގެ އަގު 19.30 އަށް އަރައި، ބޭންކުން ދޭ ސަޕޯޓު ފަސް ޕަސެންޓު ކުޑަކޮށްފި

22 މޭ 2025 - 14:56 0

އަމަން ހަލީމް

އަމަން ހަލީމް


ޑޮލަރެއްގެ އަގު 19.30 އަށް އަރައި، ބޭންކުން ދޭ ސަޕޯޓު ފަސް ޕަސެންޓު ކުޑަކޮށްފި

22 މޭ 2025 - 14:56 0

އާންމުންނާއި ވިޔަފާރިތަކަށް ޑޮލަރު ގަންނަން މަޖުބޫރުވެފައިވާ ކަޅު ބާޒާރުން ޑޮލަރެއް ވިއްކާ އަގު 19.30ރ. އަށް އުފުލި، ބޭރުން މުދާ ގަންނަން ކުރާ ޓީޓީއަށް ބޭންކުތަކުން ދޭ ޑޮލަރު ސަޕޯޓު ފަސް ޕަސެންޓަށް ދަށްކޮށްފައިވާ ކަމަށް ވިޔަފާރިވެރިން ބުނަން ފަށައިފި އެވެ.

މި މައްސަލައިގައި ނަން ނުޖަހާ ގޮތަށް އަދަދު އާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި، ބޭންކުތަކުން މި ގޮތަށް ނިންމި ވަކި ސަބަބެއް ނުބުނެ، ޓީޓީއަށް ޑޮލަރު ސަޕޯޓުގެ ގޮތުގައި ދެވޭ އަދަދު ކުޑަކޮށްފައިވާކަން ވަނީ އަންގާފަ އެވެ. މިއާ އެކީ މުދާ ގަންނަން ކުރަން ޖެހޭ ހަރަދު ބޮޑުވެ، މުދާ ވިއްކާ އަގު އުފުލަން ޖެހިދާނެ ކަމަށް ވެސް އެ ވިޔަފާރިވެރިން ބުންޏެވެ.

ޑޮލަރުގެ އަގު އުފުލި، ބޭންކުތަކުން ޑޮލަރު ސަޕޯޓަށް ދޭ އިންސައްތަ ދައްކޮށްފައި މި ވަނީ ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ ބޮޑެތި ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ބޭރު ފައިސާގެ 90 ޕަސެންޓު އެމްއެމްއޭއަށް ނަގަން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ. ކުރިން އެމްއެމްއޭއަށް މާރުކުރަން ޖެހެނީ ކޮންމެ ހަފުތާއަކު މާރުކުރާ ފައިސާގެ 60 ޕަސެންޓެވެ.

އެމްއެމްއޭއަށް ނަގާ ޑޮލަރުގެ އިންސައްތައަށް ގެނައި ބަދަލާ ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާނެއްގައި އެ އޮތޯރިޓީން ބުނީ އެއީ ބޭންކުތަކަށް ފޯރުކޮށްދޭ ޑޮލަރުގެ ކަންކަން ހަރުދަނާ ކުރުމަށް ގެނައި ބަދަލެއް ކަމަށެވެ. މި ބަދަލަށް އަމަލުކުރަން ފަށަނީ އަންނަ މަހުގެ އެކަކުން ފެށިގެންނެވެ.

ޑޮލަރުގެ ސަޕޯޓު ކުޑަކުރުމާ ގުޅޭ ގޮތުން ބޭންކުތަކުން ރަސްމީކޮށް އެއްޗެއް ނުބުނާއިރު، ޑޮލަރު ސަޕޯޓުގެ ގޮތުގައި ވިޔަފާރިތަކަށް ދޭ ފައިސާގެ އިންސައްތަ ކަނޑައެޅުމުގެ ބާރު އޮންނަނީ ބޭންކުތަކަށެވެ. ބޭންކުތަކުން މި އިންސައްތަ ކަނޑައަޅަނީ ބޭންކުތަކަށް ލިބޭ ޑޮލަރުގެ އަދަދަށާއި އެކްސްޗޭންޖު ރޭޓު ހިފަހައްޓަން އެމްއެމްއޭއިން ބޭންކުތަކަށް ފޯރުކޮށްދޭ ޑޮލަރުގެ މިންވަރަަށް ބިނާކޮށެވެ.

ޑޮލަރުގެ ވިއްކުމުގެ ހަރަކާތްތެރިވާ ބައެއް މީހުން ބުނި ގޮތުގައި، ޑޮލަރުގެ އަގު އުފުލެމުން ދަނީ އެމްއެމްއޭގެ ނިންމުމަށް ވުރެ ބޮޑަށް، ޓޫރިޒަމްގެ ލޯ ސީޒަނާ ދިމާވުމުންނެވެ. އެ ގޮތުން މި ދުވަސްކޮޅު ޑޮލަރު ލިބޭ މިންވަރު، އެހެން އަހަރުތަކުގެ މި ދުވަސްވަރެކޭ އެއް ފަދައިން، ވަރަށް މަދު ކަމަށް އެ މީހުން މައުލޫމާތު ދީފައިވެ އެވެ.

ޑޮލަރުގެ އަގު އަނެއްކާ ވެސް އުފުލެމުން އަންނަ އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، ސަރުކާރުން ތަންފީޒުކުރަމުންދާ ފިޔަވަޅުތަކާއެކީ ރަސްމީ ރޭޓުގައި ޑޮލަރު ލިބެން ފަށާނީ 2027 ގައި ކަމަށެވެ. އަދި މި އަމާޒަށް ވާސިލުވާން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

ރަސްމީ ޑޮލަރު ރޭޓަކީ 15.42 ރ. އެވެ. އެހެން ކަމުން މި ވަގުތު ކަޅު ބާޒާރުގައި ޑޮލަރެއް ވިއްކަމުން ދަނީ ރަސްމީ ރޭޓަށް ވުރެ 3.88ރ. ބޮޑުކޮށެވެ.