Advertisement

ޗާގޯސް މޮރިޝަސްއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި މިއަދު ރަސްމީކޮށް ސޮއި ކުރަނީ

ޗާގޯސްގެ މަތިން ފެންނަ ފޮޓޯއެއް؛ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން ނިންމުމާއެކު، އެކަމަށް ގޮންޖަހައި ދިވެހި ސަރުކާރުން ވަނީ އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުވާފަ -- ފޮޓޯ: ގޫގުލް އާތު


ޗާގޯސް މޮރިޝަސްއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި މިއަދު ރަސްމީކޮށް ސޮއި ކުރަނީ

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލަން އިނގިރޭސިވިލާތުން ނިންމައި، އެކުލަވާލި އެއްބަސްވުގައި ސޮއިކުރަން ތައްޔާރުވެއްޖެ އެވެ.

ދަ ޓެލެގްރާފުން ރިޕޯޓު ކޮށްފައި ވާގޮތުގައި ޗާގޯސް މޮރިޝަސްއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރާނީ މިއަދު އޮންލައިންކޮށް ބާއްވާ ބައްދަލުވުމެއްގެ ތެރެއިންނެވެ. އެއްބަސްވުމުގައި ސޮއި ކުރާނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ކިއާ ސްޓާމާ އަދި މޮރިޝަސްގެ ބޮޑުވަޒީރު، ނަވިން ރާމްގޫލާމް އެވެ.

މިއަދު ސޮއިކުރާ އެއްބަސްވުމުގެ ދަށުން ޗާގޯސްގެ ހުރިހާ ރަށްތަކެއްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭނެ އެވެ. ނަމަވެސް އެ ރަށްތަކުގެ ތެރެއިން ޑިއޭގޯ ގާސިއާ 99 އަހަރަށް އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ އެމެރިކާ އާއި އިނގިރޭސިވިލާތަށް އެ އެއްބަސްވުމުގެ ދަށުން ލިބޭނެ ކަމަށް ބޭރުގެ ނޫސް އޭޖެންސީތަކުން ރިޕޯޓު ކޮށްފައިވެ އެވެ.

އޭގެ ބަދަލެއްގެ ގޮތުން އިނގިރޭސިވިލާތުން މޮރިޝަސްއަށް އެތައް ބިލިއަން ޑޮލަރެއް ދިނުމަށް އެއްބަސްވެފައިވާ ކަމަށް ވެސް ދަ ޓެލެގްރާފް އަދި ބީބީސީގައި ރިޕޯޓު ކޮށްފައިވެ އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސިވިލާތުން އެއްބަސްވީ މިދިޔަ އޮކްޓޯބަރުގަ އެވެ. މެރިކާގެ ނިމިގެންދިޔަ ޑިމޮކްރެޓުންގެ ސަރުކާރުގައި ޖޯ ބައިޑެންގެ ރުހުމާއެކު އެކުލަވާލި މި އެއްބަސްވުން ރަސްމީ ނުވެ ފަސްވީ ޓްރަމްޕު އިންތިހާބުވުމާއެކު އެ އެއްބަސްވުމާ މެދު ސުވާލުތަކެއް އުފެދުމުންނެވެ.

އެގޮތުން، ޗައިނާއާ ގާތް ގުޅުމެއް އޮންނަ ކަމަށް އެމެރިކާއިން ބުނާ މޮރިޝަސްއަށް ޗާގޯސް ދިނުމަކީ އެމެރިކާގެ ގައުމީ ސަލާމަތައް އޮތް ނުރައްކަލެއްގެ ގޮތުގައި ޓްރަމްޕު ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމުގައި ހުންނެވި މާކޯ ރުބިއޯ މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

އިނގިރޭސިވިލާތުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން އެއްބަސްވީ އދ. އިން އެދެމުންދާތާ އެތައް އަހަރެއް ފަހުންނެވެ. އެގޮތަށް އެކަން ކުރުމަށް އަންގާ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ އެޑްވައިޒަރީ އޮޮޮޕީނިއަންއެއް ދީފަ އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން ނިންމުމާއެކު، އެކަމަށް ގޮންޖަހައި ދިވެހި ސަރުކާރުން ވަނީ އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުވާފަ އެވެ.

ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބުން މާ ހައްގު ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުގެ ސަރުކާރަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޖުމްހުރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މި ސިޓީގެ ކޮޕީއަކަށާއި އެކުގައި ފޮނުވި ކަމަށް އެމަނިކުފާނު ވިދާޅުވި ލިޔެކިޔުންތަކުގެ ކޮޕީތަކަށް މި ނޫހުން ވާނީ އެދިފަ އެވެ. އެ ހުށަހެޅުމަށް އަދި ޖަވާބެއް ލިބިފައެއް ނުވެ އެވެ.